ރިޕޯޓް

ދެ މާސްޓަރުން ޑީޕޯޓް: އަތުނުވެ އެތައް މާސްޓަރެއް!

Sep 14, 2019
16

ބުރާސްފަތި އަދި ހުކުރު ދުވަހުގެ އެންމެ ހޫނު ހަބަރަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ، ދެ ބިދޭސީއަކު ޑީޕޯޓްކޮށްލި ވާހަކަ އެވެ. ޑީޕޯޓްކޮށްލި އެކަކީ ބަންގްލަދޭޝަންގެ ރައްޔިތެއް ކަމަށްވާ ޝަފީގުލް އިސްލާމް، އާއްމު ނަމުންނަމަ "މާސްޓަރު" އެވެ. އެ ފަހުން އިއްޔެ ޑީޕޯޓް ކޮށްލާފައިވަނީ އަބޫ ހަނަފީ ކިޔާ ބަންގްލަދޭޝަންގެ ޒުވާނެކެވެ. މި ދެ މީހުންނަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ގެންދާތާ ޒަމާންވީ ދެ މީހުންނެވެ. މިހާރު ދެ މީހުންނަކީ ވެސް ބޮޑު ދެ މުއްސަނދިންނެވެ.

ޑީޕޯޓްކޮށްލި މާސްޓަރަކީ ބަންގްލަދޭޝް ގިނަ ބަޔަކު ދަންނަ މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ރާއްޖޭގައި އުޅޭތާ ވިއްސަކަށް އަހަރު ވެއްޖެ އެވެ. ރާއްޖެ އައި ގޮތަށް ރާއްޖޭގައި ފައި ހަރުކޮށް ފުރަތަމަ ވެސް ފެށީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާށެވެ. މި ވިޔަފާރީގައި ބައިވެރިއަކީ ދިވެއްސެކެވެ.

ރ. އަލިފުށީގައި ދިރިއުޅޭ ދިވެއްސެއްގެ ނަން މަތީގައި ވިޔަފާރި ރަޖިސްޓްރީކޮށް ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް އޭނާ "މާސްޓަރަކަށް" ވި އެވެ. އޭނާ ރާއްޖެ އިން ފޮނުވާލުމާ ހަމައަށް ހެންވޭރުގައި ދެ ގެސްޓްހައުސްއަކާއި މާފަންނާއި މައްޗަން ގޯޅި އަދި ހެންވޭރުގައި ފިހާރަތައް ހިންގަ އެވެ. އޭނާގެ ނަން އިމިގްރޭޝަންގެ ލިސްޓަށް އެރިކަން އާއްމުންނަށް އެނގުމާ ހަމައަށް އޭނާ ވަނީ އެތައް މިލިއަން ރުފިޔާއެއް ރާއްޖޭން ބޭރުކޮށްފަ އެވެ.

އިމިގްރޭޝަންގެ ދުރުމިއަށް މާސްޓަރު އެރި ސަބަބެއް ކަމަށް ވަނީ އޭނާގެ ކެހިވެރިކަން އިންތިހާ އަށް ދިއުމެވެ. ގިނަ ބަޔަކަށް ފައިސާ ދޭންޖެހި ނުދީ އޮތުމެވެ. ހާއްސަކޮށް އޭނާގެ ދިވެހި ޕާޓްނަރަށް ފައިސާ ނުދޭތާ އެތައް ޒަމާނެއް ވެއްޖެ ކަމަށްވެ އެވެ. އެހެންވެ މި ދެމީހުންގެ ދެމެދުގައި ގުޅުން ވަނީ އިންތިހާއަށް ގޯސްވެފަ އެވެ.

އިމިގްރޭޝަނުން އިއްޔެ ޑީޕޯޓްކޮށްލި އަބޫ ހަނަފީ ރާއްޖެ އައިސްފައިވަނީ 2014 ވަނަ އަހަރު އެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރަން ވިސާ ދީފައިވަނީ ވަޑާމުގެ މަސައްކަތް ތަކަށެވެ. އެކަމަކު އޭނާ ކުރަނީ "މަނީ ލޯންޑާ" ކުރުމެވެ. މި ކަމުގައި އޭނާއަކީ ވެސް ހަމަ "މާސްޓަރަކެވެ."

އަބޫ ހަނީފު ކުރަމުން ގެންދިޔަ މަސައްކަތަކީ މަނީ އެކްސްޗޭންޖު މަަސައްކަތެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގައި އޭނާއަކީ "މާސްޓަ މައިންޑެ" ކެވެ. އޭނާއަކީ ވެސް ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ބިދޭސީންގެ މެދުގައި މަޝްހޫރު މީހެކެވެ. އޭނާ ކުރާ ކަމަކީ މަނީލޯންޑާ ކުރުމެވެ. މި ކުށް ކުރުުމުގައި އޭނާއާ ދިވެހިން ބައިވެރިވެ އެވެ. މި "ވިޔަފާރި" ފުޅާ ކުރަން އޭނާ އަށް ފުރުސަތު ލިބިގެން ދިޔައީ ވެސް ދިވެސެއްގެ ސަބަބުނެވެ. މި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން އޭނާ އަށް މަގު ފަހި ވެގެން ގޮސްފައިވާ ކަމަށް ވަނީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާ އިން ޓެކްސް ނަގަން ފެށުމާއެކުގަ އެވެ. އޭނާ މި ޓެކުހުން ކެރި ބިދޭސީންގެ ފައިސާ ބޭރަށް ފޮނުވައިދޭ ކަމަށްވެ އެވެ.

އަބޫ ހަނީފުއަކީ މިހާރު ފައިސާ ހުރި މީހެކެވެ. އޭނާ ގައުމަށް ދަނީ ވެސް ރާއްޖެއަށް އަންނަ އަގު ބޮޑެތި އެއާލައިން ތަކުގެ ބިޒްނަސް ކްލާހުގަ އެވެ. ގައުމުގައި އަގު ބޮޑު ކާރުތައް ދުއްވާ ކަމަށްވެ އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން ވިދާޅުވި ގޮތުގައި އަބޫ ހަނީފު ކިޔާ ޑިޕޯޓް ކޮށްލާފައި ވަނީ ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުންނެވެ. މި މަސައްކަތުގައި އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް އޭނާ ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ އެވެ،

"އިމިގްރޭޝަން ގާނޫނޫ ފުރިހަމަ އަށް ތަންފީޒު ކުރާނަން. އަދި ބިދޭސީންގެ މައްސަލަ އަށް ހައްލެއް ހޯދާނީ މި ވެރިކަމުގައި. އަޅުގަނޑުމެން އަބަދު ވެސް ދެ މިތިބޭނީ ރައްޔިތުންގެ ހިދުމަތުގައި،" ކޮންޓްރޯލާ ވިދާޅުވި އެވެ.

ރާއްޖޭން މި ޑީޕޯޓް ކޮށްލެވުނީ އެންމެ ދެ "މާސްޓަރެ" ވެ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކު ރާ މިކަހަލަ އެތައް މާސްޓަރުންނެއް އުޅެ އެވެ. މި މީހުން ދަނީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންނެވެ. ރާއްޖޭގެ ގާނޫނު ތަކަށް ގޮންޖަހައި މާލީ ގޮތުން ބޮޑެތި މަންފާތައް ހޯދަމުންނެވެ. ދިވެހިންނަށް އޮތް ފުރުސަތު ގެއްލުވާލަމުންނެވެ.