ބޮލީވުޑް

ރިތިކް އާއި ޓައިގާގެ "ވޯ" ގެ ސީކުއަލް އެއް

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" ގެ ސީކުއަލް އެއް ހަދާނެ ކަމުގެ އިޝާރާތެއް އެ ފިލްމުގެ ޑައިރެކްޓަރު ސިދާރްތު އާނަންދު ދީފި އެވެ.

އޭނާ ބުނި ގޮތުގައި ސީކުއަލްއަކަށް ވުރެ ވެސް ފްރެންޗައިސް އަކަށް މި ފިލްމު ބަދަލުކުރުމުގެ ވިސްނުން އޭނާ މާ ކުރިއްސުރެ ގެންގުޅެ އެވެ. ނަމަވެސް އެ ވާހަކަ ނުދައްކާ މަޑުކުރީ ފުރަތަމަ ފިލްމަށް ބެލުންތެރިން ދޭ ތަރުހީބެއް ބެލުމަށެވެ.

"ވޯ" ވެފައި ވަނީ މިއަހަރުގެ މިހާތަނަށް ނުކުތް އެންމެ ކާމިޔާބު ފިލްމަށެވެ. ކުރިން މި މަގާމުގައި އޮތީ ސަލްމާން ޚާންގެ "ބާރަތު" އެވެ.

ރިލިޒްކުރި ފުރަތަމަ ދުވަހު "ވޯ" ވަނީ އަށް ރެކޯޑެއް މުގުރާލާފަ އެވެ. އޭގެން އެންމެ ފާހަގަ ކޮށްލެވޭ ރެކޯޑަކީ އިންޑިއާގެ ފިލްމީ ތާރީޚުގައި ވެސް އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމެއްގެ ރެކޯޑެވެ. ކުރިން މި ރެކޯޑް އޮތީ "ތަގްސް އޮފް ހިންދުސްތާން" އަށާއި "ޓައިގާ ޒިންދާ ހޭ" އަދި "ބާރަތު" އަށެވެ. އަދި މި ފިލްމު ވެފައިވަނީ ރިތިކް ރޯޝަން ގެ ވެސް އެންމެ ކާމިޔާބު ފިލްމަށެވެ. މި ރެކޯޑް ކުރިން އޮތީ އެއް ދުވަހުން 27 ކްރޯޑު ހޯދައިގެން "ބޭންގް ބޭންގް" އެވެ.

"ވޯ" އަކީ ސިދާރްތު އާއި ޓައިގާ ޝްރޮފްގެ ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ކާމިޔާބު ފެށުމެއް ލިބުނު ފިލްމެވެ. ބަންދު ދުވަހެއްގައި ނެރުނު އެންމެ ކާމިޔާބު ފިލްމަކީ ވެސް މިހާރު "ވޯ" އެވެ. މީގެ އިތުރަށް ވެސް ވޯ ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ބެންޗްމާކްތައް ގާއިމްކޮށްފަ އެވެ.