ހަބަރު

ރީކޯ މޫސަ އިމިގްރޭޝަން ދިފާއު ކުރައްވައިފި

ރާއްޖެއަށް ދިމާވެފައިވާ ބިދޭސީން މައްސަލަ ހައްލު ކުރުމަށާ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި ގުޅިގެން ކަމާބެހޭ އިދާރާތަކަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު އިލްތިމާސެއް ކުރައްވައިފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ، ދެ ބިދޭސީއަކު ޑީޕޯޓް ކޮށްލިކަން އިމިގްރޭޝަނުން ހާމަކުުރުމާއި ގުޅިގެން އެ ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާ، އެ ބިދޭސީން ކުރަމުންދާ ވިޔަފާރީގެ މައުލޫމާތުތައް އާންމުން ގެންދަނީ ހާމަކުރަމުންނެވެ.

މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ވިސާ ދިނުމާއި، ވިސާ ބާތިލް ކުރުމާ، ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލުމަކީ އިމިގްރޭޝަނަށް ކުރެވޭނެ ކަންކަން ކަމަށެވެ. އަދި މި ވޭތުވެދިޔަ ދިގު މާޒީގައި ބިދޭސީންގެ ފަރާތުން ގާނޫނާ ޚިލާފު އެތައް ކަމެއް ކުރަމުންދިޔައިރު އެކަންކަމާ ފިޔަަވަޅެއް ނާޅާތިބެ، މިއަދު ބިދޭސީންނާމެދު ފިޔަވަޅު އަޅަން ފަށާ ގާނޫނާ އެއްގޮތަށް އަމަލު ކުރުމުން އިމިގްރޭޝަން ކޮންޓްރޯލާ ކުށްވެރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މޫސަ ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކުން އިމިގްރޭޝަނަށް އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ބިދޭސީން ކުރާ ބައެއް މަސައްކަތްތަކާ އެކަންކަން ހުއްޓުވަން އެހީތެރިވެ ދެވޭނެ މުއައްސަސާތައް ވެސް މޫސަ ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ހޮޓާ ހިންގުމާ ތައްޔާރީ ކާނާ ވިއްކުމުގެ ހުއްދަ ދެނީ ވަކި މިންގަނޑަކަށް ސާފުތާހިރުކަން ހުރެގެން ކަމަށް ވީއިރު، ބިދޭސީން ދުވާލެއްގެ މައްޗަށް 20،000 ބަތްޕާރުސާލް ބަހަމުން ދަނީ ކޮންތާކުުހުރި ބަދިގެއެއްގައި ކައްކައިގެން ތޯ މޫސާ ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި އެކަން ހައްލު ކުރުމަށް ހެލްތު މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން އިމިގްރޭޝަނަށް އެހީތެރިވުމަށް މޫސާ ގޮވާލެއްވި އެވެ.

ވެހިކަލް މަރާމާތުކުރުމާ، ދޮވެ ސާފު ކުރުމަކީ ހުއްދަ އޮވެގެން ގަރާޖެއްގައި ނޫނީ ނުކުރެވޭނެ ކަމަކަށްވާއިރު، ފާޅުގައި ބިދޭސީން މަގުމަތީގައި ވެހިކަލްތައް ދޮވެ ސާފު ކުރަމުންދާކަން މޫސަ ވަނީ ފާހަގަ ކުރައްވާފަ އެވެ. އެކަމުގެ ސަބަބުން ގަވާއިދާ އެއްގޮތަށް ޚިދުމަތް ދެމުންދާ ދިވެހި ވިޔަފާރިތަކަށް ގެއްލުންވާކަން ފާހަގަކޮށް މާލޭ ސިޓީ ކައުންސިލުން އިމިގްރޭޝަނަށް އެހީތެރިވުމަށް މޫސާ ގޮވާލެއްވި އެވެ.

"ސައްހަ ވިސާއެއް، ޕާސްޕޯޓެއް ނުވަތަ އައިޑީކާޑެއްނެތި ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާރު މޯބައިލް ފޯނާ ސިމްކާޑު ނުވިއްކާ. އެކަމަކު ރާއްޖޭގައި އުޅޭ އެއްވެސް ބިދޭސީއެއްގެ އަތުގައި ދިރާގު، އުރީދޫ، ވައްތަރަކުން ދެ ސިމްކާޑު ނެތް އެކަކުވެސް ނޫޅޭ. މި ދެ ކުންފުނިން ވެސް އިމިގްރޭޝަނަށް އެއްބާރުލުން ދެއްވާ." މޫސަ ވިދާޅުވިއެވެ.

ސައްހަ ވިސާއެއް، ޕާސްޕޯޓެއް ނުވަތަ އައިޑީކާޑެއްނެތި ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާރު މޯބައިލް ފޯނާ ސިމްކާޑު ނުވިއްކާ. އެކަމަކު ރާއްޖޭގައި އުޅޭ އެއްވެސް ބިދޭސީއެއްގެ އަތުގައި ދިރާގު، އުރީދޫ، ވައްތަރަކުން ދެ ސިމްކާޑު ނެތް އެކަކުވެސް ނޫޅޭ. މި ދެ ކުންފުނިން ވެސް އިމިގްރޭޝަނަށް އެއްބާރުލުން ދެއްވާ
މޫސާ މަނިކު | މަޖިލީހުގެ ކުރީގެ ނާއިބް ރައީސް

މޫސަ ވިދާޅުވީ ރާއްޖޭގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ ވިސާ އޮވެގެން ކަމަށާ އަދި އެމީހަކު ކުރަންވާނީ ހުއްދަ އޮންނަ މަސައްކަތެއް ކަމަށެވެ. އެ އުސޫލާ ޚިލާފުވުމަކީ ގާނޫނީ ކުށެއްކަމުން ބިދޭސީނަށް ވެސް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ. އެފަދަ ބިދޭސީންގެ ސަބަބުން ގައުމުގެ އިގްތިސޯދަށް ބޮޑެތި ގެއްލުން ވެއެވެ. އަދި އެފަދަ މީހުންގެ ސަބަބުން އިޖުތިމާއީ ބޮޑެތި މައްސަލަތައް ވެސް ރާއްޖޭގައި ދަނީ ގިނަވަމުންނެވެ.

ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކޮންޓްރޯލާ ވިދާޅުވީ އެ މަސައްކަތުގައި އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް އޭނާ ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ވެސް ލެނބިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ނުފޫޒުތަކުން އެއްކިބާވެ، އިމިގްރޭޝަން ގާނޫނޫ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ.

"އިމިގްރޭޝަން ގާނޫނޫ ފުރިހަމައަށް ތަންފީޒު ކުރާނަން.. އަދި ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދާނީ މި ވެރިކަމުގައި. އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނީ ރައްޔިތުންގެ ޚިދުމަތުގައި،" ކޮންޓްރޯލާ ވިދާޅުވިއެވެ.

ރާއްޖޭގައި ރެކޯޑް އަދަދަކަށް ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެމުންދާއިރު އެ މީހުން ގެންދަނީ ރާއްޖޭގައި ވިޔަފާރި ކުރުމާ، ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ވެސް ކުރަމުންނެވެ. އެފަދަ ބައެއް މީހުން ހޯދާ ޑީޕޯޓް ކުރަމުންދާއިރު މިހާތަނަށް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު މަސައްކަތެއް ހިނގާފައެއް ނުވެއެވެ.