ހަބަރު

ފުލުހުންނަށް ބޮޑު ބާރެއް: މައުމޫންގެ ކަންބޮޑުވުމާއި ސުވާލު

ސަރުކާރުން މަޖިލީހަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެންނަ ހުށަހަޅާފައިވާ އިސްލާހުތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދޭން ނިންމާފައިވާތީ ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ކަން ބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ބޮޑެތި އިސްލާހުތަކެއް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތުވުމުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމެވެ. އަދި ޓެރަރިޒަމްގެ ކުށްތައް އިތުރު ކުރަން ވެސް ވަނީ ނިންމާފަ އެވެ.

އޭގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުން ކުށަކަށް ހަދާނެ އެވެ. އެއީ އެފަދަ ޖަމާއަތަކަށް ތާއީދުކޮށް ހިޔާލެއް ފާޅުކުރި ކަމުގައި ވިޔަސް ކުށަކަށް ވާނެ އެވެ.

އާ އިސްލާހުތަކާ ގުޅިގެން މައުމޫން ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވެފައި ވަނީ، ރައީސް ސޯލިހު އެކުލަވާލެއްވި މަރު ކޮމިޝަނުން ފުލުހުން ހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ބުނެފައިވާ ކަމަށާއި، ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކަށް އަނިޔާ ކުރިތަން ވީޑިއޯ ކުރި މީހުންނަށް ބިރު ދައްކައި އެ ހެކި ނައްތާލަން ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެހެން އޮއްވާ ފުލުހުންނަށް އިތުރު ބާރުތަކެއް ދީ ފުލުހުންގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހުރަހަކަށް ހުރި ކޮންޓްރޯލްތައް ދުއްވާލަނީ ކީއްވެގެންތޯ މައުމޫން ވަނީ ސުވާލު ކުރައްވާފަ އެވެ.

މައުމޫން ވިދާޅުވީ، ރާއްޖެއަކީ މިހާރުވެސް ނޯތު ކޮރެއާ ފިޔަވާ އެންމެ ހަރުކަށި ޓެރަރިޒަމްގެ ގާނޫނު އޮތް ގައުމު ކަމަށެވެ. ނޫސްވެރިއަކު ގެއްލުވާލުމުގައި ދައުރު އޮތީ ގާނޫނުގެ ނޫން ކަމަށާއި، އެ ގާނޫނު ނަގަހައްޓަން ތިބީ މީހުންގެ ކަމަށްވީ އިރު އަދިވެސް ބަދަލު ކުރަންވީ ގާނޫނުތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

އޭނާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ކަންކަން އޭރު ގާނޫނުގައި ހިމެނުނުނަމަ، ގެއްލުވާލާފައިވާ މީހުންގެ ވާހަކަތައް ދައްކާ އާއިލާތަކާއި، ސަރުކާރުގެ އިދާރާތަކާއި ދެކޮޅަށް އެކަމުގައި ތެދުވި ޖަމިއްޔާ ޖަމާތްތައް ވެސް ޓެރަރިޒަމްގެ މަޅީގައި ބެދޭނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ޓެރަރިޒަމްގެ ނެޓްވޯކެއް އޮތް ކަމަށް ބުނާ ސިޔާސީ މީހާ ވެސް އެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ދެކޮޅު ވާހަކަ ދެއްކި ކަމަށް ބަލައި ދައުވާ ކުރެވޭނެ ކަމަށެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓެރަރިޒަމްގެ ކުށުގައި އަށް މަސް ދުވަސް ވަންދެން ގާނޫނާއި ހިލާފަށް ބަންދު ކޮށްގެން ގެންގުޅުނީ، ފުލުހުންނަށް ސުޕްރީމް ކޯޓުގެ އޯޑަރަށް ތަބާވާން ގޮވާލުމުން ޕީޖީއަށް އެކަމަކީ ދައުލަތަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން މަސައްކަތް ކުރުންކަމަށް ބެލެވިގެން ކަމަށާއި، އެހެން ކަމުން ކުރީގެ ރައީސަކަށް އެފަދަ ހާލަތެއް ދިމާވެ އެކަން ހުއްޓުވަން ކެރުނު މީހަކު ނެތް އިރު އާންމު ރައްޔިތަކަށް އެފަދަ ހާލަތެއްގައި ބިރުވެރިކަން އޮންނާނެ ވަރާމެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން އިތުރަށް ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ގާނޫނުގެ ދަށުން، ފުލުހުން މީހަކަށް އަނިޔާކުރި ވީޑިއޯ ނެގި މީހުން ވަގުތުން ބަންދު ކުރުމަށްފަހު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ހެދިދާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ކުރެވުނު ކަމެއް ކުރާށޭ ބުނަން ކެރޭނީ ކިތައް މީހުންނަށްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައި ވެއެވެ.

އަދި ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ބާރުގެ ބޭނުން ކޮށްގެން ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެފަދަ ހާލަތެއްގައި ދެން އޮންނާނީ އެމީހަކު ބުނާ ބުނުން އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަގީގީ ބިރުވެރިކަމަކީ ބާރުގައި ތިބި މީހުން އެބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، އާންމު ރައްޔިތުންނަށް އަނިޔާވެރިވުން ކަމަށާއި، އަދި އެ ކަންކަން ބަލަންޖެހޭ އިދާރާތަކުން އަޅާނުލުން ކަމަށެެވެ.