އެމެރިކާގެ އިލިނޮއިގައި ދިރިއުޅޭ ރިލޭ ހޯނާ ކިޔާ އަންހެންކުއްޖަކަށް ވަރަށް އާދަޔާޚިލާފު މައްސަލައެއް ދިމާވެއްޖެ އެވެ. ފާއިތުވީ އެތައް މަހަކުއްސުރެ އޭނާއަށް ދިމާވަމުންދާ މައްސަލައަކީ ކޮންމެ ދުވަހަކީ ވެސް ޖޫން 11 ކަމަށް އޭނާ އަށް ވިސްނުމެވެ. ސަބަބަކީ ކޮންމެ ދެ ގަޑިއަކުން އޭނާގެ ހަނދާންތައް ފޮހެވޭތީ އެވެ.
ހޯނާ އަށް މި މައްސަލަ ދިމާވީ ޑާންސް ކުލާހެއްގައި ހިނގި ހާދިސާއެއްގައި އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ހޯނާ ބުނީ ވަރަށް ގިނަ ޑޮކްޓަރުން ކައިރިއަށް ފަރުވާ ހޯދަން އޭނާ މިހާރު ގޮއްސި ކަމަށާއި އޭނާއަށް ދިމާވެގެން އުޅޭ މައްސަލަ އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.
"އަހަރެންގެ ގޭގެ ދޮރުގައި ވެސް ހުންނާނެ ކަލަންޑަރު ތަތްކޮށްފައި. އެކަމަކު އަހަރެން ކަލަންޑަރަށް ބަލާލާ ކޮންމެ ފަހަރަކު މިއީ ސެޕްޓެމްބަރު މަސް ކަން އެނގުމުން ހައިރާންވޭ. އަހަންނަށް މިވާ ގޮތް މީހުންނަކަށް ނުވިސްނޭ. ހީވަނީ ފިލްމެއްގެ މަންޒަރެއް ހެން،" ހޯނާ ބުންޏެވެ. އެއްވެސް ކަމެއް ހަނދާނުގައި ރައްކާ ނުކުރެވޭތީ ހޯނާ ވަރަށް ކަންބޮޑުވެ އެވެ.
"އަހަރެން ވަރަށް ބިރުގަނޭ. އިރުކޮޅަކުން އަހަރެން ހަނދާނެއް ނުހުންނާނެ ނޫހަށް އިންޓަވިއު އެއް ދެވުނު ކަމެއް ވެސް. މަންމަ ފަހުން ހަނދާން ކޮށްދިނަސް ހަނދާނެއް ނުވާނެ އިންޓަވިއު އެއް ދިންކަމެއް،"
ހޯނާގެ މަންމަ ބުނީ އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ގިނަ ޑޮކްޓަރުން ބުނާ ކަމަށެވެ. އެމްއާރްއައި އައި ސީޓީ ސްކޭން ހަދައިގެން ވެސް އެއްވެސް މައްސަލައެއް ހުރި ކަމަކަށް ޑޮކްޓަރުންނަކަށް ފާހަގައެއް ނުކުރެވޭ ކަމަށް ވެސް ހޯނާގެ މަންމަ ބުންޏެވެ.
"ސިކުނޑިން ލޭ އައިސްފައެއް ނެތް. އަދި ޓިއުމަރެއް ފަދަ އެއްޗެއް ވެސް ނެތް،" ހޯނާގެ މަންމަ ބުންޏެވެ.
ކަންތައްތައް ހަނދާނުގައި ބަހައްޓަން މިހާރު ހޯނާ ކުރާ ކަމަކީ އޭނާގެ ނޯޓްފޮތުގައި ތަކުރާރުކޮށް އެ ވަގުތަކު ވާ ކަންތައްތައް ލިޔުމެވެ. ފަހުން ހަނދާން ކުރަން ޖެހޭ އެއްޗެތީގެ ފޮޓޯ ނަގައިގެން ރައްކާ ކުރުން ނޫން ކަމެއް ހޯނާ އަކަށް މިވަގުތު ކުރެވޭކަށް ނެތެވެ.