ބޮލީވުޑް

ޓައިގާއާ ނުލާ "ވޯ" އެއް ނާންނާނެ!

ރިތިކް ރޯޝަން "ވޯ" ކުޅެދޭން އެއްބަސް ވިޔަސް ޓައިގާ ޝްރޮފް އެ ފިލްމު ކުޅެން އެއްބަސް ނުވިނަމަ ފިލްމުގެ މަސައްކަތް ކުރިޔަށް ނުގެންދިޔައީސް ކަމަށް ޑައިރެކްޓަރު ސިދާރްތު އާނަންދު ބުނެފި އެވެ.

ޕޯޗްގަލް، އިޓަލީ، ސްވިޑްން އަދި ފިންލެންޑްގައި މި ފިލްމުގެ ބޮޑުބައެއް ވަނީ ޝޫޓްކޮށްފަ އެވެ. ޑައިރެކްޓަރު ބުނީ އެ ގައުމުތަކުގައި ފިލްމު ޝޫޓްކުރީ މަޝްހޫރު ހޮލީވުޑް އެކްޝަން ފިލްމުތަކުގައި ފެންނަ ލޮކޭޝަންތަކާ ތަފާތު ތަންތަނުގައި ޝޫޓް ކުރަން ބޭނުން ވެގެންނެވެ.

"ވޯ" އަކީ އިންޑިއާ ސިފައިންގެ މީހެއް ކަމަށްވާ ޚާލިދު (ޓައިގާ ޝްރޮފް) ގެ ވާހަކަ އެވެ. ސީނީއާ އެޖެންޓް އަދި އޭނާގެ މެންޓާ ކަބީރް (ރިތިކް ރޯޝަން) ގެ ދުވަސް ދުއްވާލަން ހަވާލުވަނީ ޚާލިދް އާ އެވެ.

ރިތިކްގެ "ބޭންގް ބޭންގް"ގެ ޑައިރެކްޓަރު ސިދާރްތު ބުނީ އޭނާ "ވޯ" ގެ ވާހަކަ ލިޔުނުނުއިރު ވެސް ވިސްނުމުގައި އޮތީ ދެ އެކްޓަރުންގެ ރޯލު ރިތިކް އާއި ޓައިގާ އަށް ދިނުމަށެވެ.

ރިތިކް ބައިވެރިވޔަސް ޓައިގާ އަށް ބައިވެރި ނުވެވޭނަމަ ފިލްމު ކުރިޔަށް ނުގެންދާނީ އެހެންވެ އެވެ. ޓައިގާ އާ ނުލާ ފިލްމު ފުރިހަމަ ކުރެވޭނެ ގޮތެއް ނެތް ކަމަށް ސިދާރްތު ގަބޫލު ކުރެ އެވެ.

"ވޯ" އަކީ އިންޑިއާގެ އެންމެ ބޮޑު އެކްޝަން ތުރިލާގެ ތެރެއިން ވެސް އަރާހުރި ފިލްމެއްގެ ގޮތުގައި މިހާރު ދަނީ އިޝްތިހާރު ކުރަމުންނެވެ.

އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.