ހަބަރު

ޖަމާލުއްދީނަށް އެމްޕީއެލްގެ އެހީ

Sep 15, 2019

ޖަމާލުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކިޔަވާ "ހޯޕް" ކްލާހަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން އެހީއެއް ދީފި އެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރު ބަލަހައްޓާ، އެމްޕީއެލްގެ 33 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެމްޕީއެލް އިން ޖަމާލުއްދީން ސްކޫލަށް މިއަދު ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމާއި ބައެއް ސާމާނު ހިމެނެ އެވެ.

ޖަމާލުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެއީ އެމްޕީއެލް އިން އެ ސްކޫލަށް ކުރި ހަދިޔާއެއް ކަމަށެވެ.

އެމްޕީއެލްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާ އަހަރީ ދުވަހުގެ ކޭކު ވެސް ފަޅާފަ އެވެ.

އެ ރަސްމިއްޔާތުގައި ސީއީއޯ ޝާހިދު ވިދާޅުވީ 33 އަހަރު ތެރޭގައި އެ ކުންފުނިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާ، އެންމެ މުހިންމު ކަމެއް ދެނީ މުވައްޒަފުންނަށް ތަމްރީންއާއި ތައުލީމުގެ ފުރުސަތުތައް ހޯދައި ދޭން ކަމަށެވެ.

އެމްޕީއެލްގެ އޮޕަރޭޝަންއާ ބެހޭ ގޮތުން ޝާހިދު ވިދާޅުވީ މާލެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމުގެ އޮޕަރޭޝަން ނިމުމުން އެ ކުންފުނީގެ މަސައްކަތް ހަލުވި ވެގެންދާނެ ކަމަށެވެ.

"މިހާރު ވިޔަފާރި ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުވެ، ޒަމާނީ ވަސީލަތްތަކާއެކު، ދުނިޔޭގެ އެހެން ބަނދަރުތަކުގައި ލިބޭ ފެންވަރުގެ ހިދުމަތްތައް މި ޕްރޮޖެކްޓް ފުރިހަމަވުމުން ބަނދަރުން ލިބިގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

މާލެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް 1985 ވަނަ އަހަރު ފެށި މަޝްރޫއުގެ ދަށުން، ބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހިންގަން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) އުފެއްދީ 1986 ވަނަ އަހަރު އެވެ. އޭގެ ފަހުން މޯލްޑިވްސް އެމްޕީއޭއަކީ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބަދަލުކުރީ 2008 ވަނަ އަހަރު އެވެ.