ހަބަރު

އިތުރު ބިދޭސީ އެއް ޑީޕޯޓް ކޮށްލައިފި

އިތުރު ބިދޭސީ އެއް ރާއްޖެއިން ޑީޕޯޓް ކޮށްލައިފި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ، މިރޭ ޑީޕޯޓް ކޮށްލާފައި ވަނީ އަބޫ ހަނަފީ ކިޔާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އޭނާ ޑިޕޯޓް ކޮށްލާފައި ވަނީ ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފު ވުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާ ވަނީ މިރޭ އެއާޕޯޓުން ހިފަހައްޓާ ނޯޓިސް ދިނުމަކާ ނުލާ ހުއްދަ ބާތިލްކޮށް ޓީޕޯޓްކޮށްފަކަމަށް ހަނަފީ ވިދާޅުވިއެވެ.

އިމިގްރޭޝަން އިން މިއަދު ވަނީ ބަންގްލަދޭޝްގެ އެހެން ރައްޔިތެއްވެސް ޑީޕޯޓް ކޮށްފަ އެވެ. އޭނާ ޑީޕޯޓް ކޮށްލާފައި ވަނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ވިޔަފާރި ކުރާތީ އެވެ.

ހަނަފީ ވިދާޅުވީ މަގުސަދަކީ ގަވާއިދާ ހިލާފުވުމަށް މެދުވެރިވާ ސަބަބުތައް ހޯދާ އެ ސަބަބުތައް މަދުކޮށް މިކަމުގައި ނަތީޖާއަކަށް ވާސިލްވުމަށް މަސައްކަތް ކުރުން ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ އަދަދު އިތުރުވެފައިވާއިރު، މީހުން ރެކްރޫޓް ކުރުމުގައިވެސް ގަވާއިދާ ހިލާފަށް ކަންކަން ހިނގާ މީހުން ރެކްރޫޓްކުރުމުގެ ތެރެއިން ހިއުމަން ޓްރެފިކިން އަށް މަގުފަހިވާ އެތައް ކަމެއްވެސް ހިނގަ އެވެ.