ސައިންސް

އިންޑިއާގެ ޖައްވީ އުޅަނދުން ހަނދަށް ވެއްޓުނު ބައި ފެނިއްޖެ

ޖައްވީ ރޭހުގައި ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމައަށް ދާން އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނިޒޭޝަން (އިސްރޯ) އިން މިއަހަރުގެ ޖުލައި 22 ވަނަ ދުވަހު ހަނދަށް ފޮނުވާލި ޖައްވީ އުޅަނދު ޗާންދްރަޔާން 2 ހަނދަށް ޖައްސަން އުޅުނު މިޝަން ވަނީ ނާކަމިޔާބުވެފަ އެވެ. އެއީ ވަރަށް ބޮޑު ނާކާމިޔާބީ އެކެވެ.

ނަމަވެސް ގައުމުތަކުން އިސްރޯއިން ކުރި މަސައްކަތަށް ތައުރީފުކޮށް ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި އިސްރޯގެ ވާދަވެރި އެމެރިކާގެ ޖައްވީ އިދާރާ ދަ ނޭޝަނަލް އެއިރޯނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) ވެސް ހިމެނެ އެެވެ.

ހަނދުގެ ދެކުނު ތަނޑިއާއި ވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، ދިރާސާ ކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދަން އިންޑިއާއިން ޖައްވަށް ފޮނުވި ޗާންދްރަޔާން 2 ގެ މިޝަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުރިޔަށް ދިޔައީ މިޝަން ރާވާފައިވާ ގޮތަށެވެ. ނަމަވެސް ހަނދުގެ ސަތަހައާއި 2.1 ކިލޯމީޓަރު ކައިރިން ދިވާމި މައްސަލަތަކާއި ގުޅިގެން، އެ މިޝަން ނާކާމިޔާބު ވީ އެވެ.

މިޝަން ފެއިލްވީ އުޅަނދާ ބިމާ ދެމެދު އޮތް ގުޅުން ކެނޑުމާއި ގުޅިގެނެވެ. މަންްޒިލަށް ވާސިލްވާން ދަނިކޮށް ކުއްލިއަކަށް އުޅަނދާއި ކޮންޓްރޯލްގެ ގުޅުން ކެނޑުނީ އެވެ.

އެއީ މޫން ކްރޭޝް ލޭންޑިން އެކެވެ. މި ލޭންޑިންއާއެކު ޗާންދްރަޔާން 2 ގެ ބައެއް ކަމަށްވާ "ވިކްރަމް" އުޅަނދުން ވަކިވެ ގެއްލުނެވެ. ވިކްރަމް ވެއްޓިފައިވަނީ ހަނދަށެވެ. ނަމަވެސ ވެއްޓިފައިވަނީ ހަނދުގެ ކޮން ތަނަކަށް ކަމެއް ނޭނގުނެވެ.

އިސްރޯއިން ވިކްރަމް ހޯދުމުގެ މަސައްކަތް ފަށައިގަތެވެ. ވަކިވެގެން ވެއްޓުނު ބައި އިސްރޯގެ ސައިންސްވެރިން ހޯދާފައި ވަނީ ޗަންދްރަޔާން 2 ދުނިޔެއަށް ފޮނުވި އެތަކެއް ފޮޓޯތަކެއް އެނަލައިޒް ކޮށްގެނެވެ. އަދި ވިކްރަމް ވެއްޓިފައިވަނީ ދެކުނު ހަނދުގެ ތަނޑިއަށް ކަން ވެސް އެނގުނެވެ.

ފޮޓޯތަކުން ވިކްރަމް ފެނުނު ނަމަވެސް އެއަށް ލިބިފައިވާ ގެއްލުން ސައިންސްވެރިންނަށް ދެނެގަނެވިފައެއް ނުވެ އެވެ. އަދި ވިކްރަމް ވެއްޓި އޭގެ ހަރުކުރެވިފައި ހުރި ރާޑަރު ހަލާ ކުވުމުން، އިސްރޯއިން ދަނީ އަލުން ކަނެކެޓް ކުރެވޭނެ ގޮތް ބަލަމުންނެވެ.

ޗަންދްރަޔާން 2 ގެ ބައެއް ކަމަށްވާ ވިކްރަމްއާ ގުޅުން ކެނޑުނުއިރު ހަނދަށް ޖައްސަން ހުރީ މަދު ސިކުންތުކޮޅަކަށް ވެފައެވެ. އެހެންކަމުން އެ ވަގުތުކޮޅުގައި ގިނަ ބަޔަކު ހީކުރީ އުޅަނދު ކާމިޔާބުކަމާއެކު ހަނދަށް ޖެއްސީ ކަމަށެވެ. އިސްރޯގެ ސައިންސްވެރިން ގަބޫލުކުރީ ވެސް އެގޮތަށެވެ. ސަބަބަކީ ދުނިޔެއިން ހަނދަށް ރޭޑިއޯ ސިގްނަލް ފޮނުވުމަށް 10 މިނިޓާއި 20 މިނިޓުގެ ވަގުތެެއް ނަގާތީ އެވެ.

ވިކްރަމް ހަނދަށް ވެއްޓުނީ، ޖައްސަން އުޅުމުގެ ތެރޭގައި، އެލްޓިޓިއުޑް ހިފަހައްޓާ ހާއްސަ އިންޖީނު ނިވިގެނެވެ. މިއާއެކު ރޭޑިއޯ ސިގްނަލް ކެނޑި ކޮމިއުނިކޭޝަން ސިސްޓަމް ހަލާކުވެ އުޅަނދާއި އިސްރޯގެ ދެމުދުގައި އޮތް މުވާސަލާތީ ގުޅުން ކެނޑިގެން ދިޔައީ އެވެ.

ޖައްވުގެ ތެރެއަށް ފޮނުވާ އުޅަނދުތަށް ތަފާތު ސަބަބުތަކާ ހެދި ގެއްލުމަކީ މަދުން ނަމަވެސް ހިނގާ ކަމެކެވެ. މިގޮތުން މީހާތަނަށް އެންމެ ގަދައަށް ފާހަގަ ކުރެވިފައި ވަނީ ރަޝިއާއިން ޖައްވަށް ފޮނުވި ކާގޯ ޖައްވީ އުޅަނދެއް، މުވާސަލާތީ ހިދުމަތް ކެނޑި ގެއްލުމެވެ. މި އުޅަނދު ފެނިފައިވަނީ ހޯދަން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެފައި ވަނިކޮށެވެ.