ހަބަރު

ރާއްޖޭގެ ވޯޓް އޮންނާނީ ފަލަސްތީނު ކޮޅަށް: ދިވެހި ސަރުކާރު

ފަލަސްތީނަށް ތާއީދުކޮށް އދ. ގެ އާއްމު މަޖިލީހުގައި ވޯޓުލާނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާން ކުރައްވައިފި އެވެ.

ކުރިއަށް އޮތް އދ. ގެ އާއްމު މަޖިލީހުގައި ފަލަސްތީނަށް ފުރިހަމަޔަށް ތާއީދުކޮށް، ފަލަސްތީނު މައްސަލައިގައި އާއްމު މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގައި އެ ގައުމާއި އެއްކޮޅަށް ރާއްޖެއިން ވޯޓުލަނެ ނެކަން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާން ކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިއަދު އެވެ.

ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ މި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިން ތިބީ އެ ގައުމާއި އެކުގައި ކަމަށާއި، އެ ނިންމުމަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

އިޒްރޭލްގެ އާއްމު އިންތިޚާބު ބޮޑު ވަޒީރު ބެންޖަމީން ނަތަންޔާހޫގެ ޕާޓީއަށް ކާމިޔާބުވެއްޖެނަމަ ފަލަސްތީނުގެ ޖޯޑަން ވެލީ އާއި އެހެން ބައެއް ސަރަހައްދުތައް އިޒްރޭލްގެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ވެސް ޝާހިދު ވަނީ ކުށްވެރި ކުރައްވާފަ އެވެ.

މީގެ އިތުރުން މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށާއި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުގެ ރައްޔިތުން އާބާދުކުރުމާއި ގުދުސަށް ބައެއް ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލު ކުރުމަކީ ރާއްޖެއިން ދެކޮޅު ހަދާ ކަންކަން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވީ އިޒްރޭލްގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާއި ގުޅިގެން އަޅަން ޖެހޭ ސިޔާސީ އަދި ގާނޫނީ ފިޔަވަޅުތައް އަޅަން ސައޫދީ އަރަބިއްޔާގެ އިސް ނެގުމަަށެވެ.

ނަތަންޔާހޫގެ ވާހަކަ ދިވެހި ސަރުކާރުން ކުރިން ވެސް ކުށްވެރި ކުރި

އިޒްރޭލުގެ އާންމު އިންތިހާބު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިސްބަތްވާ ޕާޓީން ކާމިޔާބު ކޮށްފިނަމަ، ޖޯޑަން ވެލީގެ ބިމަކީ އިޒްރޭލުގެ ބިމުގެ ބަޔަކަށް ހަދާނެ ކަމަށް ދެއްކި ވާހަކަ ކުށްވެރިކޮށް ދިވެހި ސަރުކާރުން ކުރިންވެސް ވަނީ ބަޔާން ނެރެފަ އެވެ.

ފޮރިން މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ބުނީ ބައިނަލްއަގްވާމީ އިގްސޯދީ ސަރަހައްދުތަކުގެ ތެރެއިން ފަލަސްތީނުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބިމެއް ގަދަ ބާރުން އެހެން ދައުލަތަކުން ނުވަތަ ގައުމަކުން ނެގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

ނަތަންޔާހޫ އިއުލާން ކުރެއްވި ވައުދުގެ ސަބަބުން މެދު އިރުމަތީގެ ސުލްހައަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެ، އެ ކަމުގެ ސަބަބުން ދައުލަތްތަކުގެ މެދުގައި އެއްބަސްވެފައިވާ ބައިނަލްއަގްވާާމީ ހަމަތައް މުޅިން ނެތިކޮށްލާނެ ކަމަށް ވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން ބައިނަލްއަގްވާމީ މުޖުތަމައުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން، ވަކިން ހާއްސަކޮށް އދ. ގެ ސަލާމަތީ ޖަމާއަތްތަކުން މިހާރުން މިހާރަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށާއި އަޅަން ޖެހޭ ފިޔަޅުތައް އަޅަން މިހާރުން މިހާރަށް އަމަލު ކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ގޮތުގެ މަތިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ނަވާރަސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރު ކަނޑައެޅި ބޯޑަރުގައިވާ ގޮތުގެ މަތިން ފަލަސްތީނުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަކީ އެ ދައުލަތުގެ ދަށުގައިވާ ބިމެއް ކަމަށާއި ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް އެ ބަޔާނުގައި ބުުނެފައިވެ އެވެ.

ނަތަންޔާހޫ އިޒްރޭލުގެ ބަޔަކަށް ހަދަން އުޅޭ ޖޯޑަން ވެލީއަކީ 65،000 ވުރެ ގިނަ ޕަލަސްތީނު ރައްޔިތުން، އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުން އުޅެމުންދާ ހިސާބެކެވެ. މި ސަރަހައްދަށް ބާރު ފޯރުވާ ވާހަކަ ނަތަންޔާހޫ ދެއްކެވެމުން، މެދު އިރުމަތީގެ ގިނަ ގައުމުތަކުން ވަނީ އެކަމާ ދެކޮޅު ހަދާ އިޒްރޭލު ގެންގުޅޭ ވެރިވެގަތުގެ ސިޔާސަތު ދޫކޮށްލަން ވެސް ގޮވާލާފަ އެވެ.