ހަބަރު

އީސީން "ޑިމޮކްރަސީ ރަން" ބާއްވަނީ

ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން "ޑިމޮކްރަސީ ރަން" ގެ ނަމުގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ.

އީސީގެ ތަރުޖަމާން އަދި ކޮޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރަން ބާއްވާ ދުވުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

އެ ދުވުމުގައި ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން އާންމުން ވެސް ބައިވެރިވާނެ އެވެ.

"މިއީ ހަމަ އޯޕަން ދައުވަތެއް. ކޮންމެ މީހަކަށްވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންގެ ގޮތުން ދުވުމެއް ބާއްވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އާންމުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދޭށެވެ. އަދި ޑެމޮކްރަސީގެ ހަމަތަކާއި އުސޫލުތަކަށް އަހުލުވެރިވާށެވެ.

ހޮނިިހިރު ދުވަހުގެ ދުވުން ފެށުމުގެ ކުރިން ބައިވެރިންނަށް ކީނޯޓްތަކެއް ދިނުން އޮނާނެ އެވެ.