ހޮލީވުޑް

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ތަރިއަކީ ރޮބަޓް ޑައުނީ ޖޫނިއާ

Aug 5, 2015

ފޯބްސް މަޖައްލާ އިން ކޮންމެ އަހަރަކު އާންމުކުރާ "ވޯލްޑްސް ހައެސްޓް ޕެއިޑް" އެކްޓަރުންގެ ލިސްޓަށް ބަލާއިރު އެކްޓަރު ރޮބަޓް ޑައުނީ ޖޫނިއާ ދިރިއުޅެމުން ގެންދަނީ ބޮޑުސްކްރީނުގައި އޭނާ ތަމްސީލުކޮށްދޭ މުއްސަނދި ސުޕަހީރޯ އަޔަން މޭން ނުވަތަ ޓޯނީ ސްޓާކްއާ އެއް ވަރުގެ އަރާމު ދިރިއުޅުމެކެވެ.

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރުންގެ ލިސްޓް ތަރުތީބުކޮށް އިއްޔެ އާންމުކޮށްފައިވާއިރު މި ލިސްޓްގެ ކުރީގައި ޑައުނީ ޖޫނިއާގެ ނަން އޮތީ މިދިޔަ އަހަރު ފިލްމު ކުޅެގެން އޭނާ އަށް ލިބުނު 80 މިލިއަން ޑޮލަރާ އެކުގަ އެވެ.

މި ލިސްޓެއްގެ ދެ ވަނާގައި އޮތީ ހޮންގް ކޮންގްގެ ކޮމެޑީ އަދި އެކްޝަން ތަރި ޖެކީ ޗެން އެވެ. އުމުރުން 50 އަހަރުގެ ޗެން އަށް ވަނީ 2014ގެ ޖޫން އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 50 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ޔުނިވާސަލްގެ މަޝްހޫރު ފިލްމު ސިލްސިލާ "ފާސްޓް އެންޑް ފިއުރިއަސް" ގެ ލީޑް ރޯލު ކުޅެމުން އަންނަ ވިން ޑީޒެލް މި ލިސްޓްގެ ތިން ވަނާގައި އުޅެނީ 47 މިލިއަން ޑޮލަރާ އެކުގަ އެވެ.

މި ލިސްޓުން ހޮލީވުޑްގެ އޭ ލިސްޓް ކެޓަގަރީގެ ނަންތަކެއް ފާހަގަކޮށްލެވޭއިރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެކްޓަރުންގެ ލިސްޓަށް ބޮލީވުޑްގެ ސުޕަސްޓާރުން ވެސް އަރާފައިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ބްރެޑްލީ ކޫޕާ އާއި އެޑަމް ސޭންޑްލާ އަދި ޓޮމް ކްރޫޒް ފަދަ ހޮލީވުޑްގެ އޭ ލިސްޓްގެ ސްޓާރުންނަށް ފަހު މި ލިސްޓްގައި ދެން އޮތީ ބޮލީވުޑްގެ ލިވިން ލެޖެންޑް އަމީބާތު ބައްޗަންގެ ނަމެވެ.

އަމީތާބާއި ސަލްމާން ޚާން އަދި އަކްޝޭ ކުމާރު އުޅެނީ ހޮލީވުޑްގެ އެކްޝަން ތަރި މާކް ވޮލްބާގަށް ވުރެ ވެސް ކުރީގަ އެވެ. މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި އަމީތާބާއި ސަލްމާނަށް 33.5 މިލިއަން ޑޮލަރު ލިބިފައިވާއިރު އަކްޝޭ އަށް ލިބުނު އާމްދަނީ 32.5 މިލިއަން ޑޮލަރަށް އަރަ އެވެ.

މިއީ ފޯބްސްގެ މި މަޖައްލާ އަށް ބޮލީވުޑްގެ ނުވަތަ އިންޑިއާގެ ފިލްމީ ތަރިންތަކެއްގެ ނަން މިގޮތަށް އެރި ފުރަތަމަ ފަހަރެވެ.