މޭވާގައި ހަށިގަނޑަށް ފައިދާހުރި ވަރަށް ގިނަ މާއްދާތައް އެކުލެވެ އެވެ. ނަމަވެސް މޭވާއިން ލިބެންވާ ހަގީގީ ފައިދާ ލިބޭނީ އެ ކާންވާ ގޮތަށް ކައިގެންނެވެ.
މާ ހޫނު މޫސުމެއް ނަމަ މޭވާ ޖޫސް ބުއިމަކީ ބައެއް މީހުންގެ އާދައެކެވެ. އަދި ގިނައިން މޭވާ ކައި އެހެން ބާވަތްތައް ކާލެއް މަދުކޮށްލުމަކީ ސިއްހަތަށް ބަލައިގެން އުޅޭ މީހުން ކުރާ ކަމެކެވެ. ނަމަވެސް ނިއުޓްރިޝަނިސްޓުން ބުނަނީ މިއީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި މިގޮތަށް އެއްފަހަރާ މާ ގިނައިން މޭވާ ކެއުމުގެ ނުރައްކާ ވެސް އޮންނަ ކަމަށެވެ.
މޭވާގައި ނިއުޓްރިއަންޓްސް ކިތަންމެ ގިނަޔަސް ހަމައެކަނި މޭވާ ކައިގެން ބެލެންސް ޑައިޓަކަށް ނުވެ އެވެ. އޭރުން ވިޓަމިން ބީ12 ގައި މުހިއްމު ނިއުޓްރިއަންޓްސް ނުލިބޭނެތީ އެވެ. އެހެންކަމުން ހަމައެކަނި މޭވާގެ ޑައިޓެއް ނެގުން ރަނގަޅު ނުވަނީ އެވެ.
އަހަރެމެންގެ ކާނާގައި ކައްކާފައި ހުންނަ އެއްޗެތި ހިމެނުން ވަރަށް މުހިއްމެވެ. ސަބަބަކީ ޖަނަވާރުންނާ ޚިޔާލަށް އިންސާނުންގެ ހަށިގަނޑަށް އެންމެ ފައިދާ ކުރަނީ ކައްކާފައި ހުންނަ ކާނާ ކައިގެންނެވެ. އިންސާނުންގެ ހަޖަމުގެކުރުމުގެ ނިޒާމު މާ ހަލުތްވެވެ. ކައްކާފައި ހުންނަ ކާނާ ކާން ޖެހެނީ މި ސަބަބާ ހުރެ އެވެ. ރޯކޮށް ހުންނަ އެއްޗެހި މުޅިން ކާނަމަ ހަޖަމުކުރުމުގެ މައްސަލަތައް ދިމާވާނެ އެވެ.
މޭވާ ކާން އެންމެ ރަނގަޅު ވަގުތަކީ ކޮބާ ހެއްޔެވެ؟ މޭވާ ކާން ޖެހޭނީ ކެއުމުގެ ކުރިން ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. އޭރުން ހަޖަމުކުރަން ފަސޭހަވެ ބަރުދަން އިތުރުނުވާނެ ކަމަށް އެފަދަ މީހުން ބުނެ އެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. އަހަރެމެންގެ ހަޖަމުކުރުމުގެ ނިޒާމަށް ވާސިލުވާ ހަމަ ކޮންމެ އެއްޗެއް އެ ވާސިލުވާ ވަގުތަކުން ފެށިގެން ހަޖަމުކުރުމުގެ މަސައްކަތް ފަށަ އެވެ. އެ ކާ ތަރުތީބުންނެވެ. އެ ކާނާއެއްގައި ހުރި ނިއުޓްރިއަންޓްސް ގޮހޮރުން ފުރާނާލަނީ އޭގެ ފަހުންނެވެ.
ހޫނު މޫސުމުގައި ކާން އެންމެ ރަނގަޅު އެއްޗަކީ ކަރާ، މެލަން ފަދަ ފެން ގިނަ މޭވާ އެވެ. އޭރުން ހަށިގަނޑުން ފެން މަދުވުމުން ދިމާވާ މައްސަލަތައް ދުރުވާނެ އެވެ.
މޭވާ ކެއުމާއި މޭވާ އިން ޖޫސް ހަދައިގެން ބުއިމާ ވަރަށް ބޮޑު ތަފާތެއް ވެއެވެ. މޭވާ ކެއުމުން އޭގައި ހުންނަ ފައިބަރުގެ ބައި މާ ރަނގަޅަށް ހަށިގަނޑަށް ލިބި ލިބޭ ފައިދާ އިތުރުވެ އެވެ. ޖޫސް ގިރައިގެން ބުއިމުން އެ މޭވާއަކުން ހަށިގަނޑަށް ލިބޭ ފައިދާ މަދުވެ އެވެ.
އަދި މޭވާ ކެއުމުގެ ބަދަލުގައި އޭގެ ޖޫސް ގިރައިގެން ބޯނަމަ ހަށިގަނޑަށް އިތުރުވާ ހަކުރުގެ މިންވަރުވެސް ގިނަ ވާނެ އެވެ. މިސާލަކަށް އޮރެންޖެއް ނޮޅާލައިގެން ކާލުމުން އޮރެންޖަކުން ލިބެންޖެހޭ ހުރިހާ ފައިދާއެއް ލިބޭނެ އެވެ. ނަމަވެސް އޮރެންޖެއްގެ ޖޫސް ގިރާއިރު 4-5 ވަރަކަށް އޮރެންޖް އަޅާފައި އަދި ފޮނިކުރަން ހަކުރުވެސް އަޅާނެ އެވެ. އަދި ޖޫސް އެންމެ ތައްޓެއް ބޯލައިގެން ގިނަ ފަހަރަށް ހިތްހަމައެއް ނުޖެހޭނެ އެވެ. ދެ ތިން ތައްޓެއް ބޯލަން ބޭނުންވާނެ އެވެ.
ޑިޓޮކްސިފައިން ޖޫސް ނުވަތަ ހަށިގަނޑުގައިވާ ވިހަތައް ބޭރުކޮށްލަން ބޭނުންކުރާ ޖޫހަކީ ހަގީގަތުގައި މާ ފައިދާ ހުރި އެއްޗެއް ނޫނެވެ. މިއީ ހަމައެކަނި ޖޫސް ވިއްކަން ދައްކާ މޮޅު ވާހަކަ އެވެ. ޑިޓޮކްސިފައި ކުރަން އަހަރެމެންގެ ހަށިގަނޑަށް ޖޫހާއި ސްމޫތީ އަށް ވުރެ މާ ގިނަ އެއްޗެހި ބޭނުންވެ އެވެ. ހަމައެކަނި ޖޫހެއް ބޯލައިގެން އެކަމެއް ނުވާނެ ކަމަށް ނިއުޓްރިޝަނިސްޓުން ބުނެ އެވެ.