ހޮލީވުޑްގައި ވަރީގެ މޫސުމެއް އައިސްގެން އުޅޭހެން އެބަ ހީވެއެވެ. ބެން އެފްލެކް އާއި ޖެނިފާ ގާނާ ވަރިވާން ނިންމިތާ މަހެއްހާ ދުވަސް ނުވަނީސް މަޝްހޫރު ލަވަކިޔުންތެރިޔާ ގްވެން ސްޓެފާނީ އާއި އޭނާގެ 13 އަހަރުގެ ފިރިމީހާ ގެވިން ރޮސްޑޭލް އަދި ވިލް ސްމިތް އާއި އޭނާގެ 18 އަހަރުވީ އަންހެނުން ޖޭޑާ ޕިންކެޓް ވެސް ވަރިވާން ނިންމައިފި ކަމުގެ އަޑު ނިކަން ގަދަ އަށް އެބަފެތުރެ އެވެ.
އިނދެގެން އުޅޭތާ 13 އަހަރު ވީއިރު ގްވެން އާއި ގެވިން އަށް ތިން ފިރިހެން ކުދިން ލިބިފައިވެއެވެ. ޖޮއިންޓް ސްޓޭޓްމެންޓެއްގައި ބުނެފައިވާ ގޮތުގައި ދެ މީހުންވެސް ވަރިވުމަށް ނިންމި ކަމުގައިވިޔަސް އާއިލާގެ ކަންކަމުގައި އަދި ދަރިންގެ ހުރިހާކަމެއްގައި އެކަކު އަނެކަކަށް އެއްބާރުލުން ދޭން އެއްބަސްވެފައިވެއެވެ.
ހަބަރު ލިބޭ ގޮތުގައި ކޯޓަށް ފޯމު ލާފައިވަނީ ގެވިން އޭނާ އަށް ވަފާތެރިނުވާ ކަމަށް ބުނެ ގްވެންއެވެ. ޔަގީންވެފައި ނުވިޔަސް ގެވިން ވަނީ މީގެ ކުރިންވެސް ގްވެން އާއި އިނދެގެން ހުރެ ދެ ތިން އަންހެނުންނާ އެކު ކައިވެނިން ބޭރުން ގުޅުމެއް ހިންގައިގެން މީޑިޔާތަކުގެ ސުރުހީ އަތުލައިފަ އެވެ.
އެހެންނަމަވެސް ވަރަށް ގާތް ފަރާތަކުން ބުނެފައިވާ ގޮތުގައި ގެވިން ގޭގައި ނޫޅޭތީ ގްވެން ހިތްހަމަނުޖެހިގެން އޭނާގެ ބޭންޑް ޕްރެކްޓިސްއަށާއި ކޮންސާޓްތަކަށް ނުދާން ބުނުމުން ގެވިންވެސް ގްވެން ގޭގައި ނޫޅޭތީ އެމައްސަލަ ޖައްސައިފާވެއެވެ.
ދެން އޮތީ މެން އިން ބްލެކްގެ ވިލް ސްމިތާއި ޖޭޑާ ޕިިންކެޓްގެ ވަރީގެ ވާހަކަ އެވެ. މި ދެމީހުން ވަރިވާން އުޅޭ ވާހަކަ މީޑިއާގައި ދެކެވެމުންދާތާ ދުވަސްކޮޅެއް ވެދާނެއެވެ. ފޮޓޯ ތަކުންނާއި އެހެން މީހުން ކުރިމަތީގައި އުފާވެރި އާއިލާއެއްކަމަށް ހެދިގެން އުޅެނީއޭ ކިޔާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ.
އެހެންނަމަވެސް ދާދިފަހުން ކޯޓަށް ވަރިވާން ފޯމުލައިފި ކަމަށް ބުނެ ވިލް އާއި ޖޭޑާގެ ފޯނާއި ސޯޝަލް މީޑިޔާގެ އެކި އެއްޗިއްސަށް ކޮންޑޮލެންސްގެ މެސެޖްތަކެއް ލިބެމުންދާތީ ވިލް ސްމިތު އެންމެފަހުން އެއަށް ޖަވާބުދާރީ ވެސް ވެއްޖެ އެވެ.
ފޭސްބުކްގައި ސްޓެޓަސް އެއް ލިޔެ ބުނެފައިވަނީ އާންމު ގޮތެއްގައި އޭނާއަކީ ބޭކާރު ކަންކަމަށް ޖަވާބުދާރީ ވާ މީހަކަށް ނުވިކަމުގައިވިޔަސް އެހާ ފުން އަސަރުން މީހުން ކޮންޑޮލެންސްގެ މެސެޖް ކުރަމުން ދާތީ މޮޔަމީހުންނާއި މުއާމަލާތު ކުރާނީ މޮޔައިން ކަމަށް ވިޔަސް ތިމަންނަވެސް މިފަހަރު މޮޔައަކަށް ނުވެނުހުރެވުނީ ކަމަށާއި އޭނާ އާއި އޭނާގެ "ރާނީ" ވަރި ނުވާކަމަށެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ހަތްވަނަ ވަނަ އަހަރު އިނދެ ވިލް އާއި ޖޭޑަށް ވަނީ ދެ ދަރިން ލިބިފައެވެ.
ކޮންމެއަކަށް ވިޔަސް ހޮލީވުޑްގައި ކަންތައްތައް ހިނގާގޮތެއް އިނގޭނީ ހަމައެކަނި އެމީހުންނަށެވެ. މީޑިޔާ ކުރިމަތީގައި ދައްކުވަައިދެނީ ހަމައެެކަނި އެހެންމީހުން ބަލަން ބޭނުންވާ މަންޒަރުތަކެކެވެ. ބުނާ ބަހަކާއި ކުރާ ކަމެއްގެ ހަގީގަތެއް ނޭނގޭނެއެވެ.