ހަބަރު

އަނިޔާކުރި ހަތް ފުލުހުންނަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަނީ

މާފަންނު ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފަރާތަށް އަނިޔާކުރި ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ހަތް ފުލުހުންނަށްވެސް ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި 7 ފުލުހުންގެ މައްސަލަވެސް ބަލާފައިވާކަމަށެވެ. އެ މައްސަލަތައް ބެލުމަށްފަހު އެ ފުލުހުންގެ މަގާމު ދަށްކޮށް، މިހާރު ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލުކޮށް އަދި އަޚުލާގީ ކުލަ އަތުލުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާކަމަށެވެ.

ޑިސިޕްލިނަރީ ބޯޑުގެ މި ނިންމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އިސްތިއުފާނު ކޮމެޓީއަށް ހުށައަޅާ މައްސަލައިގެ ނިންމުން މުރާޖަޢާކުރުމަށް އަންގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

"ވީމާ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސްއިން ބެލި މި މައްސަލަ މިހާރު އޮތީ ފުލުހުންގެ އިސްތިއުނާފު ކޮމެޓީގައިކަމުގައި ދަންނަވަން" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މާފަންނު ގެއެއްގެ ތެރެއަށް ފުލުހުން ވަދެ މީހަކަށް އަނިޔާ ކުރިކަން އެނގުނީ އަނިޔާކުރާ ވީޑިއޯ އާންމުވެ ދައުރުވާން ފެށުމުންނެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް މީހަކަށް އަނިޔާކުރާ މަންޒަރު ފެނިގެންދެ އެވެ.