މެދު އިރުމަތި

އިރާނުން ގަލްފުގައި ގޭސް ކާރުހާނާއެއް ތަރައްގީ ކުރަނީ

ހަމަނުޖެހުން ބޮޑުވެފައިވާ ގަލްފު ސަރަހައްދުގައި އިރާނުން ގޭސް ކާރުހާނާއެއް އުފައްދަން ނިންމައިފި އެވެ. މި ގޭސް ކާރުހާނާއަކީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރު ނުގަންނަކަން އެމެރިކާއަށް ދެއްކުމުގެ ބޭނުމުގައި އިރާނުން އުފައްދާ ކާރުހާނާ އެކެވެ.

އިރާންގެ އޮއިލް މިނިސްޓަރު ބިޖާން ނަމްދާރް ޒަންގަނީހު ވިދާޅުވީ، ގަލްފުގައި އަޅާ ގޭސް ކާރުހާނާގެ މަސައްކަތް މިހާރު އިރާން ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޕްރެޖްކެޓުގެ އަގަކީ 440 މިލިއަން ޑޮލަރު ކަމަށެވެ. ބިޖާން ނަމްދާރް ޒަންގަނީހު ވިދާޅުވީ، އެމެރިކާއިން ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިރާންގެ އިގްތިސާދު އިތުރަށް ހަލާކުވެގެން ދިޔަ ނުދޭނެ ކަމަށެވެ. ކުރިމަގަށް އިންވެސްޓް ކުރުން އަދި އޮތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާންގެ ކުންފުނިތަކާއެކު މަސައްކަތުގެ ސޮއިކުރެވުން، އެއީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް މިހާ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރު، އެމެރިކާގެ ފިޔަވަޅުތަކަށް އެހެން ގައުމުތަށް ސިހުނު ނަމަވެސް އިރާން އެއީ ކަމެއް ނޫން، އަހަރުމެން މަސައްކަތް ކުރާނީ ފިޔަވަޅު އަޅައިގެން ގެއްލުން ލިބޭނަމަ، އެހެން ގޮތަކުން އެ ގެއްލުން ފޫބައްދަން" ބިޖާން ނަމްދާރް ޒަންގަނީހު ވިދާޅުވި އެވެ.

ބިޖާން ނަމްދާރް ޒަންގަނީހު އިތުރަށް ވިދާޅުވީ، އެމެރިކާއިން އިރާނުގެ ތެލުގެ ވިޔަފާރިއަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، އެހާ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަަށެވެ. އެކަމަކު އިގްތިސާދަށް ގެއްލުންވަމުންދާތީ އެކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. އިގްތިސާދު ރަނގަޅު ކުރުމުގެ ގޮތުން އިރާނުން ވަނީ މިހާރު ޗައިނާ ފަތުރުވެރިން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އިރާނުން "ދަ ބަލާލް ގޭސް ފިލްޑް" ތަރައްގީކުރަން ނިންމާފައިވަނީ، އިރާނާ 90 ކިލޯމީޓަރު ދުރުގައި އޮތް ގަލްފުގެ ރަށެއް ކަމަށްވާ ލަވަން އައިލެންޑުގަ އެވެ. މި ކާރުހާނާއިން ދުވާލަކު 500މިލިއަން ޑޮލަރުގެ ގޭހުގެ ބާވަތްތަށް ދުވާލަކު ބޭރު ކުރެވޭނެ ކަމަށް ބިޖާން ނަމްދާރް ޒަންގަނީހު ވިދާޅުވި އެވެ.

އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތް ކުރަން އިރާނުން ނިންމީ، އެމެރިކާ އެދުނު ގޮތަށް އިރާންގެ ނިއުކިލިއާ ޕްރޮގްރާމްތަށް ކުރިއަށް ގެންދަން ނިންމުމުން ވެސް ފިޔަވަޅުތަށް އުވާ ނުލުމުންނެވެ. ފިޔަވަޅުތަށް އުވާލުމުގެ ބަދަލުގައި އެމެރިކާއިން ބުނީ، އިރާންގެ ތެލުގެ ވިޔަފާރި އެއްކޮށް ހަލާކު ވަންދެން ފިޔަވަޅުތަށް އުވާނުލާނެ ކަމަށެވެ.