ބޮލީވުޑް

ޒާއިރާ ވަސީމަށް މަލާމަތް ކުރަނީ!

"ދަންގަލް" އާއި "ސީކްރެޓް ސުޕަސްޓާ" ފަދަ މޮޅު ފިލްމުތައް ކުޅެފައިވާ ކުޅަދާނަ ބަތަލާ ޒާއިރާ ވަސީމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ މަލާމަތް މިހާރު ދަނީ ރައްދުވަމުންނެވެ. ޒާއިރާއަށް މަލާމަތް ކުރަން ފެށީ ޕްރިޔަންކާ ޗޯޕްރާ އާއި ފަރްހާން އަޚްތަރު އާއެކު ބީޗެއްގައި ނަގާފައިވާ ފޮޓޯއެއް ވައިރަލް ވުމާ ގުޅިގެންނެވެ.

މި ފޮޓޯ ފެނިފައި ގިނަ ބަޔަކަށް ހީވީ ޒާއިރާ އަލުން ފިލްމު ކުޅެން ފެށީ ކަމަށެވެ. މިދިޔަ ޖޫން މަހު ޒާއިރާ ވަނީ ފިލްމު ކުޅުން ހުއްޓާލައި އެކަން އިއުލާން ކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނީ އިސްލާމް ދީނާ އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ކަމަށެވެ.

ފިލްމު ކުޅުން ހުއްޓާލާ ވާހަކަ ޒާއިރާ އިއުލާން ކުރުމުން ވެސް އޭނާއަށް ވަރަށް ގިނަ މީހުން މަލާމަތް ކުރި އެވެ. އޭގެ ތެރޭގައި ހިންދީ ފިލްމީ ތަރިން ވެސް ހިމެނެ އެވެ. ކިތަންމެ މަލާމާތެއް ރައްދުވިޔަސް ޒާއިރާގެ ނިންމުން ބަދަލު ކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭގެ ފަހުން އެއްވެސް ފިލްމެއްގެ ޝޫޓިންގަކުން ޒާއިރާ ނުފެނި ހުރެފައި ކުއްލިއަކަށް ޕްރިޔަންކާގެ އާ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ސެޓެއްގައި ޒާއިރާ ހުއްޓާ ނަގާފައިވާ ފޮޓޯއެއް މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑީއާ އަށް ފެންމަތިވި އެވެ. އެހިސާބުން އަނެއްކާވެސް އޭނާއަށް މަލާމަތްކުރި މީހުންތައް އުތުރި އަރަން ފެށި އެވެ.

މި ފޮޓޯގެ ހަގީގަތް ހާމަކުރަން އިންޑިއާ ޓުޑޭ ނޫހުން ބުނެފައިވަނީ މިއީ ފިލްމު ކުޅުން ހުއްޓާލަނީކަން އިއުލާން ކުރުމުގެ ކުރިން ޒާއިރާ ނަގާފައިވާ ފޮޓޮއެއް ކަމަށެވެ. "ދަ ސްކައި އިޒް ޕިންކް"ގައި ޒާއިރާ މުހިއްމު ރޯލެއް ކުޅެފައި ވިޔަސް ފިލްމުގެ ޕްރޮމޯޝަންގެ އެއްވެސް ކަމެއްގައި ވެސް ޒާއިރާ ބައިވެރިއެއް ނުވެ އެވެ.

ޒާއިރާ ފިލްމު ކުޅުމަށް އަލްވަދާއު ކިޔާކަން އިއުލާން ކުރީ މިއަހަރުގެ ޖޫން 30 ވަނަ ދުވަހު ކުރި ފޭސްބުކް ޕޭޖްގައި ޝާއިއުކުރި ބަޔާނެއްގަ އެވެ. އޭރު އޭނާ ވަނީ "ދަ ސްކައި އިޒް ޕިންކް" ގައި އޭނާ ކުޅެންޖެހޭ ބައިގެ ޝޫޓިން ނިންމާފަ އެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކަކީ މިއަހަރުގެ މާޗް 9 ވަނަ ދުވަހު މީހަކު އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯ ތަކެކެވެ.

ޒާއިރާއަށް މަލާމާތްކުރާ މީހުން އެކަން ކުރަމުންދަނީ ކަމުގެ ހަގީގަތަށް އެއްގޮތަކަށް ވެސް ބެލުމެއް ނެތި އެވެ.