ރައީސް އަބްދުﷲ ޔާމީން

"ޓެރަރިޒަމްގެ ގާނޫނުގެ އިސްލާހަކީ ބިރުވެރި ރަނގަބީލެއްގެ އަޑު"

ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހަކީ ނާމާންކަމުގެ ބިރުވެރި ރަނގަބީލެއްގެ އަޑު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ދަވާލައިފި" މި ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ވަރަށް ވުރެ އިތުރު ކަންކަން ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކުރާއިރު ކުރެވެނީ ކޮން ކަމެއްކަން ވެސް ސަރުކާރުގެ ވެރިންނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެއާޕޯޓް ބޮޑުކޮށް ރާއްޖެއަށް ތިން މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު، އަނެއްކޮޅު ރާއްޖޭގައި މުޅިން ވެސް ތިބީ ޓެރަރިސްޓުން ކަމަށް ދައްކަން ކުރާ މަސައްކަތަކީ ނުރައްކާތެރި މަސައްކަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ހަގީގަތުގައި ރާއްޖޭގައި މި އުޅެނީ ޓެރަރިޒަމް ގިނަވެގެންތޯ؟ ނޫނީ މި އުޅެނީ މަންޒަރެއް ހަމަ ދައްކާލަންތޯ؟" ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

ކާނިވާ ސަރަހައްދުގައި މިހާރުގެ އިދިިކޮޅުން ބާއްވާ ތިން ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގައި ސުވާލު އުފެދޭ އެހެން ކަންކަން ވެސް އެބަހުރި ކަމަށެވެ. އެ އިސްލާހުތަކުގެ ބޭނުމަކީ ދީނީ އިލްމުވެރިންގެ ގޭގެއަށް ވަންނަން ހޯދާ ފުރުސަތެއްތޯ ވެސް އެމަނިކުފާނު މިރޭ ސުވާލު ކުރެއްވި އެވެ. އަދި އެއީ ސިޔާސީ ވަކި ބައެއްގެ ސިޔާސީ ހަޔާތް ނިންމާލަން ކުރެވޭ މަސައްކަތެއްތޯ ވެސް އެއްސެވި އެވެ.

"އެއްކޮޅުން މި ގޮވަނީ ފަތުރުވެރިން އަންނަން. އަނެއްކޮޅުން ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރަނީ. ކިހިނެތްތޯ ސަރުކާރުގެ ސިޔާސަތު މިއޮތީ، ހަމަ އެނބުރޭ ބުމަރެއްހެން މި އޮތީ. ހަމަ ޔަގީނުން ވެސް އަޅުގަނޑަކަށް ނޭނގޭ ނަގާނީ ކޮން ކޮޅެއްކަމެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

އެއްކޮޅުން މި ގޮވަނީ ފަތުރުވެރިން އަންނަން. އަނެއްކޮޅުން ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރަނީ. ކިހިނެތްތޯ ސަރުކާރުގެ ސިޔާސަތު މިއޮތީ، ހަމަ އެނބުރޭ ބުމަރެއްހެން މި އޮތީ.
އަބްދުﷲ ޔާމީން | ކުރީގެ ރައީސް

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.

ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން ވެސް ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެ އެވެ. ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ވެސް ޓެރަރިޒަމް ކުށެކެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް ބިލުގައިވެ އެވެ.

އެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް އަދި 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭ ގޮތަށް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ އެފަދަ ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ މީހާއާއި އޭނާއާ ގުޅުން ހުރި ތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭ ކަމަށް ބިލުގައިވެ އެވެ.

ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހުންނަށް ގާނޫނު އަސާސީގައިވާ ހަނު ހުރުމުގެ ހައްގެއް ނުލިބޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

މީގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަށް ތާއީދުކޮށް ހިޔާލު ފާޅު ކުރުން ފަދަ ކަންކަން ވެސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހަކީ ނާމާންކަމުގެ ބިރުވެރި ރަނގަބީލު ޖަހަމުން އަންނަ އިސްލާހެއް ކަމަށާ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ދިވެހި ގައުމާއި، އިސްލާމްދީން ދެކެ ލޯބިވާ ފަރުދުން ނިކުމެ ގައުމު ސަލާމަތްކުރަން މަސައްކަތް ކުރަންވީ ވަގުތުކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން މިއަދު ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާ އެ ހާލަތު ބަދަލު ކުރަން ނުކުންނަން ތިބި ލީޑަރުން މިއަދު ނެތްކަމަށެވެ. އެހެންކަމުން އެ މަސައްކަތް އޮތީ ގައުމު ދެކެ ލޯބިވާ ރައްޔިތުންނަށް ކަމަށާ އެ ރައްޔިތުންނާއެކު މަސައްކަތުގައި ދެމި ހުންނާނެ ކަމަށެވެ.

"ދިރުމެއް އޮތިއްޔާ އުންމީދެއް އޮންނާނެ. އެހެންވީމަ ހާލަތު ބަދަލު ކުރެވޭނެ. އިރާދަ ކުރެއްވިއްޔާ ބަދަލުވާނެ،" އެއްވެފައިވާ ސަޕޯޓަރުންނަށް އިޝާރަތްކުރައްވާ ރައީސް ޔާމީން ވިދާޅުވިއެވެ.