ރިތިކް ރޯޝަން

ރިތިކް - ޓައިގާގެ "ވޯ" ރެކޯޑް މުގުރަނީ

ރިތިކް ރޯޝަން އާއި ޓައިގަ ޝްރޮފްގެ "ވޯ" ފުރަތަމަ ދުވަހު ވެސް ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރަން ފަށައިފި އެވެ. އެންމެ ފުރަތަމަ މި ފިލްމުން މުގުރާލާފައި ވަނީ ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ގިނައިން ފައިސާ ލިބުމުގެ ރެކޯޑެވެ. މި ފިލްމަށް ވަނީ ފުރަތަމަ ދުވަހު އެކަނިވެސް 53.35 ކްރޯޑު ލިބިފަ އެވެ.

ފިލްމަށް މިހާ ރަނގަޅު ފެށުމެއް ލިބުމާ ގުޅިގެން ރިތިކް އާއި ޓައިގާ ވަނީ އެ މީހުންގެ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

އާއްމުކޮށް ހިންދީ ފިލްމްތައް ރިލީޒް ކުރަނީ ހުކުރު ދުވަހު ނަމަވެސް "ވޯ" ރިލީޒް ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ އިންޑިއާގެ ރަސްމީ ބަންދު ދުވަހަކަށް ވާތީ ގިނަ ބަޔަކަށް އެ ދުވަހު ފިލްމު ބަލަން ދިއުމުގެ ފުރުސަތު ލިބޭނެތީ އެވެ.

"ވޯ" މުގުރާލި އަނެއް ރެކޯޑަކީ ބަންދު ދުވަހަކު އެންމެ ރަނގަޅު ވިޔަފާރިއެއް ވީ ފިލްމުގެ ރެކޯޑެވެ. ކުރިން މި ރެކޯޑް އޮތީ މިދިޔަ އަހަރު ރިލީޒްކުރި އާމިރު ޚާންގެ "ތަގްސް އޮފް ހިންދުސްތަން" އަށެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 52.25 ކްރޯޑެވެ.

ފިލްމަށް ލިބެމުންދާ ބޮޑު ތަރުހީބުން އުފަލުން ހުރި ރިތިކް ބުނީ މިއީ އެމީހުން ކުރި ބުރަ މަސައްކަތް ބެލުންތެރިން ބަލައިގަން ކަމުގެ ހެއްކެއް ކަމަށާއި ވަރަށް އުފާވެއްޖެ ކަމަށެވެ. މި ފިލްމުގެ މަސައްކަތް ފެށިއިރު ވެސް މިއީ މިހާތަނަށް އިންޑިއާގައި އުފައްދާފައި ނެތް ކަހަލަ ފިލްމެއްކަން ވަރަށް ސާފު ކަމަށާއި މި ފިލްމު ކޮންމެ ގޮތެއް ހަދާފައި ވެސް މޮޅު އެއްޗަކަށް ހަދަން ވަރަށް މަސައްކަތް ކުރެވުނު ކަމަށް ރިތިކް ބުންޏެވެ.

ޓައިގާ ބުނީ ބެލުންތެރިން ފިލްމަށް ދިން ލޯތްބަށް ބުނާނެ އެއްޗެއް ވެސް ނޭނގޭ ވަރަށް އަސަރު ކޮށްފި ކަމަށެވެ. އޭނާ އަބަދުވެސް ބޭނުންވަނީ އޭނާގެ ފިލްމުތައް ބެލުންތެރިންގެ މުނިފޫހިފިލާ އެއްޗަކަށް ހަދަން ކަމަށާއި ފިލްމު ބަލަން ތިއޭޓަރުތަކަށް ދާ މީހުން އެ ފިލްމަކުން އުފާ ހާސިލުވާ ކަހަލަ ފިލްމެއް އޭނާ އަށް ކުޅެވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

ސިދާރްތު އާނަންދް ޑައިރެކްޓްކޮށް އަދި ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ "ވޯ"ގެ ބަތަލާއަކީ ވާނީ ކަޕޫރެވެ. ނަމަވެސް ވާނީއަށް މި ފިލްމުގައި ލިބިފައިވަނީ ވަރަށް ކުޑަ ކުޑަ ރޯލެކެވެ. އޭނާ ފެންނަނީ ދެ ތިން ލަވައިންނާއި މަދު މަންޒަރު ތަކަކުންނެވެ.

ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ލިޔެފައިވާ ގޮތުގައި "ވޯ"އިން ވަނީ ރެކޯޑް މުގުރައި ތާރީޚްގެ ތެރެއަށް ވަދެފައި ކަމަށެވެ.