ބޮލީވުޑް

ރަވީނާއާ މަނީޝް ދެބަސްވެ "ނަޗް ބަލިޔޭ" ޝޫޓިން ހުއްޓުމަކަށް

ސްޓާ ޕްލަސްގެ ޑާންސް ރިއަލިޓީ ޝޯ "ނަޗް ބަލިޔޭ" ގެ ނުވަ ވަނަ ސީޒަން މިހާރު ހިނގަމުންދާއިރު އެހެން ސީޒަންތަކާ ޚިލާފަށް މިފަހަރު މާ ގިނަ މައްސަލަތައް ޖަޖުންނާއި ބައިވެރިންގެ މެދުގައި ޖެހެމުން ދެ އެވެ. މި ޝޯގެ އެއް ބައިވެރިއެއް ކަމަށްވާ އުރްވަޝީ ޑޯލަކިޔާ އާއި ޝޯގެ އެއް ފަނޑިޔާރު ފިލްމީ ބަތަލާ ރަވީނާ ޓަންޑަން އާ ދެމެދު ވަރުގަދަ ބަހުގެ ހަނގުރާމައެއް ހިނގިތަން ފާއިތުވީ ހަފުތާގައި ވަނީ ފެނިފަ އެވެ.

އުރުވަޝީ ތުހުމަތުކުރި ގޮތުގައި އެކި އެކި ބައިވެރިންނަށް ރަވީނާ މެން ވަރަށް ތަފާތު ކުރުން ގެންގުޅެ އެވެ. މި އަރާރުން ނުނިމި އުޅެނިކޮށް މި ޝޯގެ ހޯސްޓް މަނީޝް ޕޯލް އާއި ރަވީނާ އާ ވެސް މި ހަފުތާގައި ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. އަދި ރަވީނާ ރުޅި އައިސްގެން ސެޓުން ނުކުމެގެން ދިޔަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ހަގީގަތުގައި ރަވީނާ އާއި މަނީޝްގެ މެދުގައި ދިމާވީ އެކަކު ކުރި ކަމެއް އަނެކަކަށް ނުވިސްނިގެން ދިމާވި ކަމެކެވެ. ޝޯގެ ދެ ބައިވެރިއެއްގެ ނެށުން ނިމުމުން ރަވީނާ އެ ނެށުމަށް ކޮމެންޓް ކުރަން ފެށި ވަގުތު މަނީޝް މޫނަށް ވައްތަރުތަކެއް ޖެއްސީ އެވެ. ރަވީނާ ހީކުރީ އޭނާ ދައްކާ ވާހަކައަށް މަނީޝް ވައްތަރު ޖައްސަނީ ކަމަށެވެ. އެހެންވެ "އިތުރަކަށް ދެން މިކަމެއް ނުވާނޭ" ކިޔާފައި ރަވީނާ ވަގުތުން ތެދުވެގެން އޭނާގެ ވެނިޓީ ވޭން އަށް ދިޔައީ އެވެ. ރަވީނާ ދިއުމުން މަނީޝް ވެސް އޭނަގެ އަމިއްލަ ވެނިޓީ ވޭނަށް ގޮސްފަ އެވެ. ދެ މީހުން ވެސް ރުޅިއައިސްގެން ތިބީ އެވެ.

ފަހުން އެނގުނު ގޮތުގައި މަނީޝް މޫނަށް ވައްތަރު ޖެއްސީ ރަވީނާ ދެއްކި ވާހަކަ އަކަށް ނޫނެވެ. އޭނާގެ ކަންފަތުގައި އިއާޕީސް އެއް ޖަހާފައި އިނދެ އެވެ. އަދި މި ޝޯ އުފައްދާ ފަރާތުގެ އިރުޝާދުތައް އަބަދުވެސް މަނީޝް އަށް ލިބެމުން ދެ އެވެ. އެއީ މޫނަށް ވައްތަރު ޖެއްސީ އެ ފަރާތުން ބުނި ކޮންމެވެސް ވާހަކަ އަކަށެވެ.

ރަވީނާ އާއި މަނީޝް އަލުން ސުލްހަ ކުރެވުނީ ޕްރޮޑަކްޝަންގައި އިސްކޮށް އުޅޭ މީހުން ގޮސް ދެ މީހުންނާ ގަޑިއެއްހާއިރު ވާހަކަ ދައްކައިގެންނެވެ.

"ނަޗް ބަލިޔޭ"ގެ މި ފަހަރުގެ ސީޒަން ޕްރޮޑިއުސްކުރަނީ ސަލްމާން ޚާނެވެ. "ނަޗް ބަލިޔޭ 9" އަކީ ރަވީނާ ފަނޑިޔާރުކަން ކުރާ ތިން ވަނަ ޓީވީ ޝޯ އެވެ. މީގެ ކުރިން އޭނާ ވަނީ "ސަބްސޭ ބަޅާ ކަލާގާރް" އަދި "ދަ ޑްރާމާ ކޮމްޕެނީ"ގެ ޖަޖްކަން ކޮށްފަ އެވެ.