ހަބަރު

ސަރުކާރާ އިދިކޮޅު މީޑިއާއެއް ނޯންނާނެ: ނާއިބު ރައީސް

މި ސަރުކާރު ދެމިއޮތްހާ ދުވަހަކު، ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބުގެ ވާހަކަފުޅުގައި ނޫސްވެރިކަން ތަރައްގީ ކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކެއް ހުރިކަން ފާހަގަ ކުރައްވައި އެއީ ހެޔޮވެރިކަމުގެ އެއްބައި ކަމުގައި ވިދާޅުވި އެވެ. އަދި ޕްރެސް ކްލަބެއް އުފެއްދުމުގެ އިތުރުން ޕަބްލިކް ސާވިސް މީޑިޔާގެ ގާނޫނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނޫސްވެރިކަމަކީ ޑިކޮމްރެސީގެ އެއް ތަނބުކަން ފާހަގަ ކުރައްވައި ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް، ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި، ނޫސްވެރިންގެ މަސައްކަތް ވަރަށް މުހިންމުކަމަށް ވިދާޅުވި އެވެ. އެގޮތުން މިނިވަންކަމާއެކު ހަރަކާތްތެރިވާ، ޑިމޮކްރެސީގެ އުސޫލުތައް ދަމަހައްޓާ މީޑިއާއެއް އޮތުމަކީ، ޑިމޮކްރެސީއެއް އުފެދި އަށަގެންނެވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރު ފެށުނު އިރު، ރާއްޖޭގެ ނޫސްވެރިކަން އޮތީ ބިރުވެރި ކަމެއްގެ ތެރޭގައިކަން ފާހަގަ ކުރައްވާ އޭރު ނޫސްވެރި ކަމަށް ހުރި ގޮންޖެހުންތަކާއި ނޫސްވެރިކަން އޭރު އޮތް ހާލަތުގެ މައްޗަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅު ދެއްކެވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު، މި ސަރުކާރުން ރައްކާތެރިކޮށްދީފައިވާ ކަމަށައި މި ސަރުކާރަށް ނުވަ މަސް ފުރިގެން މިދަނީ ވެސް، ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާ އެކުކަމަށް ފައިސަލް ވިދާޅުވިއެވެ.

"ނޫސްވެރިންނަށް މިނިވަންކަން ދިނުމުން، މި ސަރުކާރަށް ގެއްލުމެއް ލިބުމުގެ ބަދަލުގައި ކުރީ ފައިދާ. އިރާދަކުރެއްވިއްޔާ މިސަރުކާރު ދެމިއޮތްހާ ދުވަހަކު، ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެކަމުގެ ޔަޤީންކަން އަޅުގަނޑުދެން." ނާއިބު ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ޚިޔާލާއި ފާޑުކިޔުންތައް ސަރުކާރުން ކިޔައި އަޑުއަހައި ސަރުކާރުން ކުރިޔަށްދަނީ ފާޑުކިޔުންތަކުގެ އަލީގައި، ދައުލަތް ހިންގުމުގެ ކަންކަން އިސްލާހު ކުރަމުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ތަމްރީނާއި މަތީ ތައުލީމު ފުޅާކޮށް، އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމަށް ސަރުކާރުގެ ވިސްނުން ގެންގުޅޭކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ސްކޮލަޝިޕާއި ލޯނުގެ ފުރުސަތުވެސް، އިތުރުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މީޑިޔާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު މިދިޔަ 2018 ވަނަ އަހަރު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނުނު އެންމެޝަރަފުވެރި އިނާމުކަމަށްވާ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސްގަލަން ހާސިލުކުރި ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި އެވޯޑް ބާރަ ފަރާތަކަށް ލިބިފައިވާއިރު ނޫސްވެރިކަމުގެ އަލިމަސް ގަލަން 9 ފަރާތަކަށް އަދި ނޫސްވެރިކަމުގެ ރަންގަލަން 12 ފަރާތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ އެކިދާއިރާތަކުން 2018 ވަނަ އަހަރު ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ފަރާތްތައް އިއުލާނުކޮށް އެފަރާތްތަކަށް އިނާމާއި އެވޯޑް ހަވާލުކޮށްފައެވެ.