ބޮލީވުޑް

"ވޯ" ބޮކްސް އޮފީސް ފަތަހަކުރަން ތައްޔާރުވެއްޖެ

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" ގެ އެޑްވާންސް ބުކިންގްސް ފެށުމާއެކު ފިލްމުގެ ފެށުން ވަރަށް ރަނގަޅުވާނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެ އެވެ.

މި ފިލްމާއެކު އިތުރު ދެ ފިލްމެއް ވެސް ރިލީޒްކުރަން ހަމަޖެހިފައި ވެއެވެ. އެއީ ހޮލީވުޑް ފިލްމު "ޖޯކާ" އާއި ތެލުގޫ ފިލްމު "ސިޔޭ ރާ ނަރަސިމްހާ ރެޑީ" އެވެ. ނަމަވެސް މި ތިން ފިލްމުން ކުރި ހޯދާނީ "ވޯ" ކަމަށް މިހާރު ޓްރޭޑް އެކްސްޕާޓުން ގަބޫލު ކުރެ އެވެ.

މިހާރު ލަފާ ކުރެވޭ ގޮތުގައި ފުރަތަމަ ތިން ދުވަސް ނިމޭއިރު "ވޯ" އަށް 50 ކްރޯޑު (500 މިލިއަން ރުޕީސް)ގެ ވިޔަފާރި ކުރެވޭނެ އެވެ.

"ވޯ"އަކީ ޓައިގާ އާއި ރިތިކް އެކުގައި ކުލޭ ފުރަތަމަ ފިލްމަށް ވެފައި މި ދެ އެކްޓަރުންނަކީ ވެސް އެމީހުންގެ ނެށުމާއި ތަޅާފޮޅުމުގެ މަންޒަރުތަކުގައި އަރާހުރި ބަޔަކަށް ވާތީ މި "ހަނގުރާމަ" ވަރަށް ވަރުގަދަވެފައި މޮޅުވާނެ ކަމަށް ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު އުންމީދު ކުރެ އެވެ.

ވާނީ ކަޕޫރު ބަތަލާގެ ރޯލު އަދާކުރާ "ވޯ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ.