(12 ސެޕްޓެމްބަރ 2019 އާ ގުޅޭ)
"އަހަރެން މާދަން ގުޅާނަން، ޕްލީޒް... ހިނގާބާ ކޮފީއަކަށް، އެހެންނޫނީ ތިގެއަށް އަހަރެން ގެންގޮސްބަލަ" ހޭޒަލް ފޯނު ބާއްވަން އުޅުމުން ސައިފް ނިކަން އަވަސްއަރުވާލާފައި ބުންޏެވެ.
"ޔޫ އާ ދި ވޯސްޓް" ފޫހިކަމާއެކު ހޭޒަލް ބުނެލިއެވެ. ސައިފްގެ ސަބަބުން އޭނާގެ ޠަބީޢަތް މުޅިން ހަރާބުވެއްޖެއެވެ. އަމިއްލަ އަނބިމީހާއާ ބެހޭ ގޮތުން ސައިފް އެ ދެއްކި ވާހަކަތަށް އެއްވެސް ވަރަކަށް ހޭޒަލްއަށް ކަމަކުނުދިޔައެވެ. ސައިފްދެކެ ފޫހިވީ އެހެންވެއެވެ. އަނެއްކޮޅުން ސައިފް އެ ދެއްކި ވާހަކައިގަވަނީ ކިހާ ވަރެއްގެ ތެދެއްކަމެއް އެނގެނީއެއްނޫނެވެ.
"ތޭންކް ގޯޑް އައި ޑިޑިންޓް މެރީ ޔޫ" ދެބުމަ ކައިރިކޮށްލެވުމާއެކު ހޭޒަލްއަށް ބުނެވުނެވެ. ސައިފް ފަހުން ގުޅާފާނެތީ އޭނާ ފޯނުގެ އަޑު ކަނޑާލިއެވެ. ކޮފީ މޭޒުމަތީ ފޯނު ބާއްވާފައި ސޯފާއިން ތެދުވިއެވެ.
ހޭޒަލް އައިސް ބެލްކަނީގައި މަޑުކޮށްލިއެވެ. އެކި ދިމާއަށް އޭނާގެ ނަޒަރު ހިންގާލިއެވެ. އިރުއޮއްސެން އުޅޭކަމުގެ ލިސާންތައް އުދަރެހުން ފާޅުވެއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު ހޭޒަލް ގުދުވެލައި ބެލްކަނީގައި ހިފަހައްޓާލައިގެން ހުރި ދެއަތްތިލައިގަ ނިތްކުރި ޖައްސާލިއެވެ.
"ގޯޑް، އައި މިސް ޔޫ" ހިތާހިތުން ހޭޒަލްއަށް ބުނެލެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ހަށިގަނޑު ތެދުކޮށްލުމާއެކު އެނބުރި ގޭތެރެއަށް ވަދެއްޖެއެވެ. ހަލުވިކޮށް އައިސް ކުރިން ބޭއްވިތަނުން ފޯނުނެގިއެވެ. ވަގުތުން ނަޝާއަށް ގުޅާލިއެވެ.
"ތިގެއަށް ދާންކަމަށް މިގުޅާލީ" ހޭޒަލް ބުންޏެވެ. ޢާންމުކޮށް އެ ގަޑިއަކީ ނަޝާ ބުރަކޮށް އުޅޭނެ ވަގުތެއްނޫންކަން ހޭޒަލްއަށް އެނގެއެވެ. ނަމަވެސް މިފަހަރު ހޭޒަލްއާ އެއްކޮށްޅަށް ނަސީބު ތަނެއްނުދިނެވެ. ކުދީން ގޮވައިގެން ނަޝާގެ ދެމަފިރިން އުޅެނީ ގެއިން ބޭރުގައެވެ. ނަޝާގެ ދޮށީ ދަރިފުޅަށް ސްކޫލު މުބާރަތަކުން ވަނައެއް ލިބިގެން އެކަން ފާހަގަކުރަނީއެވެ. ނަޝާގެ ހިތްހެޔޮކަމުން އަންނާށޭ ބުންޏަސް އެއީ އެމީހުންގެ ޢާއިލީ ވަގުތުކަން ހޭޒަލް ދެނެގަތެވެ. އެހެންވެ އެ ޢާއިލާގެ ތެރެއަށް އުނދަގޫކުރަން ދާން ހޭޒަލް ބޭނުންނުވީއެވެ.
މާޔޫސްކަމާއެކު ފޯނު އަތަށް ލައިގެން ސޯފާގައި ދެފައި ވަށްކޮށްލައިގެން ހޭޒަލް އިށީނެވެ. އޭރު ސިކުނޑީގައި ދައުރުވަމުންދިޔައީ ސާއިރާގެ ގާތަށް ދާންވީބާއޭ އެވެ. ޔަގީނުން ވެސް އެބައެއްގެތެރޭގައި އޭނާ ބާކީ ނުވާނެ ބަޔަކީ އެއީއެވެ. ގޮތެއް ނުނިންމިފައި އިންދާ ފޯނު ވައިބްރޭޓްވާން ފެށިއެވެ. "މަމް އިން ލޯ" ފޯނުގެ އިސްކުރީނަށް އަރާފައި އޮތެވެ.
"ހެލޯ... ހޭޒަލް ނިދަނީތަ؟" ހޭޒަލް ހެލޯ ބުނެލުމާއެކު އިވުނީ މުހުސިނާގެ އަޑެވެ.
"މިގަޑީގަ ނުނިދާނެއެއްނު... މަންމަ ބުނަމެންނު އިރުއޮއްސެމުން އަންނަ ވަގުތަކީ ސުންޕާ ގަޑިއެކޭ" ހޭޒަލް ބުންޏެވެ.
"އާދެބަލަ މިގެއަށް، ލިއަމް ދިޔަފަހުން އެންމެ ފަހަރަކުވެސް ހޭޒަލް ނާންނަމެންނު، ދަރިފުޅު ރަނގަޅުތަ؟" މުހުސިނާގެ އަޑުން ހިސާބެއްގެ ކަންބޮޑުވުން ހޭޒަލްއަށް އިޙްސާސް ކުރެވުނެވެ.
"އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅު" ހޭޒަލް އެހެން ބުނީ އެއީ ތެދަށްވީމައެއްނޫނެވެ. މުހުސިނާއަށް އެއްވެސް ކަމެއް އަންގަން ބޭނުންނުވާތީއެވެ.
"އަދިވެސް ނުބުނަމެންނު މިގެއަށް އަންނާނަމެކޭ، ލިއަމް ނެތީމަ ނާންނަންތަ ތިހުންނަނީ" މުހުސިނާ އެއްސެވެ.
"އެހެނެއްނޫން" ހޭޒަލްގެ ޖަވާބު ކުރެވެ. އެއްވެސް އިރަކު އޭނާއަކީ މުހުސިނާއާ މާގިނަ ވާހަކަތަކެއް ދައްކާ މީހެއްނޫނެވެ.
"އެބަ ފޮނުވަން ދޮންބެ، ހޭޒަލް އާދެބަލަ... މިރޭ މިގެއިން ކާނީ، އެއްވެސް ބަހަނާއެއް ނުދައްކާތި، މަންމަ ބުނީތީ ވެސް އާދޭ" މުހުސިނާ ބުންޏެވެ. ހޭޒަލް ދެކޮޅު ނުހެދީ މުހުސިނާއަކީ އޭނާގެ މައިދައިތައަށްވީމައެވެ. އަމިއްލަ މަންމަހާ ހެޔޮ ނަމަވެސް ސާއިރާގެ ކުރިމަތީ އުޅޭހެން މުހުސިނާގެ ކުރިމަތީ އުޅޭކަށް ހޭޒަލްއަކަށް ނުކެރެއެވެ. އެހެން އުޅެން ފަސޭހައެއް ވެސް ނޫނެވެ.
ޒައިދަން އަންނަންވާއިރަށް ތައްޔާރުވާން ކަމަށް ބުނެ ހޭޒަލް ފޯނުކޯލު ކުރުކޮށްލީއެވެ. ގޭގައި ހުންނަން ބޭނުންނުވެފައި ހުރި ހޭޒަލްއަށް ވިސްނުނީ މުހުސިނާ އެ ގުޅީ އެންމެ ރަނގަޅުވަގުތުގަކަމެވެ. މިއީ ގެއިން ބޭރުގައި ވަގުތުތައް ދުއްވާލުމަށް އޭނާއަށް ލިބުނު ފުރުޞަތެއް ކަމުގައެވެ. އަވަސް އަވަހަށް ކޮޓަރިއަށް އައިސް ވަންގޮތަށް އަލަމާރި ހުޅުވާލިއެވެ. މުހުސިނާ ގާތަށް ދާނަމަ ހޭޒަލް އެޅުމުގައި ވެސް ވިސްނާލައެވެ. ގޭގައި ލައިގެން އުޅުނު ޔޯގާ ސޯޓުބުރިއާއި ޓީޝާޓުކޮޅު ބާލައި އެނދުމައްޗަށް އެއްލާލުމާއެކު ހަލުވިކޮށް ގޮސް ފާޚާނާއަށް ވަނެވެ. ގައި ދޮވެލައިގެން ނުކުމެ އޭނާ ތައްޔާރުވާން ފެށިއެވެ. ރީތިވާ މޭޒުކައިރީ އިނދެ ލުއިލުއި މޭކަޕެއް ކޮށްލިއެވެ. ތުންފަތުގައި ވެސް ނޫޑް ކުލައެއް ޖައްސާލިއެވެ. އޭނާގެ އަލި މޫނާއި ނުހަނު ގުޅެއެވެ. ދިގު އިސްތަށިގަނޑު މަތިންފެށިގެން ގަތާލިއެވެ. އެންމެ ގިނަ ވަގުތެއް ހޭދަވީ އެކަމަށެވެ. އެހެންނަމަވެސް ޒައިދަން އަންނަންވާއިރަށް އެކަން ވެސް ވެއްޖެއެވެ. ލޯގަނޑު ކުރިމަތީ ހުއްޓިހުރެ ފަހު ފަހަރަށް އަމިއްލަ ސޫރަ ހޭޒަލް ބަލާލިއެވެ. ނޭވީކުލައިގެ ސްކިނީ ޖީންސާއި ކަކުލާ ހަމައަށް ހުރި ކަޅުރަތްކުލައިގެ ކުރުތާގައި ހޭޒަލް ފެންނަލެއް ވަރަށް ސާދާއެވެ. އަމިއްލަ ސޫރަ މާބޮޑަށް ކަމުދިޔައީ ކަންނޭނގެއެވެ. ފޯނު ނަގައި ރީތިވާ މޭޒުގެ ކައިރީ ދިއްލާފައި ހުރި ގަދަ އަލީގައި ހުއްޓި ލޯގަނޑު ވެސް އަރާނޭހެން ނަފްސީއެއް ނެގިއެވެ. އަދި ލާނެތް ހިނިތުންވުމަކާއެކު އެ ފޮޓޯ ލިއަމްއަށް ފޮނުވާލިއެވެ. އަދި ޑޭޓަކަށް ދަނީއޭ ބުނެ މެސެޖު ކޮށްލިއެވެ. ހަމައެވަގުތު ޒައިދަން ގުޅައިފިއެވެ. އަވަސްއަވަހަށް ފޯނަށް ޖަވާބުދެމުން ހޭޒަލްގެ ޢާންމުކޮށް އަޅާ އަތްދަބަސް ހޯދާލިއެވެ. އެ ހިފައިގެން އޭނާ އެޕާޓްމެންޓުން ނުކުތީ ކީކާޑާއި ތަޅުދަނޑިތައް ހަމައަށް ހުރިތޯ ބަލާފައެވެ.
"ދޮންބެ ތިއައީ ބާރާބަރު ޓައިމަށް" ޒައިދަންގެ ސައިކަލު ފަހަތަށް އަރަމުން ހޭޒަލް ބުންޏެވެ.
"މަންމަ ބުނީމަ ވެސް ދޮންބެ ކުޑަކޮށް ލަސްކޮށްލީ ޒެއްލު ރެޑީވާން ވަގުތުދޭންވެގެން" ހަޤީޤަތަކަށް ނުވިޔަސް ޒައިދަން ބުނެލިއެވެ. ޒައިދަންގެ މިޒާޖުގެ ގޮތުން އޭނާއާ ވާހަކަދައްކަން ހޭޒަލްއަށް އުނދަގުލެއްނޫނެވެ. ހީނލާނޭ ފުރުޞަތު ހޭޒަލްއަށް ލިބުނީތީ ގެއާ ހަމައަށް އާދެވުނު އިރު އޭނާ އިނީ ނިކަން ހަމަޖެހިފައެވެ.
* * * * *
"މިއޮއްއައީނު" ދޮރުން ވަން ހޭޒަލް ފެނުމާއެކު ސިޓިންރޫމުގައި އިން ޝަމާޢިލް ބުންޏެވެ. އޭރު ބަދިގެއަށް ދާން އޮންނަ ހުސްތަންކޮޅުގައި އިސްތިކުރަން މުހުސިނާ ހުއްޓެވެ. އެހެންވެ އޭނާއަށް ހޭޒަލްއާއި ޒައިދަން ފެނުނީ އެމީހުން އެތެރެއަށް ވަދެގެން އައިފަހުންނެވެ.
"ލިއަމް ނެތީމަ މިކުއްޖާ މިގެއަށް ވަދެވެސްނުލައޭ..." އިސްތިރިކުރަމުން މުހުސިނާ ބުންޏެވެ.
"މަންމަ ބުނީމަ މިއައީނު، ދޯ ބައްޕާ" ހޭޒަލް އައިސް ޝަމާޢިލް އިން ސޯފާގެ އަނެއްކޮޅުގައި އިށީނެވެ.
"ދަރިފުޅު ހިކިއްޖެހެން ހީވަނީ" ހޭޒަލް ގެއަށް ވަނީއްސުރެން އޭނާއަށް ބަލަން އިން ޝާމާޢިލް ބުންޏެވެ.
"މަންމަ ނުބުންޏަސް ހޭޒަލްވާނެ މިގެއަށް އަންނަން، ލިއަމް ވެސް އެހުންނަނީނު، ދޮޅުމަސްވެގެންދިޔައިރު އޭނާއާ ވާހަކަދެއްކުނީ އެންމެ ފަހަރަކު، އެވެސް އަހަރެން ގުޅައިގެން... އޭނާ އެކޮޅުގަ ކީއްތަކުރަނީ، އެ ފޯނަށް ކިތައް ފަހަރަށް ގުޅާނީ، އެންމެ ރަނގަޅެއްނު ގުޅާފަ އޮތްކަން އެނގުނީމަ ގުޅާލަން" މުހުސިނާ އިސްތިކުރި ޝަމާޢިލްގެ ގަމީސް އެއްއަތުން ހިފަހައްޓާލައިގެން ހުރެ ހޭޒަލްއަށް ބަލާލިއެވެ. ހޭޒަލްގެ މޫނުން ލުއި ހިނިތުންވުމެއް ނޫނީ ނުފެނުނެވެ. އިސްތިރިން ކަރަންޓު ކަނޑާލާފައި މުހުސިނާ ހިނގައިގަތީ އެތެރެއަށެވެ.
"ކޮބާ ރަފާއާ ބޭބީ" ހޭޒަލްގެ ކުރިމަތީ ހުރި ސޯފާގައި ޒައިދަން އިނީތީ އަހާލިއެވެ.
"ޒަފްކޮ ރޯގާޖެހިގެން ހުންއަންނާތީ މިއުޅެނީ، ރަފާ ގާތުގަ ކިރިޔާ ވެސް މަޑުވަނީ، ދޭބަލަ ކޮޓަރިއަށް... ދޮންބެ ނުކުމެގެން ދިޔައިރު ޓީވީ ބަލަން އޮތް" ޒައިދަން ބުންޏެވެ. ސޯފާ މައްޗަށް އަތްދަބަސް ދޫކޮށްލާފައި ހޭޒަލް ތެދުވެގެން އައިސް ޒައިދަންއާއި ރަފާ ނިދާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އަދި މަޑުމަޑުން ހުޅުވާލިއެވެ. ހުޅުވާފައި ހުރި ޓީވީގެ އަޑު އިވެނީ ކިރިޔާއެވެ. ކޮޓަރީގެ ފަނޑުއަލިންނާއި ޓީވީގެ އިސްކުރީނުން އެޅެމުންދިޔަ އަލީގެ ތެރޭގައި އެނދުމަތީ ނިދިފައި އޮތް ރަފާއާއި ޒަފްރާ ފެނުނެވެ. އެހެންވެ ދޮރު ހުޅުވާލިހާ މަޑުން އަލުން ލައްޕާލާފައި ހޭޒަލް އައިސް ސޯފާގައި އިށީނދެއްޖެއެވެ.
"ނިދިފަ ތިބީ" ޒައިދަންއަށް ބަލާލައި ހޭޒަލް ބުންޏެވެ.
"ހޭޒަލް!... އާދޭ މަންމައާއެކު ސައިބޯން" ކޮޓަރިން ނުކުމެގެން ސިޓިންރޫމަށް އައި މުހުސިނާ ގޮވާލިއެވެ.
"ޒައިދަން... ރަފާއަށް ގޮވާލާފަ ބުނޭ މިގަޑީގަ ނުނިދާށޭ" މުހުސިނާ ދެން ވާހަކަދެއްކީ ޒައިދަންއާއެވެ. އޭނާ ބޯޖަހާލައި ތެދުވީ ކޮޓަރިއަށް ދާށެވެ.
މުހުސިނާއާއި ހޭޒަލްގެ ފަހަތުން ޝަމާޢިލް ވެސް ބަދިގެއަށް އައެވެ. ކުޅިބޯކިބާއާއި ގިތެޔޮ ބޯކިބާ ކާމޭޒުމަތިން ފެނުނެވެ. އެ ފެނުމުން ވެސް މުހުސިނާ އެހުރީ ހޭޒަލްއަށް ޓަކައި ތައްޔާރުކޮށްފައިކަން އެނގުނެވެ. ލިއަމްގެ މައިންބަފައިންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ލިއަމް ފޯނު ނުނަގާތީއެވެ. ހޭޒަލްއާ ދިމާވާފަހަރަކުން ލިއަމް ގާތުގައި އޭނާގެ މައިންބަފައިންނަށް ގުޅާލަން ބުނުމަށް މުހުސިނާ އެދުނީ އާދޭހާއެކުއެވެ. ހަމައެއާއެކު ހޭޒަލްއަށް ގުޅާތޯ ޝަމާޢިލްއަށް އެހުނީ އިޚްތިޔާރެއްނެތިއެވެ. ނިކަން އަވަހަށް ހޭޒަލް ބޯޖަހާލިއެވެ. ލިއަމް ނެތަސް ހޭޒަލް ކަމެއް ބޭނުންވެއްޖެނަމަ ޝަމާޢިލްމެން ގާތުގައި ބުނުމަށް އޭނާ އެދުނެވެ. އެމީހުން ވާހަކައިގައި ތިއްބާ އެތަނަށް ވީރާ އައިސް ވަނެވެ. އޭނާ އަޅާފައި ހުރި ހެދުމުންނާއި އަތުގައި އޮތް ބޮޑު އަތްދަބަސް ފެނި އެއައީ އޮފީސް ނިމުނު ގޮތައްކަން ހޭޒަލްއަށް އެނގުނެވެ. ހިނިތުންވުމަކާއެކު ހޭޒަލްއަށް ވީރާ ގޮވާލިއެވެ. ވަރަށް ބަނޑުހައި ވެއްޖެއޭ ކިޔާ އޭނާ ހޭޒަލްގެ ކައިރީ ހުރި ގޮނޑި ދަމާލައި ސައިބޯން އިށީނެވެ. މުހުސިނާ ސައިތަށްޓެއް ހަދައިގެން ވީރާއަށް ގެނެސް ދިނެވެ.
"ކޮންއިރަކުން ތުއްތޭ އަންނަނީ" ވީރާ އަހާލިއެވެ.
"މާޗު ފަހުކޮޅުހެން ހީވަނީ" ހޭޒަލް ބުންޏެވެ.
"އަދި އެބައޮތް ދޯ ވަން މަންތް އޮތްގޮތަށް، ޒެއްލު ވަރަށް ފޫހިވޭ ދޯ" ވީރާ ބުންޏެވެ.
މަޣްރިބު ނަމާދަށް ގޮވީ ސައިމޭޒު ދޮށުގައި އެމީހުން ތިއްބައެވެ. ޝަމާޢީލް ތެދުވެގެން ދިއުމުން މުހުސިނާ ނަމާދަށް އަވަސްވެލިއެވެ. ވީރާ ކަންނެތް ގޮތަކަށް މޭޒުގައި ބޯއަޅާލުމުން އޭނާއަށް މުހުސިނާ އަޑުލައިގަތެވެ. މަންމަގެ އެ ހަރުކަށިކަމުގެ ބަދަލުގައި ވީރާ ޖަހާލީ ހިނިގަނޑެކެވެ. ނަމާދުކުރާނީ އޭނާގެ ކޮޓަރީގައޭ ބުނެ ތެދުވެގެން ހިނގައިގަތެވެ. ނަމާދުނުކުރަންވެގެން ވީރާ ބުނި އެއްޗެކޭ މުހުސިނާ ބުނެލިއެވެ. އެއާއެކު މުހުސިނާ އިޝާރާތްކޮށްލީ ހޭޒަލްއަށެވެ. ލަދުން އިނދެވެސް ނަމާދުނުކުރެވޭކަން ހޭޒަލް ބުންޏެވެ. މުހުސިނާ ނަމާދުކޮށްގެން ނުކުންނަންދެން ސިޓިންރޫމުގައި މަޑުކޮށްލާށޭ ހޭޒަލް ގާތު ބުންޏެވެ.
މުހުސިނާއަށްވުރެ ކުރީން ވީރާ ކޮޓަރިން ނުކުތެވެ. ހޭޒަލް އެކަނި އިނުމުން އޭނާއަށް ގޮވައި ވީރާގެ ކޮޓަރިއަށް ވެއްދިއެވެ. އެނދު ދައްކާލަމުން އިށީންނަން ވީރާ ބުނެލިއެވެ. ނަމަވެސް އެނދަށް އެރި ވީރާ ފެންނާނޭހެން ކޮޓަރީގައި ހުރި ގޮނޑިއެއް ދަމާލައި އޭގައި ހޭޒަލް އިށީނެވެ. ދެމެދުގައި އެކި ވާހަކަދެކެވެމުން ގޮސް ވީރާ ކުރީ މީގެކުރީން ދުވަހަކުވެސް އޭނާ ހޭޒަލްއާ ކޮށްފައިނުވާ ސުވާލެކެވެ. ލިއަމްއާއި ހޭޒަލް ބައްދަލުވީ ކިހިނެއްކަމާއި ލޯބިވެވުނީމަ އެނގޭނީ ކިހިނެއްހޭ ވީރާ އެއްސެވެ. ލިބުނު ހައިރާންކަމާއެކު ހޭޒަލްއަށް ހިނިތުންވެވުނެވެ. އެހެންނަމަވެސް އެ ހަނދާންތަކަކީ ހޭޒަލްގެ ރަން ހަނދާންތަކެވެ. ހަޤީޤީ ލޯތްބަކީ ކޮބައިކަން އޭނާއަށް ޤަބޫލުކުރެވި އިޙްސާސް ކުރެވުނީ ލިއަމްއާ ބައްދަލުވީ ފަހުންނެވެ. ކުރު ގޮތަކަށް މާބޮޑު ތަފްސީލެއް ނެތި ވީރާގެ ސުވާލަށް ހޭޒަލް ޖަވާބުދިނެވެ.
ފޯނުގެ މަތިން ހަނދާންނެތިފައި ހުރިކަން ހޭޒަލްއަށް އެނގުނީ ވީރާ އަތުގައި ހުރި ޢީދު ޗުއްޓީގެ ފޮޓޯތަކެއް ފޮނުވަން އޭނާ އުޅުމުންނެވެ. އަވަސް އަވަހަށް ވީރާގެ ކޮޓަރިން ނުކުމެ ސިޓިންރޫމު ސޯފާގައި ބޭއްވި ދަބަސް ހިފައިގެން ހޭޒަލް އައެވެ. ފޯނު ނަގާ ބަލާލިއިރު ލިއަމްގެ މިސްކޯލުތައް ހުއްޓެވެ. އޭނާ ފުރައިގެން ދިޔަފަހުން މިނޫނި އެވަރަށް ގުޅާފައެއްނެތެވެ. ފޯނަށް ޖަވާބުނުދެނީ ކީއްވެތޯ ސުވާލުކޮށް ފޮނުވާފައި ހުރި މެސެޖުތައް ވެސް ހުއްޓެވެ. އޭނާ ވަގުތުން ލިއަމްއަށް މެސެޖެއް ފޮނުވިއެވެ. ލިއަމްގެ މަންމަމެން ގޭގައި އިންކަމުގައި ބުނެއެވެ. ގެއަށް ދެވުމުން ގުޅާނަމޭ ބުނެފައެވެ. ވަގުތުން ލިއަމްގެ ޖަވާބު އައެވެ. އޭނާ އެބަގުޅަން ކަމާއި ފޯނު ނެގުމަށް ބުންޏެވެ. އެ މެސެޖު ރަނގަޅަށް ނުކިޔެނީސް ހޭޒަލްއަށް ލިއަމް ގުޅައިފިއެވެ.
"ކޮންއިރަކު މަންމަމެން ދިޔައީ" ލިއަމް އެއްސެވެ.
"ހަވީރު އައީ..." ހޭޒަލް ބުންޏެވެ.
"ކޮބާ މަންމަ" ލިއަމްގެ އަޑު ތަފާތުހެން ހޭޒަލްއަށް ހީވިއެވެ.
"ނަމާދުކުރަން ކޮޓަރީގަވީ" ހޭޒަލް ބުންޏެވެ.
"އެހެންވީރު ޒެއްލު ތީނީ ކޮންތާކު" ލިއަމް ސުވާލުކުރިއެވެ.
"ވީރާއާއެކު... އެކޮޓަރީގަ..." ހޭޒަލް ނިކަން އަވަހަށް ބުންޏެވެ.
"ދީބާ ވީރާ އަތަށް" ލިއަމް ބުންޏެވެ. އެއާއެކު ހޭޒަލްއަށް ލިބުނީ ހައިރާންކަމެވެ. އޭނާ މަޑުމަޑުން ކަންފަތާ ފޯނު ދުރުކޮށްލުމާއެކު ވީރާއަށް ފޯނު ދިއްކޮށްލިއެވެ.
"ތުއްތޭ ދޯ" ވީރާ ނިކަން ހިނިއައިސްފަ އަހާލިއެވެ. ހޭޒަލް ބޯޖަހާލީއެވެ. ލިއަމް ދެއްކި ވާހަކަ ހޭޒަލްއަށް ފަހުމްވީ ވީރާ ދެމުންދިޔަ ޖަވާބުންނެވެ. ހޭޒަލް އެގެއަށް އައިސް އިންދާ ވީރާއަށް އޮފީހުން އާދެވުނުކަން ވީރާ ބުންޏެވެ. ދެން އެމީހުންގެ އަމިއްލަ ވާހަކަތަކެއް ދެއްކިއެވެ. ނަމަވެސް ހޭޒަލްގެ ހިތުގައި ސުވާލެއް އުފެދުނެވެ. ލިއަމް އެހެންޏާ ވާހަކަނުދައްކާ ގޮތަކަށް އޭނާގެ އަޑު ހުރިހެން ހީވީއެވެ. ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ލިއަމް ހުރީބާއޭ ހޭޒަލްގެ ހިތަށް އެރިއެވެ. ނަމަވެސް ހިމޭނުން އިނީ އެނބުރި ގެއަށް ދެވުނީމަ ލިއަމްއާ ވާހަކަދައްކަން ނިންމައިގެންނެވެ. ލިއަމް ގުޅިފަހަރު ގޭގެ ހުރިހާ މެންބަރުންނާ އޭނާ ވާހަކަދެއްކިއެވެ. އެންމެން ވާހަކަދައްކާފައި ހޭޒަލް އަތަށް ފޯނު އެރުމުން ލިއަމް ބުނީ ގެއަށް ގޮސްފަ ގުޅާށޭއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ވެސް ދިހަގަޑި ބައިވަންދެން ލިއަމްގެ ޢާއިލާއާއެކު އެ ގޭގައި ހޭޒަލް އިނެވެ. އޭނާ ގެއަށް ދާންވެއްޖެކަން ބުނުމުން ޒައިދަން އިސްނެގިއެވެ. ހޭޒަލް އެނބުރި ގެއަށް އައީ ޒައިދަންއާއެކުއެވެ. އޭނާ ދޮރޯށިން އެތެރެއަށް ވަންނަންދެން ޒައިދަން ސައިކަލު މަތީ މަޑުކޮށްލައިގެން އިނެވެ. އެޕާޓްމެންޓަށް ވަދެވިއްޖެތޯ ވެސް ޒައިދަން ގުޅާފައި ބެލިއެވެ. އޭނާ ދިޔައީ އެ ހުރިހާ ކަމެއް ޔަގީންކޮށްފައެވެ.
ޒައިދަންގެ ކޯލު ކަނޑާލުމުން ލިއަމްއަށް ގުޅަން ހޭޒަލް ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ ފުރަތަމަ ޚިޔާރުކުރީ ހެދުން ބަދަލުކޮށްލައި ހަމަޖެހިލައިގެން ލިއަމްއަށް ގުޅާށެވެ. އޭރުން ކިތަންމެ އިރަކު ވެސް ލިއަމްއާ ވާހަކަދައްކަން އޭނާއަށް އިނދެވިދާނެކެވެ. އެހެންވެ ކޮޓަރިއަށް ވަދެ ގައިދޮވެލައިގެން ނުކުމެ އެނދުމައްޗަށް އެއްލާލާފައި އޮތް ޔޯގާ ސޯޓުބުރިއާއި ޓީޝާޓު ލައިފިއެވެ. އިސްތަށިގަނޑު އޮޅާލައި މައްޗަށް ވާހެން ހުޅިއެއް ޖަހާލައިގެން ހޭޒަލް އެރީ އެނދަށެވެ. ކޮޓަރީގައި ހުރި ޓީވީ ހުޅުވާލައި އަޑު "މިއުޓް" ކޮށްލުމާއެކު ލިއަމްއަށް އޭނާ ގުޅިއެވެ.
ހޭޒަލް ގުޅިއިރު ލިއަމް އިނީ ޝިޔާނާއެކު ގޮސް ޔުސްރާގެ ރަޙުމަތްތެރިޔާ އަލްމާގެ ގޭގައެވެ. އެ ގޭ ބޭރުގައި ހުރި ޖޯލި ފަތީގައެވެ. ލިއަމް އެކަނިތޯ އިނީ ހޭޒަލް އަހާލުމުން އޭނާ އާނއެކޭ ބުންޏެވެ. ދެން ވާހަކަފެށީ ލިއަމްއެވެ. ހޭޒަލް ޑޭޓަކަށް ދިޔައީތޯ ސުވާލުކުރިއެވެ. މުހުސިނާމެންގެއަށް ދަމުން ލިއަމްއަށް ފޮނުވި ފޮޓޯއާއި މެސެޖުގެ މަތިން ހޭޒަލް ހަނދާންވީ ދެނެވެ. ހޭޒަލް ހޭންފެށިއެވެ.
"ޖެލަސްވީތަ؟" ހެމުންހެމުން ހޭޒަލް އަހާލިއެވެ.
"ސަކަރާތްނުޖަހާ ސީރިއަސްކޮށް ބުނެބަލަ... އެ ފޮޓޯ ފެނުމުން ޒެއްލުމަތިން ވަރަށް ބޮޑަށް މިސްވި، އެހެން ފީލްވެފައި ހުއްޓާ ޒެއްލު ޑޭޓަކަށްދަނީއޭ ބުނީމަ އަހަރެން ވެސް އެނގެން ބޭނުންވާނެ ދޯ ކާކާއެކުކަން" ލިއަމް ބުންޏެވެ.
ހޭޒަލް ހީނހީނފާ އޭނާ ސީރިއަސްކޮށް ކުރިކަމެއްނޫނޭ ބުނެލިއެވެ. މުހުސިނާ ގުޅީމާ ޒައިދަން ބަލާ އަންނަންވާއިރަށް ތައްޔާރުވެވުމުން ލިއަމްއަށް ފޮޓޯ ފޮނުވާލާ ހިތްވީކަން ހޭޒަލް ހާމަކުރިއެވެ. އެހެންވިޔަސް ކުރެވުނު ކަންތަކުން ލިއަމްގެ ފުށުން ފެނުނު ހާސްކަން ހޭޒަލްއަށް ކަމުދިޔައެވެ. ލިއަމް އޭނާދެކެ ވާ ލޯބީގެ ހެއްކަކަށް އޭނާގެ ފުށުން އެ ފެނުނު ކެތްތެރިކަން ކުޑަވެފައިވާ ހާސްކަން ހޭޒަލްއަށް ފުދުނެވެ.
"ޝިޔާނު ނުކުމެއްޖެ" ލިއަމް ބުންޏެވެ. އެއާއެކު ފޯނު ބާއްވަންވީތޯ ހޭޒަލް އަހާލިއެވެ. އިވުނު އަޑުން ހޭޒަލް އަޖައިބުވިއެވެ. ލިއަމް އެދުނީ ނުބޭއްވިޔަސް އެންމެ ރަނގަޅުކަމެވެ. އޭނާ ދެން ޝިޔާނުގެ ސައިކަލު ފަހަތުގައި ދާނީ ސްޓޭޝަންކަމެވެ. ފޯނުގައި އިން ހޭޒަލްއަށް ގިނައިރެއްނުވެ ސައިކަލު ދުއްވާ އަޑު އިވެންފެށިއެވެ. ލިއަމް ފުރައިގެން ދިޔަފަހުން ފުރަތަމަ ފަހަރަށް ހޭޒަލްއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
* * * * *
ދުވަސްތައް ފާއިތުވާލެއް ދިގުވެފައިވިޔަސް ހޭޒަލް މިހާރު ހުންނަނީ ހިތްހަމަޖެހިފައެވެ. ޝިޔާނާއެކު ލިއަމް އުޅުނެއްކަމަކު އޭނާ ހޭޒަލްއަށް ބަރާބަރަށް ގުޅައެވެ. ޚާއްޞަކޮށް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޝިޔާނާއި ޔުސްރާ ބައްދަލުކުރަން އަލްމާމެންގެއަށް ގޮސް އިންނައިރު އެގޭ ޖޯލިފަތީގަ ލިއަމް އިންނަނީ ހޭޒަލްއަށް ގުޅައިގެންނެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ހޭޒަލްއަށް ލިބުނީ އެކަމުންނެވެ. ހޭޒަލްއަށް ސައިފްދެކެ ވެވުނު ފޫހިން ވާހަކަދެއްކުން މަދުކޮށްލެވިއްޖެއެވެ. އެހެންވިޔަސް އޭނާގެ އުނދަގޫ ބޮޑުވިއެވެ. ހަމަ ރަނގަޅަށް ވެސް މޮޔަގެރިއަވަލީއެވެ. ފޯނުގެ އަޑު ކަނޑާލީ ވެސް ހޭޒަލްގެ ބޮލަށް ތުރާވެގެންނެވެ. އަންނަ ފޯނުކޯލުތައް ނުނެގުމުން ތަފާތު މެސެޖުތައް ވެސް ކުރަނީއެވެ.
"ރަނގަޅަށް ވެސް އަވަލީ ދޯ؟" ނަޝާ ބުންޏެވެ. ހޭޒަލްއާއި ދެ މީހުން ތިބީ ރޭގަނޑު ކޮފީއަކަށް އަރައެވެ.
"އޭނާ ވައިފްއޭ ކިޔައިގެން އެ ދެއްކި ވާހަކަތަކުން އަހަރެން ހަމަ ފޫހިވީ، އޭނަ އެއްފަހަރު ވެސް ހިތަކަށް ނޭރި އެ ހުރިހާ އެއްޗެކޭ ކިޔާއިރު އެއީ އޭނާގެ އަނބިމީހާއޭ، އޭނާގެ ދަރިފުޅުގެ މަންމައޭ.... މިއަދު އަހަރެން އޭނާގެ އަނބިމީހާގެ މަޤާމުގައި އިންނަމަ، އަހަންނޭ ކިޔައިގެން އަހަރެންގެ ފިރިމީހާ އެކަހަލަ ވާހަކަތަކެއް ދެއްކިނަމަ ކިހާ އަސަރެއްކުރާނެ، ދެމަފިރިން ދޭތެރޭ ހުންނާނެ ދޯ އެހެން ބަޔަކަށް އެނގެން ނުވާނޭ ސިއްރުތައް، އަނބިމީހާގެ ހުންނަ އުނިސިފަތަކާއި ފިރިމީހާގެ ހުންނަ އުނިސިފަތަކުގެ ވާހަކަ ދައްކަންވެއްޖެނަމަ ކިހިނެއް ދިރިއުޅުން އޮންނާނީ... ހަމަ ހުވާ... ވަރަށް ވަރަށް ކަޑަވި، ރުޅި ވެސް އައި.... އޭނާ ދުވަހަކުވެސް ނުވާނެ ބަދަލެއް، އަދި މަހާދަ ނައްޓައޭ ގުޅައިގެން އުޅޭއިރު އިރުއިރުކޮޅާ އަހާނެ ކޯއްޗެއްހޯ ލައިގެން ތިހުރީ، ނިދަނީ ކޯއްޗެއް ލައިގެންތޯއާ، ލާންޖަރީސް ހުންނަނީ ކިހިނެއް ކޮންކުލައެއްގަތޯ... މީ މީނަ ބަލަންޖެހޭ ކަމެއްތަ؟" ހޭޒަލްގެ މޫނުން ފާޅުވީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ.
"ޒެއްލުގެ މޮޔަކުން އޭނާއާ ވާހަކަދެއްކީ، ނުދެއްކިނަމަ މިހާރު ތި އުނދަގުލެއް ނުޖެހުނީސް... އަދިވެސް އެއުޅެނީ ޒެއްލު ގާތުން ކަމެއްވޭތޯ، އެހެންވެ އެވަރަށް އެކިޔަނީ ކޮފީއަށާއި އެހެންތަންތަނަށް ދާން، ސްޓުޕިޑްކަންތައް ޒެއްލު ވެސް ހުރެފަ ކުރާނީ" ނަޝާ ބުންޏެވެ.
"ހިޔެއްނުކުރަމޭ އަހަރެން މެރީޑްކަން އެނގި ހުރެ، އޭނާ ވެސް މެރީޑް އިރު މިގޮތަށް އައްޓަމަހެއްހެން ތަތްކޮށްލާނެއެކޭ" ހޭޒަލް ބުންޏެވެ.
"ޒެއްލު ވަރަށް ކެއާފުލްވާތި، އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ" ނަޝާ ކުޑަކޮށް ހާސްވިއެވެ.
"ކުރިން ގަދަބާރު ދެއްކިޔަސް، މިހާރަކު އޭނާއަކަށް އެކަމެއްނުވާނެ... ދެން ބުނެގެން ނުހުއްޓައިފިއްޔާ އަނެއްކާ ވެސް ބްލޮކްކޮށްލާނީ" ހޭޒަލް ބުންޏެވެ.
ކޮފީގަ އިންދާ ލިއަމްގެ މެސެޖެއް ހޭޒަލްއަށް ލިބުނެވެ. އަދިވެސް ނަޝާއާއެކު ކޮފީގަތޯ އޭނާ އަހާފައި އޮތެވެ. ގެއަށްދާންވީކަން ހޭޒަލްއަށް ވިސްނުނެވެ. އެހެންވެ ކޮފީ ނިންމާލަންވެއްޖެކަން ނަޝާއަށް ހޭޒަލް އަންގާލިއެވެ. ލިއަމްކަން ހޭޒަލްއަށް އެ މެސެޖުކުރަނީ ނަޝާއަށް ވެސް އެނގުނެވެ. ހޭޒަލް އެކަނި ފޮނުވާލަން ނުކެރިގެން ނަޝާ އެކުވެރިޔާއަށް ޓެކްސީއެއް ހުއްޓުވިއެވެ. އަދި ދެ އެކުވެރިން ވެސް ގެއަށް އައީ އެ ޓެކްސީގައެވެ. ފުރަތަމަ މަޑުކުރީ ހޭޒަލްގެ ގެއަށެވެ.
* * * * *
"އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ" ފޯނު ހިފައިގެން އެނދުގައި އޮތް ހޭޒަލްއަށް ލިއަމްގެ ބުންޏެވެ. ލިއަމް އޮތީ އޭނާގެ ސްޓޭޝަންގަ ހުންނަ ބެރެކްސްގައެވެ. އެރޭ މީހުން މަދުވީމަ ލިއަމް ވީޑިއޯ ކޯލް ކުރީއެވެ.
"އަވަހަށް އަންނަނީތަ؟" ހޭޒަލްއަށް އަހާލެވުނެވެ. ލިއަމް ދެފަރާތަށް ބޯހޫރާލިއެވެ.
"އަވަހަށް ދިޔައީމަކަން އެނގޭ ޒެއްލު ހެޕީވާނީ، އެކަމަކު އުފާވާނޭ ކަމެއް ކުރަން މިއުޅެނީ" ލިއަމް ބުންޏެވެ.
"ދެން އަހަރެން އުފާވާނޭ ކޮންކަމެއް" ހޭޒަލް ވިސްނާލާފައި ބުންޏެވެ.
"މިކޮޅަށް ޒެއްލު ގެންނަންވެގެން" ލިއަމް ބުންޏެވެ.
(ނުނިމޭ)