ހަބަރު

ދިވެހިން އެހެން ގޮތަކަށް އަނބުރަން ބަޔަކު އެބައުޅޭ: ނަޝީދު

ރާއްޖެ ބަދަލުކޮށް، އެހެން ގޮތަކަށް ދިވެހިން އަނބުރަން ދިވެހިންގެ ތެރެއިން މަދު ބަޔަކު އުޅޭ ކަމަށް ވިދާޅުވެ، ގޮތް ބަދަލު ނުކޮށް ގޮތުގައި ތިބުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމިއްޔަތެއްގެ އެންމެ މުހިންމު ކަމަކީ "ވެފައި އޮތް ގޮތަކާއި، ދެން ދާން އޮތް ގޮތް ސާފުވެފައި އޮތުން" ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ގައުމިއްޔަތު ހޯދެން އޮތީ ދުވަސްވީ މިސްކިތްތަކާ ގަބުރުސްތާނުތަކާއި މަހާނަ ގާތަކުން ކަމަށާ އެނޫން ގޮތަކަށް ދިވެހިންނަށް ވެފައި އޮތް ގޮތެއް ފެންނަން ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހިންގެ "ގައުމިއްޔަތު" ބަދަލު ކުރަން، ނުވަތަ ފޮހެލަން ވޭތުވެދިޔަ 20 އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ބަޔަކު ކޮށްފައިވާ ކަމަށެވެ.

"އެންމެ ބޮޑު ކަމަކީ މިސްކިތްތައް ތަޅާލުން. ގަބުރުސްތާނުތައް ތަޅާލުން. ޒިޔާރަތްތައް ތަޅާލުން، މާޒީ ފުހެލުން! އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރުން. އެއީ ހެދުން ވެސް އަޅުގަނޑުމެން ބަދަލު ކުރުން. ފަގުޑިއެއް ވެސް އެޅުން ނުވަތަ އެހެން ގޮތަކަށް އާންމުކޮށް މުންޑު އަދެފައި ތިބޭ މީހުން [ހުސްގަޔާ] އާންމުކޮށް ލިބާސް ލާފައި ތިބޭ މީހުން އަދި އެއަށްފަހު އަޅުގަނޑުމެން ލާން ފެށި އެއްޗަކީ ފަޓުލޫނު،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ މާޒީ ފުހެވި ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލު ކުރުމަށް އެތައް ގޮތްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެނުވި އެއްކަމަކީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ކަމަށެވެ.

"އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަންފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރުވީ ފަހުން. މަންމަ ހެދުން އަޅާގޮތް، މަންމަ ބަދަލުކުރީ ބުރުގާއެއް އަޅާފަ، އެހެން ގޮތަކަށް ހެދުން އެޅީ... އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލުކުރޭ... އެހެންނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަން ފެށީ، އަޅުގަނޑުގެ އުމުރުން 30 އަހަރުވީފަހުން. މަންމަ ހެދުން އަޅާގޮތް، މަންމަ ބަދަލުކުރީ ބުރުގާއެއް އަޅާފަ، އެހެން ގޮތަކަށް ހެދުން އެޅީ... އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލު ކުރޭ.. އެހެން ނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ނަޝީދު ވިދާޅުވީ ޖީލެއްގެ ތެރޭގައި ތިން ހަތަރު ގޮތަކަށް ހެދުން އަޅަން ފަށާފައިވާއިރު، ކުރިން ކުރަމުން އައި ކަންކަން ބިދުއަ އަށްވެ ނިމިފައިވާ ކަމަށެވެ. އެގޮތުން ހެދުން އެޅުމާއި، ކިޔަމުން ދިޔަ ރައިވަރު، ފަރިހިތަކާއި އެ ނޫންވެސް ކަންކަން ހިމެނޭ ކަމަށެވެ.

"ހަމަ ގައިމުވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ވާހަކައެއް، އަޅުގަނޑު އަމިއްލައަށް އެބަ ދައްކަން. އެއީ މި ދިވެހިރާއްޖެ ބަދަލު ކުރުމަށް، އެހެން ގޮތަކަށް އަނބުރާލުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އުޅޭ ކަމަށް. އެއްވެސް ހާލެއްގައި އަޅުގަނޑު މި ދައްކަނީ އިސްލާމްދީނުގެ ވާހަކައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހިން އަބަދުވެސް އުޅެން ބޭނުމީ އިސްލާމްދީނުގައި ކަމަށާ އެމަނިކުފާނުގެ އެ ވާހަކަތަކަކީ އިސްލާމްދީނުގެ ވާހަކަތަކެއް ނޫން ކަމަށެވެ.

ހަމަ ގައިމުވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ވާހަކައެއް، އަޅުގަނޑު އަމިއްލައަށް އެބަ ދައްކަން. އެއީ މި ދިވެހިރާއްޖެ ބަދަލު ކުރުމަށް އެހެން ގޮތަކަށް އަނބުރާ ލުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އުޅޭ ކަމަށް. އެއްވެސް ހާލެއްގައި އަޅުގަނޑު މި ދައްކަނީ އިސްލާމްދީނުގެ ވާހަކައެއް ނޫން.
މުހައްމަދު ނަޝީދު | ކުރީގެ ރައީސް

ދިވެހިންނަކީ އިންޑިއާ ކަނޑުގެ މެދުގައި ތިބޭ "ރަށްފުށު" ބައެއްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިލްތިމާސަކީ ގޮތް ބަދަލު ނުކޮށް ދިވެހިން ދިވެހިންގެ ގޮތުގައި ތިބުން ކަމަށެވެ. އަދި މި ހާލަތުގައި ގޮތް ދޫ ނުކޮށް ތިބުމަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެއްކަމަށެވެ.