ލައިފްސްޓައިލް

ޗީޓް ޑޭ އާއި ޗީޓް މީލް: ފައިދާއެއް ކުރޭތަ؟

ފިޓުވާން އުޅޭ މީހުން މެދުގައި "ޗީޓް ޑޭ" މަގުބޫލެވެ. ޗީޓް ޑޭ އެއް މި ހަދަނީ މުޅި ހަފުތާގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށްފަހު ހަފުތާއަކު އެއްދުވަހު އެމީހަކު ކާހިތްވާ ކޮންމެވެސް އެއްޗެއް ކާ ދުވަހުގެ ގޮތަށެވެ.

ޖަންކް ފުޑް ތެރެއިން އެމީހަކު ބޭނުން އެއްޗެއް ކާ ދުވަހަކީ ޗީޓް ޑޭ އެވެ. ބާގާ، ޕިއްޒާ، އައިސްކްރީމް، ޑޯނަޓް އަދި ފިޒީ ބުއިމެވެ. މިފަދަ ކޮންމެ އެއްޗެއް ހިޔާރު ކުރެވިދާނެ އެވެ.

"ޗީޓް މީލް" އާއި ޗީޓް ޑޭ ތަފާތެވެ. ޗީޓް މީލަކީ މުޅި ދުވަހު ސިއްހަތަށް ފައިދާ ހުރި ކާނާ އިހްތިޔާރު ކުރުމަށްފަހު ކޮންމެވެސް އެއް ވަގުތެެއްގައި ކާ ހިތްވާ އަދި ޑައެޓުން ބޭރު އެއްޗެއް ހިމަނާ ލުމެވެ.

ސުވާލަކީ ބަރުދަން ލުއި ކުރަން އުޅޭ މީހަކަށް ޗީޓް ޑޭ ނުވަތަ ޗީޓް މީލްއަކުން ފައިދާ ކުރޭ ހެއްޔެވެ؟

ޗީޓްޑޭސް ގެ ސަބަބުން ހަށިގަނޑުގައި ލެޕްޓިން އުފައްދާ މިންވަރު އިތުރު ކޮށްދީ މީހާގެ މެޓަބޮލިޒަމް އަވަސް ކޮށްދޭނެ އެވެ. ލެޕްޓިން އަކީ ހަށިގަނޑުގެ ފެޓްސެލް އިން އުފައްދާފައިވާ ޕެޕްޓައިޑް ހޯމެނެކެވެ. މިއިން މީހާގެ ބަނޑުހައި ކަމާއި ބަނޑުފުރުން ކޮންޓްރޯލް ކޮށްދެ އެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ގިނައިން ކެއުމުގެ ސަބަބުން ހަށިގަނޑުން ކެލޮރީ އަންދާވަރު އިތުރު ކޮށްދޭނެ އެވެ. ސައިންޓިސްޓުންގެ މެދުގައި އަދިވެސް ބަހުސް ކުރެވެނީ ލެޕްޓިން އިން މީހާގެ ބަރުދަން ކޮންޓްރޯލް ކުރާ މިންވަރެވެ. އަދި ގިނައިން ކާ ދުވަސް ނުވަތަ ޗީޓް ޑޭ އަށް ފަހު ލެޕްޓިން އުފެއްދުން ހަށިގަނޑުގައި އިތުރުވޭތޯ އަންނަނީ ދިރާސާ ކުރަމުންނެވެ. ގިނައިން ކައިގެން މީހާގެ މެޓޯބޮލިޒަމް 24 ގަޑިއިރު ތެރޭގައި އިތުރު ކުރުވޭނީ 3 ޕަސެންޓާއި 10 ޕަަސެންޓުގެ ދޭތެރޭ މިންވަރަކަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހަރުކަށި ޑައެޓެއްގައި އުޅޭނަމަ ހަށިގަނޑުގެ މަސްތަކުގައި ގްލައިކޮޖަން ރައްކާކުރާ މިންވަރު މަދުވެ އެވެ. މީގެ ސަބަބުން މީހާ ވަރުބަލިވެ ކަސްރަތު ކުރުމުގައި ޕާފޯމަންސްއަށް ނޭދެވޭ އަސަރު ކުރެ އެވެ. ޗީޓް މީލް އަދި ޗީޓް ޑޭ ގެ ސަބަބުން ހަށިގަނޑުގައި ގްލައިކޮޖަން ރައްކާކުރާ މިންވަރު އިތުރު ކޮށްދެނީ ގިނައިން ކެއުމުން އިތުރުވާ ކެލޯރީސްއާއި ކާބޯހައިޑްރޭޓްސް އިންނެވެ. މިއިން ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދެނެ އެވެ. އަދި ކަސްރަތު ކުރުމަށް އިތުރު ހިއްވަރަކަށް ވެސް ވާނެ އެވެ. އެހެން ނަމަވެސް ޗީޓް ޑޭ ވެސް ހައްދު ފަހަނަޅާ ގޮސްފިނަމަ ބަރުދަން ލުއި ކުރުމުގެ ގޯލް ހާސިލް ކުރުމަށް ދަތިވާނެ އެވެ.

ޗީޓްޑޭސްގެ ސަބަބުން އިންސާނެއްގެ ވިސްނުމަށް ޕޮޒިޓިވް އަދި ނެގަޓިވްކޮށް ވެސް އަސަރު ކުރެއެވެ. ގިނަ ބަޔަކަށް ޗީޓްޑޭގެ ސަބަބުން އެމީހުންގެ ޑައެޓުގައި ހިފެހެއްޓުމަށް އެހީތެރިވެ އެވެ. އަދި ކާ އެއްޗެއްސަށް ދަހިވުމުން ދުރު ކޮށްދެއެވެ.

ނަމަވެސް އަނެއް ބަޔަކަށް ގިނައިން ކެއުމުން ކުރާ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑެވެ. ޗީޓް ޑޭގައި މާ ގިނައިން ކެއުމުގެ ސަބަބުން އެކަމާއި މެދު ހިތާމަ ކުރެވެއެވެ. ނުވަތަ ޗީޓް ޑޭ އަށް މާ ބޮޑަށް އުއްމީދު ކުރެވި ސިއްހަތަށް ފައިދާހުރި ގޮތަށް ކެއުމަކީ ފޫހިކަމަކަށް ވެއެވެ. މީގެ ސަބަބުން ސިއްހަތަށް ގެއްލުންވާ ކަހަލަ އާދަތަކެއް އުފެދި އީޓިން ޑިސްއޯޑާ އަކަށް މަގުފަހި ވެދާނެ އެވެ.

ބަރުދަން ލުއި ކުރުމަށް ބޭނުން ކަމުގައި ވީނަމަވެސް މާ ހަރުކަށި ޑައެޓެއްގައި އުޅުމުގެ ބަދަލުގައި މިހެން އުޅޭއިރު ކާ ހިތްވާ އެއްޗެއް ކާލުމަކީ މައްސަލައެެއް ނޫނެވެ. އަދި ޗީޓް ޑޭ އެއްގެ ގޮތުގައި ވަކި ދުވަހެއް ޝެޑިއުލް ކޮށްގެން އެދުވަހު ޖެހުނު އެއްޗެއް ކެއުމުން އެތަށް ހާސް ކެލޮރީއެއް ހަށިގަނޑަށް އިތުރުވާނެ އެވެ. ބަނޑަށް އުނދަގޫވެ ލޮޑުކަން އިހްސާސް ކުރެވޭނެ އެވެ. އެހެންކަމުން ޗީޓް ޑޭއަކަށް ވުރެ ބޮޑަށް ޗީޓް މީލްއަކަށް ދިއުމުން މައްސަލަ ކުޑައެވެ. ޗީޓް ޑޭ އަކަށްވުރެ މި ގޮތް ރަނގަޅުވެފައި ފައިދާ ބޮޑެވެ.