ސުޕަހީރޯ އިންނަށް ނުކުރެވޭ ކަމެއް ނޯވެ އެވެ. އެމީހުން ބޭނުންވީމަ ދުނިޔެ ވެސް ބަދަލުކޮށްލަ އެވެ. ނަމަވެސް ހިތާމައަކީ ސުޕަހީރޯ އަކީ ހަގީގަތުގައި އުޅޭ އެއްޗަކަށް ނުވުމެވެ. މިއީ ފޮލޮރިޑާގެ ފިރިހެނަކު ސުޕަހީރޯ އަކަށް ހެދިގެން ތިން އަހަރުގެ ކުޑަ ކުއްޖެއްގެ ދިރިއުޅުމަށް ރަނގަޅު ބަދަލެއް ގެނެސްދިން ގޮތުގެ ވާހަކަ އެވެ.
އެރިކާ ކަލްކުލީގެ ތިން އަހަރުގެ އަންހެންދަރިފުޅު ލީޑިއާ އެއް ދުވަހު ސްކޫލުން އައިއިރު ހަށިގަނޑުގައި ޒަޚަމްތަކެއް ހުއްޓެވެ. އެއް ލޮލާ ދިމާލުން މޫނުވެސް ހުރީ ކަޅުވެފަ އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލީޑިއާއަށް ސްކޫލުގައި ބުލީ ކުރުމުގެ މައްސަލަ ކުރިމަތިވަމުން ދިޔަ ނަމަވެސް އޭނާ އެ ވާހަކަތައް މަންމަ ކައިރިއަކު ނުބުނެ އެވެ. ނަމަވެސް ގައިގައި ހުރި ޒަޚަމްތައް ލީ ކިހިނެއްތޯ ސުވާލު ކުރުމުން އެ ކަންވީ ގޮތާއި އޭނާއަށް ބުލީކުރާ ކުދިންގެ ވާހަކަތައް ލީޑިއާ އޭނާގެ މަންމައަށް ކިޔައިދިނެވެ.
އަނެއް ދުވަހު ލީޑިއާ ގޮވައިގެން ސްކޫލަށް ދިޔައީ އޭނާގެ މަންމައެއް ނޫނެވެ. ބެޓްމޭން އެވެ. ބެޓްމޭން ބުނީ އޭނާއަކީ ލީޑިއާގެ ބެސްޓް ފްރެންޑް ކަމަށެވެ.
ލީޑިއާގެ މަންމަ ބުނީ ލީޑިއާގެ ގައިގައި ކުދި ކުދި ޒަޚަމްތައް ހުންނަކަން ކުރިން ވެސް ފާހަގަ ކުރެވޭ ކަމަށެވެ. އޭނާ ހީކުރަނީ އެއީ ކުޅުމުގެ ތެރޭގައި އަމިއްލައަށް އަނިޔާވެފައި ހުންނަ ތަންތަން ކަމަށެވެ. އެހެންވެ އެއީ އެހާ ބޮޑު ކަމަކަށް އޭނާ ނަހަދަ އެވެ. ނަމަވެސް އެއްދުވަހު ސްކޫލުން އައިއިރު އެއްލޯ ދުޅަވެ ކަޅުވެފައިވާތަން ފެނުމުން ސީރިއަސް މައްސަލައެއް އުޅޭކަން ގަބޫލު ކުރެވުނެވެ.
"ލީޑިއާ ބުނި ކުލާހުގައި ތިބޭ އަންހެންކުދިން ތަކަކާ ފިރިހެންކުއްޖެއް އޭނާގެ ގައިގައި ޖެހި ކަމަށް. އަދި ލޯ ދުޅަވީ އަންހެންކުއްޖަކު ލީޑިއާ އާ ދިމާލަށް އެއްލި ބޫޓަކުން ޖެހިފައި ކަމަށް. އަހަރެން އެންމެ ކަންބޮޑުވީ ލީޑިއާގެ މިޒާޖަށް ވެސް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވުނީމަ. ކުރިން ބަސްއަހައިގެން މަޑުމަޑުން ހުންނަ ކުއްޖާ ވަރަށް އަނިޔާވާ ކަހަލަ ކަންތައްތައް ވެސް ކުރަން ފެށީމަ،" ލީޑިއާގެ މަންމަ ބުންޏެވެ.
ސްކޫލްގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްގެން އެ މައްސަލަ ހައްލުކުރަން ލީޑިއާގެ މަންމަ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ކަން ހައްލު ނުވުމުން މި ވާހަކަތައް ފޭސްބުކް ޕޯސްޓެއްގައި ޝެއާ ކުރި އެވެ.
އެ ހިސާބުގައިއުޅޭ "ބެޓްމޭން" އަށް މިކަން އެނގުނީ ފޭސްބުކްގައި ލީޑިއާގެ މަންމަ ޖެހި ޕޯސްޓް ފެނިގެންނެވެ.
ބެޓްމޭން އަކަށް ހެދިގެން އުޅެނީ ޖެކް އަސްބަރީ ކިޔާ މީހެކެވެ. އޭނާ ބުނި ގޮތުގައި ލީޑިއާގެ މަންމަ ލިޔެފައިވާ ވާހަކަތައް ކިޔާފައި އޭނާއަށް ވަރަށް އަސަރު ކުރި އެވެ. އަދި ލީޑިއާ ސްކޫލަށް ނުދާން ވެގެން އުޅޭ ކަން އެނގުމުން ވަރަށް ދެރަވި އެވެ. އެހެންވެ އެންމެ ފުރަތަމައިނުން ވެސް ލީޑިއާގެ މަންމައަށް ގުޅައި ލީޑިއާ ގޮވައިގެން ސްކޫލަށް ދިއުމުގެ ހުއްދަ އަށް އެދުނެވެ.
ލީޑިއާގެ މަންމަގެ ހުއްދަ ލިބިގެން އޮސްބަރީ އޭނާގެ ބެޓްމޭން ހެދުމުގައި ލީޑިއާ މެން ގެޔަށް ދިޔަ އެވެ. އޭނާ ދިޔައީ ސުޕަގާލް ކޮސްޓިއުމެއް ލީޑިއާއަށް ހަދިޔާއަކަށް ހިފައިގެންނެވެ. ލީޑިއާ މި ހެދުން އަޅުވައިގެން އޭނާ ގޮވައިގެން "ބެޓްމޭން" ސްކޫލަށް ދިޔަ އެވެ. އޭނާއާ އެކު ވަރަށް ވަރުގަދަ ބެޓްމޭން އެއް ހުރިކަން އެނގޭތީ ލީޑިއާ ކުދިން ދެކެ ގަންނަ ބިރު ފިލައި އޭނާގެ މައްސަލަ ހައްލުވެދާނެ ކަމަށް ޖެކް އަސްބަރީ އުންމީދު ކުރެ އެވެ.