ހަބަރު

ފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު ދެރަ

އިއްޔެ ލ. ގަމުގެ ގެއެއްގެ ތެރޭގައި ހަދާފައި ހުރި މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވި ކުޑަކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުން ދެ އަހަރުގެ އެ ކުޑަ ފިރިހެން ކުއްޖާ މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވީ އިއްޔެ މެންދުރު ފަހު 3:30 އެހާކަންހާއިރު އެވެ. އޭގެ ފަހުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ. ނަމަވެސް އެ ކުއްޖާގެ ހާލު ސީރިއަސްވެ ގޯސް ވަމުން ދާތީ އިތުރު ފަރުވާއަށް ރޭ މާލެ ގެނައީ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުއްޖާ އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފެށީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށައި އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ، މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ފޮޓޯއިން ފެންނަ ގޮތުގައި ކުޑަ ކުއްޖާ ވެއްޓުނު ފެންގަނޑަކީ މަސް ގެންގުޅުމަށް ހަދާފައިވާ ފުދޭ ވަރަކަށް ބޮޑު ފެންގަނޑެކެވެ. އެޅިގަލުން ހަދާފައިވާ މަސް ފެންގަނޑު ކޮންމެ ވެސް ވަރަކަށް ފުން ކަމަށް ވެސް ބެލެވެއެވެ.