މި އަހަރުގެ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގައި ރައްޔިތުންގެ މަދަނީ އަދި ސިޔާސީ ބައިވެރިވުން ފާހަގަ ކުރަމުން ދާއިރު އަޅުގަނޑުމެން މީގެ 15 ވަރަކަށް އަހަރު ކުރިން ރާއްޖެ ދެކެމުން އައި ދުވަސްތައް ހަނދާން ކޮށްލުން މުހިއްމެވެ. ދުލާއި ގަލަމުގެ މިނިވަންކަން ބަންދު ކޮށްފައި އޮތް ޒަމާނެކެވެ. ސައްލާއެއް ކުރަން ކަންމައްޗަކަށް އެއްވެލާނެ ފަދަ މާހައުލެއް އޮތް ދުވަހެއް ނޫނެވެ.
ވެރިންނަށް ތިބޭ މީހުން ކިތަންމެ ބޭއިންސާފުން ކަމެއް ކުރިކަމުގައި ވީ ނަމަވެސް އެކަމާ މެދު މާގިނަ ބަހުސެއް، ބަސް ނޭހުމެއް ދެއްކެން ނެތް ދުވަހެކެވެ. މުޖްތަމައުގެ މި ތަރުތީބާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ނިޒާމުން ގެއްލުވާލާ، އަނދަގޮނޑިޖެއްސި ޒަމާނެކެވެ. މައްސަލައަކީ ވަކި ބަޔަކަށް ފެންނަ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް، އަދި އާންމު ސިޔާސަތުތައް ބައްޓަންކުރާ ގޮތަކީ އެގޮތް ކަމަށް ވާތީ އެވެ. ރައްޔިތުންގެ ޙާލަތަށް އިޙްތިރާމް ނުކުރެވޭތީ އެވެ.
އެފަދަ ނިޒާމެއް އޮއްވާ، ދިވެހި ރައްޔިތުން މީގެ 15 އަހަރު ކުރިން ހަރު އަޑުން ގޮވާލީ އަދުލު އިންސާފާއި ހަމަހަމަކަމާއި ހެޔޮ ވެރިކަމެއް ގާއިމް ކުރުމަށެވެ. ޑިމޮކްރަސީގެ އުސޫލުތަކަށް އިޙްތިރާމް ކުރުމަށެވެ.
ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން، ކެނޑިނޭޅި ކުރެވުނު އިސްލާހީ އެތައް މަސައްކަތެއްގެ ނަތީޖާއަކީ 2008 ވަނަ އަހަރު ފެހި ގާނޫނުއަސާސީ ތަސްދީގު ކުރެވި، ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭއްވުނު މިނިވަން އިންސާފުވެރި އިންތިޚާބަކުން ވޯޓުލައިގެން ސަރުކާރު ބަދަލު ކޮށްލުމެވެ.
މި ހުރިހާ ހަރުފަތްތަކެއް ގިރާކުރީ ހަމަ ރައްޔިތުންގެ ބާރުގަ އެވެ. ޑިމޮކްރެޓިކް ސަރުކާރާއި، ދައުލަތާއި އެންމެހައި މުއައްސަސާތައް އުފެދުމުގެ އަސްލަކީ ހަމަ ރައްޔިތުންނެވެ. ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރަކީ ރައްޔިތުންގެ ބާރުގެ ފުރިހަމަ މިސާލަކަށް ވަނީ މިހެން ވެގެންނެވެ. އެއިރެއްގައި ތަޖުރިބާ ކުރަމުން ދަނީ މީގެ 15 އަހަރުކުރިން އަޅުގަނޑުމެން ތަސައްވުރުކުރި ފަދަ ވެރިކަމެއްތޯ އާއި، ރައްޔިތުންގެ ބަސްވިކޭ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ ވެރިކަމެއްތޯ އަބަދުވެސް ސުވާލު ކުރުމަކީ މުހިއްމު ކަމެކެވެ
މި ސުވާލު ކުރުމުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދެއްވާ ކުރު ޖަވާބެއް އޮވެއެވެ:
"އިންތިޚާބުތަކުގައި ބައިވެރިވާ ރައްޔިތުންގެ ނިސްބަތަކީ، މި ކަންކޮޅުގައި ވެސް އަދި ފަހަރުގައި ދުނިޔޭގައި ވެސް އެންމެ މަތީ އަދަދެވެ. ރިޔާސީ އިންތިހާބުތައް ފަދަ އިންތިހާބުތަކުގައި 80 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން އަބަދުވެސް ބައިވެރިވެއެވެ. މަޖްލިސް އިންތިޚާބުވެސް ހަމަ އެފަދައެވެ. މަޖިލިސް މަންދޫބުންނަކީ ސީދާ ރައްޔިތުން ހޮވާ ބައެކެވެ. އެމީހުން ޖަވާބުދާރީކުރަން ވެސް ރައްޔިތުންނަށް މަސައްކަތް ކުރެވޭނެ އެވެ. ރައްޔިތުން ބޭނުން އިރަކު މުޒާހަރާ ކުރެވެއެވެ. އެހެން ވީމާ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ވީ ނޫންތޯ އެވެ؟"
ތެދެކެވެ. އިންތިޚާބީ މަރުހަލާ ތަކުގައި ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑެވެ. މަޖިލިސް މެމްބަރުން ޖަވާބުދާރީ ކުރަން އެބޭފުޅުންނަށް ފޯނު ކުރުންފަދަ ކަންތައްތައް ކުރެވިދާނެ އެވެ. އެހެން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވެސް މެމްބަރުން ޖަވާބުދާރީ ކުރުވާ އެއްގޮތަކީ އެއީއެވެ. އެބޭފުޅުން ކޯލަށް ޖަވާބު ދޭތޯ ނުވަތަ ނޫންތޯ އެއީ މުޅިން އެހެން ވާހަކައެކެވެ. ގްރީންޒޯނު ފިޔަވާ އެހެން ތަންތަނުގައި މުޒާހަރާ ވެސް ކުރެވެ އެވެ.
އެހެންކަމުން އެ ދެއްވާ ޖަވާބު މުޅިއަކުން ގޯހެއް ނޫނެވެ. ނަމަވެސް އެއީ މުޅިއަކުން ރަނގަޅު ޖަވާބެއް ވެސް ނޫނެވެ. އެއީ ރައްޔިތުންގެ މަދަނީ އަދި ސިޔާސީ ބައިވެރިވުމަކީ ހަމައެކަނި ވޯޓުލުމާއި މުޒަހަރާކުރުން ކަމަށްވުރެ ފުޅާ މާނައެއްގައި އޮންނަކަމަކަށް ވާތީއެވެ. މީގެ ތެރެއިން ގިނަ ކަންތައްތަކަކީ އޭގެ ޒާތުގައި ސީދާ ދައުލަތުން ނުވަތަ ކަމާ ބެހޭ ޚާއްސަ ފަރާތަކުން ރައްޔިތުންނަށް ފަހިކޮށްދޭން ޖެހޭ ފުރުސަތުތަކެކެވެ.
މިސާލަކަށް ޤައުމީ ސިޔާސަތުތައް ގާނޫނަށް ނުވަތަ މަޝްރޫޢުއަށް ބަދަލު ކުރުމުގެ ކުރިން ސިޔާސަތު އެކުލަވާލެވިދާނެ އިތުރު ގޮތްތައް ހިމެނިގެން ތައްޔާރުކުރާ ފެހި ކަރުދާހާއި އަދި އޭގެ ފަހުން ސިޔާސަތަކާއި ބެހޭގޮތުން ސަރުކާރުން ނުވަތަ މަޖިލީހުން ނަގާ ސްޓޭންޑް ހާމަކޮށް ތައްޔާރު ކުރެވޭ ހުދު ކަރުދާސް އެންމެނަށް ފެންނާނެހެން ޝާއިއު ކުރުމާއި، އެންމެނަށް ހުޅުވާލެވިގެން ކަނޑައެޅި އިއުލާނު ކުރެވިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ސިޔާސަތުތަކަށް ފާޑުކިޔާ، ޚިޔާލު ހުށައެޅުމުގެ ނިޒާމެއް ގާއިމް ކުރުމާއި، މުޖުތަމައުގައި ހަވާސާ ކުރެވިފައިވާ މީހުން ޝާމިލުކޮށްގެން ސިޔާސަތު ނުވަތަ ސަރުކާރުގެ އެކި މަޝްރޫޢުތައް ބައްޓަން ކުރުމާއި، ކައުންސިލްތަކުން މިހާރަށް ވުރެ ހަރުދަނާކޮށް ރައްޔިތު ބައްދަލުވުންތައް އިންތިޒާމު ކުރުމުގެ އިތުރުން، ރައްޔިތުން ބައިވެރިކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ގޮތްތައް ހޯދާ ބޭނުންކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ.
ޑިމޮކްރެޓިކް ނިޒާމެއް، ހަރުދަނާކޮށް ކުރިއެރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަކީ، ޝައްކެއް ނެތްގޮތުގައި ސިޔާސީ ޕާޓީތަކެވެ. ސިޔާސީ ޕާޓީތަކުގެ މަސައްކަތުގައި ފެއަށް ޖެހިއްޖެނަމަ ޑިމޮކްރެޓިކް ނިޒާމް ބަލިކަށި ވެގެން ދެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މިއޮތް ހާލަތުގައި، ސިޔާސީ ޕާޓީތަކަކީ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ، ރައްޔިތުން ޝާމިލު ކޮށްގެން މަސައްކަތްކުރާ ޕާޓީތަކަކަށް ހެދުމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ. މާނައަކީ، ރައްޔިތުންނާ ގުޅިގެން ޕާޓީގެ ފިކުރު މުއްސަނދި ކުރުމާއި، ސިޔާސަތުތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމާއި އަމަލީ ހަރަކާތްތައް ރޭވުމެވެ. މިގޮތުން ޕާޓީގެ ފިކުރަކީ ރައްޔިތުން ހިފަހައްޓާ އެއްޗެއްކަން އަބަދުވެސް ޕާޓީގެ މެމްބަރުންނަށް ކަށަވަރުކޮށްދޭން ޖެހެއެވެ. މިއީ ދަތިކަމެއް ނޫނެވެ. އަދި ޚަރަދު ބޮޑު ކަމެއް ވެސް ނޫނެވެ. މިއީ މިހާރު އަމަލު ކުރެވެމުންދާ މަދަނީ އަދި ސިޔާސީ މަރުހަލާތައް ރާވާ ހިންގުމުގެ އުސޫލުތަކަށް ކުޑަ ބަދަލެއް ގެނެސްގެން، ބޮޑު ނަތީޖާ އެއް ނެރެވިދާނެ ކަންތައްތަކެވެ.
ރައްޔިތުންގެ ސިޔާސީ އަދި މަދަނީ ބައިވެރިވުމަކީ ހަމައެކަނި ވޯޓުލުމާއި މުޒާހަރާ ކުރުން ކަމުގައި ދެކޭ ދެކުން ބަދަލުކުރަން ވެއްޖެ އެވެ. ރައްޔިތުން ކުރާ ވެރިކަމެކޭ ބުނެވޭނީ އަމިއްލަ އިސްނެގުމުގެ މަތިން މި ނިޒާމުގެ އެކި ގުނަވަންތަކުން ރައްޔިތުން ބައިވެރިކޮށް، އަދި ރައްޔިތުންގެ ބައިވެރި ކުރުމަކީ ބިނާ ކުރަނިވި އަދި ސިޔާސަތުތަކަށާއި ޑިމޮކްރެޓިކް މަރުހަލާތަކަށް އޭގެ އަސަރުކުރާ، ރައްޔިތުންގެ އަޑު ހިމެނިގެން ކުރާ ވެރިކަމަކަށް ވެގެންނެވެ.
އެޑިޓަރުގެ ނޯޓް: މިއީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ލިޔުމެކެވެ. އެ ޖަމިއްޔާއަކީ 2004 ވަނަ އަހަރުއްސުރެ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވަން މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރައްޔިތުން ބާރުވެރިކުރުވުމާއި މަދަނީ އަދި ސިޔާސީ މާހައުލުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެކި މަޝްރޫއު ރާވާ ހިންގުން ހިމެނެ އެވެ. މި ލިޔުން އަވަސް އޮންލައިންގައި ޝާއިއު ކުރީ އެ ޖަމިއްޔާއިން ބޭނުންވެ އެދިގެނެވެ.