ހަބަރު

ފެންގަނޑަށް ވެއްޓުނު ކުއްޖާ އަންނަނީ ރަނގަޅުވަމުން

ލ. ގަމުގެ ގެއެއްގައި ހަދާފައިވާ މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްގައި ފަރުދާ ހޯދަމުންދާ ކުޑަ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖާ މަސް ފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ޔުނިޓުން އިސްމާއީލް އަހްމަދު މިއަދު ވިދާޅުވީ ގޯތީގެ ތެރޭގައި ފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަދިވެސް އޮތީ އައިސީޔޫގައި ކަމަށެވެ. އަދި ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

"އިއްޔެ ޑޮކްޓަރުން ބުނީ އެ ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް. މަޑު މަޑުން ހަރަކާތް ކުރާ ކަމަށް ޑޮކްޓަރުން ބުނި. އެކަމަކު އަދިވެސް އޮތީ ވެންޓިލޭޓަރުގައި" އިސްމާއީލް ވިދާޅުވި އެވެ.

ކުޑަ ކުއްޖާ ފެންގަނޑަށް ވެއްޓި ހާލު އިތުރަށް ގޯސްވުމުން މާލެ ގެނެސް ފަރުވާ ދެމުންދާއިރު ފުރަތަމަ ފަރުވާ ދީފައި ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގަ އެވެ.

އެ ކުއްޖާ ވެއްޓުނު ފެންގަނޑަކީ އެޅިގަލުން ރަނާފައިވާ މަސް ފެންގަނޑެކެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފެންގަނޑުގައި އޮއްވައި ފެނުނީ އޭނާ ނުފެނިގެން ހޯދަމުންދާތާ ގަޑިއެއްހާއިރު ފަހުންނެވެ.