ވާހަކަ

ބޭނުންވަނީ ޔާރާ

(11 ސެޕްޓެމްބަރ 2019 އާ ގުޅޭ)

ވަސީމާއަށް ހީވަނީ ޝޮކެއްލިބިފައިވާހެނެވެ. އަނގަޔަކުން ނުބުންޏެވެ. އެންމެ ފަހުން ބޮލުގައި އަޅާފައިވާ ތުވާއްޔާއިއެކު ސަޢީދު ކޮޓަރިން ބޭރަށް ބޯދިއްކޮއްލައިފިއެވެ.

"ދަރިފުޅު........" ސަޢީދަށް ބުނެލެވުނެވެ.

"ބައްޕާ......ބަލީތޯ......ކިހިނެއްވީ" އެތެރެއަށް ވަދެގެން އައި މަންހާއަށް އަވަސްއަވަހަށް އަހާލެވުނެވެ. ސަޢީދަށް މަންހާގެ ދެއަތްތިލާގައި ހިފާ ބޮސްދެވުނެވެ.

"ބައްޕައަށް އެއްވެސް ކަމެއްނުވޭ، ކުޑަކޮށް ރޯގާވައްތަރުވެގެން މިއުޅެނީ...........ދަރިފުޅު ފެނުމުން ހުރިހާ ބުރަކަމެއްފިލައި ހިނގައްޖެ، ވަރަށް އުފާވެއްޖެ........ވަރަށް އުފާވެއްޖެ..........." ސަޢީދުގެ ލޮލުން ކަރުނައެވެ. އޭނަގެ ދަރިފުޅު ގަދަވެ ސަލާމަތުން ހުރެ އޭނަގެ ގާތަށް އައުމުން ހިތަށް ލިބުނު ހިތްހަމަޖެހުން އެވަގުތު ބަޔާންކުރެވުނު ހަމައެކަނި ގޮތަކީއެއީއެވެ. މަންހާއަށްޓަކައި އެދެލޮލުން ވެއްޓުނަ ކަރުނަތިއްކެވެ.

"ބައްޕާ އާދޭސް ކުރަން، ބައްޕަ ރޮންޏާ އަޅުގަނޑަށްވެސް ރޮވިދާނެ، އެކަމަކު މީ ރޯންވީ ވަގުތެއްނޫން، މަންމަ ކީއްވެ އެތެރެއަށް އެވަނީ، އަޅުގަނޑު ފެނުމުން މަންމަ އުފަލެއްނުވޭތަ" މަންހާއަށް ހައިރާންކަމާއިއެކު ސަޢީދު އާއި ސުވާލުކުރެވުނެވެ.

"ނޫން، އެއީ ދަރިފުޅުގެ މަންމަ، ކީއްވެ އުފާނުވާންވީ، ދަރިފުޅުދެކެ އެހާ ގަދައަށް ރުޅިއާދެވުނީތީ މިހާރު އެހުރީ ވަރަށް ދެރަވެފަ، އެހެންވެ ކަންނޭގެ އެތެރެއަށް އެވަނީ، އެބަހުރި ކޮޓަރީގަ، ދަރިފުޅު ދޭބަލަ" ސަޢީދު މަންހާގެ ބޮލުގައި ފިރުމާލިއެވެ. މަންހާގެ ލޮލުންވެސް ކަރުނަ ފާއްދާލައިފިއެވެ. އޭނަ ދެލޯ އަވަސް އަވަހަށް ފޮހެލަމުން ވަސީމާ ދެކިލުމަށް އެކޮޓަރިއަށް ވަނެވެ.

"ދާއިން، އެތެރެއަށް ނުވަންނާނަންތަ" ސަޢީދު ދާއިންއަށް ބަލާލަމުން ބުނެލިއެވެ.

"އަޅުގަނޑަށް..............އަޅުގަނޑަށް މާޑުކުރައްވާ.........ބައްޕާ.........." ދާއިން އަޅައަޅައިގަންނަމުން ބުނެލިއެވެ.

"މާފުކޮއްފިން، މަންހާގެ ހުރިހާ އުފަލަކީވެސް ތީ...................ވީއިރު މާފުނުކުރަންވީ ކީއްވެ، އާދޭ އެތެރެއަށް، އެދުވަހު ރުޅިވެރިކަމާއިއެކު މޫނު އަނބުރާލެވުނީތީ ބައްޕަވެސް މާފަށްއެދެން..........އެކަންތައްތައް ދޫކޮއްލާ، މިބައްޕަގެ ދަރިފުޅު ތިގެނެސްދިނީ ހަމަ ދާއިން އެއްނު، އެކަމާ ޝުކުރުވެރިވާނެގޮތެއްވެސް ނޭނގެ، މިއަދު ވަރަށް އުފާވެއްޖެ........." ސަޢީދުގެ ގާތުގައި އައިސް ހުއްޓުނު ދާއިންގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ ހިނިއައިސްފައި ހުރެއެވެ.

ފާރުގައި ލެނގިލައިގެން ހުރި ވަސީމާއަށް ރޮވެނީއެވެ. މަންހާއަށް މިމަންޒަރުފެނުމާއިއެކު ވަސީމާގެ އަތުގައި ހިފާ ވާހަކަދައްކަންފެށިއެވެ.

"މަންމާ.........މަންމަ ނުގަބޫލަސް އަޅުގަނޑު އަނެއްކާވެސް މިއައީ، ހަމަ މަންމަ ދެކިލާހިތުން..........އަޅުގަނޑަކީވެސް މަންމައެއް، އަޅުގަނޑަށް އެނގޭ ދަރިފުޅާ ދުރުގަ ހުރުމަކީ ފަސޭހަކަމެއްނޫންކަން، މަންމާ.........އަޅުގަނޑަށް އެނގޭ މަންމަ އަޅުގަނޑުދެކެ އަބަދުވެސް ލޯބިވާނެކަން.........." މަންހާ ވާހަކަ ދައްކަ ދައްކާ ހުއްޓަ ވަސީމާ ކުއްލިއަކަށް މަންހާގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. ހިތްހަމަޖެހުމުގެ ނޭވާއަކާއިއެކު މަންހާގެ ދެލޮލުންވެސް ކަރުނަތައް ފައިބައިގެން ދިޔައެވެ. މަންމަގެ ދެއަތުގެ ހިމާޔަތްކަން ލިބުނުކަމުގެ އިޙްސާސް އޭނައަށް ކުރެވުނެވެ.

"މަންމައަށް މާފުކުރާނަންތަ..........." ވަސީމާ މަންހާގެ ނިތުގައި ބޮސްދެމުން ކަރުނުން ފުރިގެންވި ދެލުން ބަލާލާފައި އަހާލިއެވެ.

"މަންމާ، މަންމަ އަޅުގަނޑުގެ ގާތުން މާފަށް ކީއްކުރަން ތިއެދެނީ، އެހެނީ މާފުކުރާވަރުގެ އެއްވެސް ކަމެއް މަންމަ ނުކުރޭ..............އޭގެ ބަދަލުގަ އަޅުގަނޑަށް މާފުކޮއްދެއްވާ........މަންމަގެ ހިތުގައި ޖެއްސުނީތީ، މަންމަގެ ހުވަފެންތަ ފުނޑު ފުނޑުކޮއްލެވުނީތީ، އަޅުގަނޑުގެ ނިންމުންތަކާމެދު ކޮންމެ މަޔަކުވެސް ކަންބޮޑުވާނެކަން ޔަގީން، އެދުވަހު މަންމަ ނިންމި ކޮންމެ ނިންމުމެއް އެގޮތަށް ނިންމީ އަޅުގަނޑުދެކެ ވާލޯތްބެއްގެ ބޮޑުކަމުން، އަޅުގަނޑަށް ދެރައެއްލިބިދާނެކަމަށް ހީކުރެވިގެން.....................މަންމާ، މިއަދު އަޅުގަނޑު ދައްކާ ހުރިހާ ވާހަކައެއް މަންމަވާނެ އަޑުއަހަން.............ބުނެބަލަ، އަޑުއަހާނަންތަ" މަންހާ ރޮވިފައި ހުރެ ވަސީމާގެ ދެއަތުގައި ހިފާބާރުކޮއްލަމުން ބުނެލިއެވެ. ވަސީމާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

"ދަރިފުޅު މަންމަ އާއި ދުރަށް ނުދާނަންކަމަށް ވަޢުދުވާނަމަ މަންމަ މިހުރީ ކޮންމެ ވާހަކައެއްވެސް އަޑުއަހަން ތައްޔާރަށް...............ދަރިފުޅަށް ގޮތެއްވެއްޖެނަމަ މަންމަގެ ހިތްހުއްޓިދާނެ.............މަންމަގެ ލޯބި ބޭނުންވިދުވަހު މަންމައަށް ދަރިފުޅު އެކަނިކޮއްލެވުނީތީ ވަރަށް ދެރަވޭ.............މަންމަ ﷲއަށް ދުޢާކުރިން މަންމަގެ ތިދަރިފުޅު އަނބުރާ މަންމައަށް ދެއްވުމަށްއެދި، އަދި ހުރިހާ އުފަލެއް ތިދަރިފުޅަށް ލިބުންއެދި................" ވަސީމާ ލޯތްބާއިއެކު މަންހާގެ މޫނުގައި ފިރުމާލިއެވެ.

"މަންމާ، އަޅުގަނޑު ދުވަހަކުވެސް ވަތްކެއްނުވަމޭ މަންމައާއި، އަދި ކުރިއަށް އޮތްތަނުގައިވެސް ވަތްކެއްނުވާނެ...............ތީ އަޅުގަނޑުގެ ހުރި ހަމައެކަނި މަންމައަކީ....................އެކަމަކު މަންމާ، ދާއިންއަކީ ގޯސްމީހެއްނޫން، އަޅުގަނޑު މިއަދުވެސް ބުނަންއޮތީ އެހެން، ދާއިންއަކީ ހެޔޮލަފާ ރަނގަޅު ފިރިއެއް، އަޅުގަނޑުދެކެ އޭނަވެސް ލޯބިވޭ.............މަންމާ އާދޭސްކޮއްފަ ބުނަން.........ދާއިންއަކީ އަޅުގަނޑުގެ ހުރިހާ އުފަލަކާ ހިތްހަމަޖެހުން، އޭނައަކީ އަޅުގަނޑުގެ ހަށިގަނޑުގެ އެއްބައި، ދާއިން އާއިވަކިން އަޅުގަނޑަކަށް ނޫޅެވޭނެ، އުޅޭކަށް ނުވެސް އެނގޭނެ.............އަޅުގަނޑުދެކެވާ ލޯތްބަށްޓަކައިވިޔަސް މަންމަ އެކަން ގަބޫލުކޮއްދެއްވާ، ދާއިންއަކީވެސް މިއާއިލާގެ މެންބަރެއްކަމުގައި މަންމަ ދެކެން އަޅުގަނޑު ބޭނުންވަނީ...........އާދޭސްކުރަން މަންމަގެ ގާތުން" މަންހާ ކުއްލިއަކަށް ވަސީމާގެ ފައިބުޑަށް ތިރިވިއެވެ. ލިބުނު ސިހުމާއިއެކު ވަސީމާ މަންހާގެ ކޮނޑުގައި ހިފާ އަވަހަށް ނެގިއެވެ.

"މަގޭ މޮޔަ ދަރިފުޅާ، އަދިވެސް ބޮޑެއްނުވޭ ދޯ................މަންމަ ދަރިފުޅުގެ ހުރިހާ އުފަލަކަށް އެދޭއިރު އެނގެޔޭ ދާއިންއަކީ ދަރިފުޅުގެ ހުރިހާ އުފަލެއްކަން، ކޮންކަހަލަ މައެއް އޭނަގެ އަމިއްލަ ދަރިފުޅުގެ އުފާ ނިއުޅައިގަންނަން އުޅޭނީ............މަންމަގެ ހިތް ދާއިން އާއިމެދު ސާފު، ތިދެކުދިން މިގަބޫލުކުރަނީ ހިތުގެ އެންމެ އަޑިން............މަންމައަށް އެނގޭ ކުރިން ދާއިން އާއިމެދު ދެކެވުނީ ރަނގަޅަށް ނޫންކަން، އެހެންނޫނަމަ މިއަދު ދަރިފުޅާއިއެކު ދާއިންއެއް ނުހުރީސްކަން ޔަގީން.........." ވަސީމާ އޭނަގެ ދެލޯ ފޮހެލަމުން މަންހާގެ ދެލޯވެސް ފޮހެލަދިނެވެ. އަދި އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ މޫނުގައި ދެއަތުން ހިފާލުމާއިއެކު ހިނިތުންވެލިއެވެ.

ވަސީމާއަށް ވުރެން އިސްކޮޅުން ދިގު މަންހާ އޭނަގެ ގޮނޑުގައި ހިފާ ގާތްކޮއްލައިގެން ހުރެ ކޮޓަރިން ނުކުތެވެ. އޭރު ގޭގެ ހުރިހާ ކުދިންހެން ސިޓިން ރޫމަށް ނުކުމެއްޖެއެވެ. އެންމެންގެ ތުންފަތަށް ހިނިތުންވުން ވެރިވެފައިވެއެވެ. ސޯފާގައި ޝިމާދު އާއިޖެހިގެން ދާއިން އިށީނދެ އިންތަން މަންހާއަށް ފެނުނެވެ. އަދި ނެހާ އުރާލައިގެން ހުރި ސަޢީދުގެ ގާތަށް މަންހާ ދިޔައެވެ. ސަޢީދުގެ އަތުން ނެހާ އުރާލުމަށްފަހު އެކުއްޖާ ގޮވައިގެން މަންހާ އައިސް ވަސީމާއަށް ދައްކާލިއެވެ. ހިނިއައިސްފައި ހުރި ވަސީމާ ނެހާ އުރާލުމާއިއެކު އެތުއްތު މޫނުގައި ބޮސްދީފިއެވެ. ވަސީމާ އޭނަގެ ހުރިހާ ދަރިންނަށް ބަލާލިއެވެ. މިއަދު އޭނަ އާއި ދެކޮޅަށް އެއްވެސް ކުއްޖަކުނެތެވެ. ވަށައިގަންވަނީ އުފާވެރިކަމެވެ. ޖެނީ ކުއްލިއަކަށް އައިސް މަންހާގެ ގައިގާ އޮޅުލައިގަތެވެ. އެއާއިއެކު ޝަރަފްއަކަށްވެސް ދުރުގައެއް ނީނދެވުނެވެ. ވަސީމާ ނެހާ ގޮވައިގެން ދާއިންގެ ގާތަށް ދިޔައެވެ. އެހިނދު ދާއިންއަށް ސޯފާއިން ތެދުވެވުނެވެ. ޖެހިލުންވެފައި އިސްޖަހާލީ ވަސީމާ ބުނާނެއެއްޗެއް ނޭނގޭތީއެވެ.

"ޝުކުރިއްޔާ..........އަހަރެންގެ ދަރިފުޅަށް ތިދިން އުފަލައްޓަކާ، އެދަރިފުޅު އަނބުރާ އަހަންނަށް ގެނެސްދިނީތީ، އެދަރިފުޅުގެ ގާތުން މާފަށް އެދެނޭ ފުރުޞަތެއް ދިނީތީ، އެދަރިފުޅާއިއެކު ދާއިންގެ ހުރިހާ ވަގުތެއް ހޭދަކުރީތީ..........." ވަސީމާއަށް ފުރަތަމަ ފަހަރަށް ދާއިން މަންމަގެ ނަމުން މުޙާތަބު ކުރިއެވެ. އަދި މާފަށްއެދުނީ އޭނަ މަންހާ އާއި އޭނަގެ އާއިލާ ވަކިވުމަށް ނޭދޭކަން ހާމަކުރަމުންނެވެ.

"ސަޢީދު، ކިތަންމެ ބޮޑު ތަފާތުކަމެއް ހުއްޓަސް، އަހަރެންގެ ދަރިފުޅުގެ އުފަލަކީ މީ..........އެދަރިފުޅުގެ ހިތްހަމަޖެހުމާ އެތުންފަތުގައިވާ ހިނިތުންވުމަކީ ދާއިން.............ސަޢީދު، މީވެސް އަހަރުމެންގެ ޖޫން އާއި ޖެނީ ފަދަ ދަރިއެއް........" ވަސީމާ އާއި ދާއިންއަށް ބަލަހައްޓައިގެން ހުރި މަންހާއަށް އުފަލުންގޮސް ރޮވުނެވެ. ވަސީމާގެ ދުލުން އޭނަ އެއަޑުއަހަން ބޭނުންވެފަ ހުންނަތާ އެތަށް އަހަރަކަށްފަހު އަޑުއިވިއްޖެއެވެ. ދާއިންއަށް އޭނަގެ އާއިލާގެ ލޯބި ހޯދާދެވިއްޖެއެވެ. އެމީހުންގެ ނަޒަރުގައި ދާއިންގެ ގަދަރު އުފުލިގެން ހިނގައްޖެއެވެ. މަންހާއަށް އޭނަގެ އަނގަމަތީ އަތްއަޅާލެވުނެވެ. ޝަރަފް ހީނލާފައި މަންހާ އަރިކޮއްލުމާއިއެކު އުފުލާލައިފިއެވެ. އެވަގުތު ޝިމާދު އާއި ޖެނީ އާއި ޖޫންގެ ހަޅޭކުގެ އަޑުއިވިގެން ދިޔައެވެ. އެމީހުންގެ އަޑާއި މަންހާގެ އަޑުވެސް އެކުވެގެންދިޔައެވެ. ކުއްލިއަކަށް ދާއިންއަށް މަންހާ އާއި ދިމާލަށް އަތްދިއްކޮލެވުނީ މަންހާ ވެއްޓިދާނެއޭ ހިތާއެވެ. އެތަންފެނި ވަސީމާގެ ގާތަށް ހިނިއައެވެ. އެކަން ދާއިންއަށް އެނގުމުން ރަކިގޮތަކަށް ހިނިއައިސްފައި ހުރެ އިސްޖަހާލިއެވެ.

އެރޭ ކައިގެން ނޫނީ ގޮސްގެން ނުވާނެކަމަށް ވަސީމާ އެންގިއެވެ. އެކަމަށް ދާއިންވެސް އަދި މަންހާވެސް ދެކޮޅެއް ނުހަދައެވެ. ގޭތެރޭގެ ފަޅުކަން ފިލާ އުފާވެރިކަން ވެރިވެގެންގޮސްފައިވެއެވެ. އެންމެންގެ މޫނުތަކުން ހިނިތުންވާތަން ނޫނީ ނުފެނެއެވެ. އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅިފައިވާ މިންވަރު ފެންނަމުންދިޔައެވެ. އާއިލާގެ ލޯތްބާ މައިންބަފައިންގެ ތަރުބިއްޔަތެވެ. މަންހާ ދާއިންގެ އަތުގައި ހިފާލައިގެން ހުރެ އޭނަގެ ކޮޓަރިއަށް ދިޔައެވެ.

"އަހަރެން ދާއިންގެ ހިޔާލު އެންމެ ފުރަތަމަ ކުރީ އެ އެނދުގައި އޮވެ..............ދާއިންގެ ކުރިމައްޗަށް ހުއްޓުމަށްޓަކައި އެދުވަހު ވަޒީފާގެ އިންޓަވިއުއަށް ދިޔައީ މިލޯގަނޑުގެ ކުރިމަތީ ހުރެ ތައްޔާރުވެގެން.........." މަންހާ އޭނަގެ ކުޑަކޮޓަރިތެރެއަށް ނަޒަރު ހިންގަމުން ވާހަކަދެއްކިއެވެ. ހިނިއައިސްފައި ހުރެ ދާއިން މަންހާގެ އަތުގައި ހިފާދަމާލަމުން ގެނެސް އޭނަގެ އަތުގެތެރޭ ބޮނޑިކޮއްލިއެވެ. އަދި ލޯތްބާ ޖަޒުބާތުންފުރިގެންވި ގޮތަކަށް މަންހާގެ ތުންފަތުގައި ބޮސްދިނެވެ.

"މިކަމެއް ނުކުރަމެއްނު، އެހެންވެ މި ފުރިހަމަކޮއްލީ.........." ލާނެތްގޮތަކަށް ދާއިން ބުނެލިއެވެ. މަންހާ ހޭންފެށިއެވެ. އަދި ދާއިންގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ.

ޖޫންގެ ކޮޓަރީގައި މަންހާ އާއި ޖެނީ އިންވަގުތެވެ. ޝިމާދު ހޮސްޕިޓަލުން ޖޫންގެ ރިޕޯޓް ހިފައިގެން އައިސް ގެއަށްވަނެވެ. ވަތްގޮތަށް އޭނަގެ ކޮޓަރިއަށް ހަލުވިކަމާއިއެކު އައިސްވަނެވެ. ޝިމާދު އާއި ޖޫންގެ ދެވަނަ ދަރިފުޅަށް ޖޫން ބަލިވެއިންކަން އޭނަ ހާމަކުރިއެވެ. އިތުރު އުފާވެރިކަމެއް ހުރިހާ މެންބަރުންނަށްވެސް ލިބިގެންދިޔައެވެ. އެދެމަފިރިން އެކަނިވެލުމަށް ވަގުތުކޮޅެއް ދެމުން ޖެނީ އާއި މަންހާ ނުކުތެވެ.

"ޖެނީ، އަހަރެން ވާހަކައެއް އަހާލަންތަ" މަންހާ ވަރަށް ނުކެރިފައިހުރެ އަހާލިއެވެ.

"އެނގޭ އަހަންތިއުޅެނީ ކޮންވާހަކައެއްކަން، ވިޝާލް ހުރީ ހެޔޮހާލުގަ، އޭނައަށް އެއްވެސް ކަމެއް ނޭނގޭނެ، އޭނަގެ ކޯސް ނިމޭނީ އަންނަ އަހަރު...........ވިޝާލްއަށް ކިހިނެއްތަވީ، އޭނަ ކޯހުގަ ބައިވެރިނުވާންވެގެން ވަރަށް ވަރުދެއްކި، ދެން ކުއްލިއަކަށް އެއްދުވަހު އޮފީހުން އައިސްފަ މަންމަ ގާތު ބުނެފި ތިމަންނަ ފުރަންށޯ މިއުޅެނީ، އޮފީހުން ދިން ފުރުޞަތު ގަބޫލުކުރިއްޔޯ.........ހަމަކުއްލިއަކަށް ފުރައިގެން އެދިޔައީ، މާގިނައިން ފޯނުކޮށެއްވެސް ނުހަދާ.............އެހެންވެ މަންކޮއަށް ދޭނެ މާބޮޑު ޚަބަރެއްނެތް............ސޮރީ........." ޖެނީ ބުނެލިއެވެ.

"އެހެންތަ.........ރަނގަޅުތާ އޭނަ ކޯހަށް ދިޔަކަން، އެހެންވީމަ ދެން ދިމާވާނީ ކޯހުން އައިމަތާ.........އަހަރެން އޭނަ ގާތު ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަތައް އެބަހުރި، ވަރަށް ހަނދާންވޭ އޭނަ މަތިން.........އެނގޭތަ، އަހަންނާ ކުޑަކޮށް ދެބަސްވެފަ ފުރައިގެން އެދިޔައީ، އެހެންވެ އެކަމާ ހެދިވެސް ވިޝާލްގެ މަތިން ވަކިން ބޮޑަށް ހަނދާންވޭ، އެކަމާ ގުޅިގެންކަންނޭގެ ނުގުޅަން އެހުންނަނީ" މަންހާ ދެރަވެފައި ބުނެލިއެވެ.

"ނަންބަރު އޮންނާނެ، ގުޅަންވީނު ވިޝާލްއަށް........" ޖެނީ އަވަސް އަވަހަށް ބުނެލިއެވެ.

"ނޫނޭ، އޭނަ މާލެ އައިމަ ވާހަކަދައްކާނީ، އޭރުން ރަނގަޅުވާނީ...............ދެން ބުނެބަލަ، މެރީކުރަން އުޅެފަ ކިހިނެއްތަވީ" މަންހާ އަހާލިއެވެ.

"މެރީ ދޯ.............ދެން އިރާދަކުރެއްވިއްޔާ އެންމެ އަވަހަށް ކުރާނީ ތިކަންތައް، ޝަރަފް އުފަލުން ދެފައި އެއްތާ ނުޖަހާ.........އެބަފެނެއެއްނު މަންކޮ އައީމަ އޭނަ އުޅޭގޮތް..............ބައްޕަ ގާތު މިހާ އަވަހަށް ބުނެފި ކައިވެނި އަވަސް ކުރަންވީއޯ..........އެކަމަކު އަދިވެސް ވަރަށް ގިނަ ކަންތައްތައް އެބަހުރި ކުރަންޖެހޭ، ހީވަނީ އަންނަ އަހަރުހެން" ޖެނީ ހެމުން ވާހަކަދެއްކިއެވެ.

މިދުނިޔެ އެކިމީހުންނަށް ދައްކަނީ އެކި ކުލަވަރެވެ. ކޮންމެ މީހެއްގެ ތަޤްދީރުގައި ލިޔެވައިވާގޮތަށް ނޫނީ އެއްވެސް ކަމެއް ނުވާނެއެވެ. ކުރާ ތަދުބީރާއެއްގޮތަށް ހުރިހާކަމެއް ކުރުމުގެ ކުޅަދާނަކަން އެއްވެސް އިންސާނަކަށް ލިބިފައެވެނުވެއެވެ. ކޮންމެ ހާލެއްގަވެސް ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރެއެވެ. އަނދިރިކަމުގެ ތެރެއިން އަލިކަމާ ހަމައަށް ވާޞިލްވެވެނީ ވަރަށް ކެތްތެރިވާފަހުންނެވެ. ލޮލުން އެތަކެއް ކަރުނައެއް އޮހޮރޭފަހުންނެވެ. އެހެންނަމަވެސް ދުނިޔޭގެ އުސޫލާ ހިލާފުވެވޭނޭ ހަމައެކަކުވެސް ނެތެވެ. ކޮންމެ ހިތްދަތިކަމަކަށްފަހު އުފާވެރި ބަހާރު މޫސުމަކަށް އިންތިޒާރު ކުރެއެވެ.

ދާއިން ވަރީގެ ސެޓުފިކެޓަށް ބަލަންހުރެފައި ލިޔެކިޔުންތައް ލާފައި ހުންނަ ކަބަޑުގެތެރެއަށް އޭތިލިއެވެ. އަދި އެނބުރި ރީތިވާ މޭޒުގެ ދޮށުގައި އިން މަންހާއަށް ބަލާލިއެވެ.

"ކޮބާ ނުނިމޭތަ" ދާއިން ހިނިތުންވެލަމުން އަހާލިއެވެ.

"ނޫން މިނިމުނީ" މަންހާ ތެދުވެލަމުން ބުނެލިއެވެ. އަދި ހިނިތުންވެލަމުން ލައިގެން ހުރި ޓޮޕުކޮޅުގައި އަތްހާކާލިއެވެ. އޭރު ބޮޑު އެނދުގެ މެދުގައި އިށީނދެލައިގެން ކުޅެންއިން ނެހާ އުރާލަން މަންހާ އުޅުނުވަގުތު ދާއިން އޭނަގެ އަތުގައި ހިފާލިއެވެ. ދާއިން ޒާރާ ވަރިކުރިފަހުން އެއްއަހަރު ހޭދަވެގެން ހިނގައްޖެއެވެ. އޭނަގެ އެއްވެސް ޚަބަރެއް ދާއިންއަށް ނުވެއެވެ. އޭގެ އިތުރުން ޒާރާ އާއި މަގެއްގެ މަތިންވެސް ދިމާނުވެއެވެ. ދާއިންގެ ދެމަފިރިންނަށްވެސް ދެވަނަ ކުއްޖަކު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރު ލިބުނުތާ ފަސްމަސް ވެއްޖެއެވެ.

"އަދިވެސް ހާދަ ލޯތްބޭ.........މިކުޑަކުޑަ ބަނޑާއިއެކު ވަކިން ލޯބިހެން ހީވޭ" ދާއިން މަންހާ އޭނަގެ އަތުގެތެރޭ ހިފަހައްޓާލައިގެން ހުރެ ބުނެލިއެވެ.

"ދާއިންވެސް ބަދަލެއްނުވަމެއްނު............ދެން ދޫކޮއްލާ، ޕްލީޒް..........މަންމަމެން މިހާރު ތިބޭނެ ލަސްވެފަ" މަންހާ ދާއިންގެ އަތުގެތެރެއިން ދުރަށްޖެހިލަން މަސައްކަތް ކުރަމުން ބުނެލިއެވެ. ހީނލާފައި ދާއިން މަންހާ ދޫކޮއްލިއެވެ.

"މަން، ތިހާލުގަ ނެހާ އުރަނީ ކީއްކުރަން، އަހަރެން މިހުރީނު.............ހުރިހާކަމެއް ކޮއްދޭނަން، މަން ހާސްނުވެބަލަ........." މިހެންބުނެ ދާއިން ނެހާ އެނދުން ބޭލުވިއެވެ.

ދެމަފިރިން އެކުގައި ދާއިންގެ ޚިއްސާ އޮންނަ ރިސޯޓުގެ އަތިރިމައްޗަށް ނުކުތީ ނެހާވެސް ގޮވައިގެންނެވެ. އެތަނުގައި ކޮޅުކޮޅަށް ދުވެދުވެފައި މީހުންތައް އުޅެއެވެ. ވައިޓަރުންނާއި އައިލާގެ މެންބަރުންނާއި ތިމާގެ މީހުންނާއި ރައްޓެހި ރަޙުމަތްތެރިންނެވެ. އެންމެ ފަހުން ޝަރަފް އާއި ޖެނީގެ ކައިވެނި ކުރެވެނީއެވެ. އެކައިވެނި ހަފްލާ ކުރިއަށްދިޔައީ ރިސޯޓުގައެވެ. އެއީ ދާއިން އާއި މަންހާގެ ފަރާތުން ޝަރަފް އާއި ޖެނީއަށް ދިން ހަދިޔާއެވެ. އުޑުންފައިބާ ހުރި ޕަރީއެއްހެން ނޫނީ ކަނޑުން އަރާހުރި ކަނޑުޕަރީއެއްފަދައިން ޖެނީ ކައިވެނި ހެނދުމުގައި ހުއްޓައި މަންހާއަށް ފެނިއްޖެއެވެ. އެންމެންވެސް ތަނުގެ ފުރިހަމަކަމާ ގުޅިގެން ތައުރީފު ކުރަމުންދިޔައީ މަންހާ އާއި ދާއިން އަށެވެ. އެދެމަފިރިންގެ ފަރުމާކުރުމުގެ ހުނަރަށެވެ. އެހެންނަމަވެސް މަންހާގެ ލޯ ހޯދަމުން ދިޔައީ އެހެންފަރާތެކެވެ. ޔަގީނުންވެސް އެކައިވެންޏަށް އެމީހަކު އަންނާނެ ކަން ޔަގީންވެހުރެއެވެ. މުޅިދުވަހު އޭނަ ދެކިލުމުގެ ފުރުޞަތު ނުލިބުނު ކަމުގައި ވިޔަސް އެރޭގެ ކައިވެނި ހަފްލާގައި ފެންނާނެ ކަމުގެ އުއްމީދާއެކުގައެވެ.

"މަން ތިހޯދާ މީހާ އެހެރީ............." ދާއިން މަންހާގެ ކަންފަތް ކައިރީ ބުނެލިއެވެ. ވަގުތުން މަންހާއަށް ދާއިން އާއި ދިމާލަށް ބަލާލެވުނެވެ. އަދި ހިނިތުންވެލެވުނެވެ. އެހިނދު ދާއިން ނެހާ އުރާލައިގެން ހުރެ މަންހާއަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލާފައި ބޯޖަހާލީ ދާށޭ ބުނާފަދަ ގޮތަކަށެވެ. ހިނިތުންވެލައިގެން ހުރި މަންހާ ދާއިންގެ ގައިގާ ބައްދާލިއެވެ. އަދި އަރައިގެން ހުރި ތިރިތިރި ފައިވަން އަތަށް ނަގަމުން އަނެއްއަތުން ލައިގެން ހުރި ދިގު ހެދުން ހިއްލާލުމާއިއެކު ބަނޑުގައިވެސް ހިފަހައްޓާލައިގެން މަޑު ދުވުމަކުން ދުއްވައިގަތެވެ.

"ބަލައިގެން..........ބަލައިގެން............." ދާއިންއަށް ބުނެލެވުނެވެ.

"އާން............އާން............." މަންހާ ފަސްއެނބުރި ބަލާލަމުން ހެވިފައި ބުނެލިއެވެ. އަދި އަތަރިމަތީ ރާޅުޖަހާ ހިސާބުގައި ބޯންނެގި ތަށިހިފަހައްޓާލައިގެން މީހުންނާ ވަކިން ދުރުގައި ހުރި ޒުވާނާގެ ގާތަށް މަންހާ އައެވެ. އެޒުވާނާގެ ފަޓުލޫނުގެ ފައިކުރި ކަށިމައްޗާ ހަމައަށް އޮޅާލެވިފައިވާއިރު އިރުއިރުކޮޅާ ކުދި ކުދި ރާޅުއައިސް އެދެފައިތިލާގައި ބޮސްދީފައި ލަދުން ފިލައެވެ. އެހެންނަމަވެސް އޭނަގެ ނަޒަރު ހުއްޓިފައިވަނީ މަތީގައި ބުރުހަމަވެފައިވާ ހަނދަށެވެ. އޭގެ އަލިން އެންމެންގެ ހިތްތައް އުފާކޮއްދެމުންދިޔައެވެ. ނަމަވެސް އެހަނދުން އެޒުވާނާ ހޯދަނީ ކޮންކަމެއްކަން ނޭގުނެވެ. އެމޫނުމަތީގައި ހިތްހަހަމަޖެހުމުގެ ހިނިތުންވުމެއްނުވެއެވެ.

"ވިޝާލް.........." މަންހާ ފުންނޭވާއަކާއިއެކު ގޮވާލިއެވެ. ސިހިފައި ކުއްލިއަކަށް ވިޝާލްއަށް އަޑުއައިދިމާލަށް ބަލާލެވުނެވެ. އެހެންނަމަވެސް އޭނަ މޫނު އަނބުރާލަމުން ދުރަށް ފެތުރިފައި އޮތް ކަނޑަށް ނަޒަރު ހިންގާލިއެވެ.

"އަދިވެސް ރުޅިއައިސްފަތަ..........އައެމް ސޮރީ........މާފުކޮއްދީބަލަ، ޕްލީޒް.........ވިޝާލް، ތިހެން މޫނު އަނބުރާނުލާބަލަ...........އަހަންނަށް ތިފަދަ ރަޙުމަތްތެރިއަކު ނުލިބޭނެ........." މަންހާ އޭނަގެ އަތުގައި އޮތް ފައިވާނާއެކު ދެއަތްޖޯޑުކޮއްލިއެވެ. މާފަށް އެދެމުންނެނެވެ. ވިޝާލް މަންހާއަށް ބަލާލިއެވެ. އޭރުވެސް މަންހާ މާފުކުރުމަށް އެދެމުންދިޔައެވެ.

"މާފުކޮއްފިން..........." ވިޝާލް މަންހާގެ ޖޯޑުކޮއްލެވިފައިވާ އަތްތިރިކޮއްލަމުން ބުނެލިއެވެ. އެއާއިއެކު މަންހާ އުފަލުން ހީނލިއެވެ. އަދި ނޭވާއަކަށްވެސް ނުހުއްޓި ހިތުގެ އިޙްސާސްތައް ބަންޑުންކޮއްލިއެވެ. މަންހާގެ އެހަރަކާތް ވިޝާލްގެ ތުންފަތަށްވެސް ހިނިތުންވުން ގެނުވައިފިއެވެ. މީގެ ދުވަސްތަކެއް ކުރިން ފެނުނު މަންހާ އާއި މިހާރު އޭނަގެ ކުރިމަތީ ހުރި މަންހާ ވަރަށް ތަފާތެވެ. ޔަގީނުންވެސް މަންހާ އެހުރީ އުފަލުންކަން ވިޝާލްއަށް ޔަގީންވެއެވެ.

"އަނެއްކާތަ........." ވިޝާލް މަންހާގެ ކުޑަކުޑަ ބަނޑުގައި އަތްޖައްސާލިއެވެ. އެއާއިއެކު މަންހާ ހެވިފައިހުރެ ބޯޖަހާލަމުން ވިޝާލްގެ އަތުގައި އަތްޖައްސާލިއެވެ. އަދި ދާއިން ހުރި ދިމާލަށް އިޝާރާތްކޮއްލިއެވެ. އެމަންޒަރުތައް ބަލަން ހިނިއައިސްފައި ދާއިން ހުއްޓެވެ. މަންހާ އޭނައަށް އައުމަށް އިޝާރާތްކޮއްލުމާއިއެކު ނެހާ ގޮވައިގެން ދާއިން ހިނގައިގަތެވެ.

"އަހަންނަށް މާފުކުރޭ، ވިޝާލްގެ ވާހަކަތައް އެދުވަހު ގަބޫލުނުކުރެވުނީތީ.........." ދާއިން އޭނައަށް ކުރެވުނު ކަންތަކާއިމެދު ދެރަވެފައި ހުރިކަން އޭނަ ބުނިގޮތުންވެސް ވިޝާލްއަށް އެނގުނެވެ.

"އިޓްސް އޯކޭ.......އެއީ މާޒީކަމުގައި ދެކި މާޒީއަށް އެކަން ދޫކޮއްލައިފިން، މަންހާ އުފަލުގަ ހުރިތަންފެނިފަ އަދި ދާއިން މަންހާ އާއިއެކު އުޅޭތަން ފެނުމުން އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ...........އެކަމަކު ބުނަން، ދެކުދިން ލިބުނަސް ހެޔޮ، ދާއިން މަންހާއަށް ދެވަނަ ފަހަރަށް އެފަދަ ކަމެއްކޮއްފިއްޔާ އަހަރެން މަޑަކުން ނުހުންނާނަން އެނގޭ............" މިހެންބުނެ ވިޝާލް ހޭންފެށިއެވެ. އެއާއިއެކު ދާއިން އާއި މަންހާވެސް ހޭންފެށިއެވެ.

"ދާއިން........." ޒައުލް ގޮވާލިއަޑުއިވުނެވެ.

"އެބަ އަންނަން........" ދާއިން މަންހާގެ އުނަގަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. އަދި ވިޝާލްއަށް ލޮލުގެ އިޝާރާތުން ހިނިތުންވެލަމުން ދަނީއޭބުނެ ޒައުލް އާއި ޝަފާގެ ގާތަށް ހިނގައިގަތެވެ. ޒައުލް އާއި ޝަފާގެ ކައިވެނިވެސްވަނީ ކުރެވިފައެވެ. ފުރަތަމަ ފަހަރަށް ޒައުލް ކުރެވުނު ކައިވެންޏާއިމެދު އުފަލުން ހުރިކަން ދާއިންއަށް އެނގުނެވެ. އެކަމާ އޭނަ އުފާކުރިއެވެ.

ނުދަންނަ އަޑަކުން އަންހެން ކުއްޖަކު މަންހާއަށް ގޮވާލިއެވެ. އެހިނދު މަންހާ އޭނަގެ ކައިރީގައި ހުއްޓުނު ބޭރު އަންހެން ކުއްޖާއަށް ބަލާލިއެވެ.

"ވާވު، ޔޫ ރިއަލީ ލުކްލައިކް އަ ބިއުޓީ ކުއީން........." އެއަންހެން ކުއްޖާ ހިނިއައިސްފައި ހުރެ އިނގިރޭސި ބަހުން ވާހަކަދެއްކިއެވެ. އޭނައަށް އެއްވެސް ވަރަކަށް ދިވެހި ނޭނގޭކަން މަންހާއަށް އެނގުނެވެ.

"ސޮރީ.........." މަންހާއަށް ހައިރާންކަމާއިއެކު ބުނެލެވުނެވެ.

"އައިއެމް ލިންޑާ، އައި ހާޑް އަލޮޓް އަބައުޓް ޔޫ...........ޔޫ ލުކް ސޯ ބިއުޓިފުލް" ލިންޑާ ބުނެލިއެވެ. މަންހާ ހައިރާންވެފައި ހުރެ އެއަންހެން ކުއްޖާ އާއި ވާހަކަދެއްކިއެވެ. ކާކުކަން ނޭނގި ހުރެއެވެ.

"ތެންކިއު، ބަޓް...............ހޫ ޓޯލްޑް ޔޫ އަބައުޓް މީ" މަންހާ ބުންޏެވެ. އެހިނދު ލިންޑާ ބަލާލީ ވިޝާލްއަށެވެ. ހިނިއައިސްފައި ހުރި ވިޝާލް ލިންޑާގެ އަތުގައި ހިފިއެވެ. މަންހާއަށް ގަބޫލުކުރަން ދަތިވިއެވެ. ލިބުނު ޝޮކުން ހުޅުވުނު އަނގައިގާ އަތްއަޅާލެވުނެވެ.

"ޔޫ އެންޑް ލިންޑާ.......އޯ މައި ގޯޑް........."ހިނިއައިސްފައި މަންހާ އަހާލިއެވެ. ވިޝާލް ބޯޖަހާލަމުން އާއެކޭ ބުނެލިއެވެ.

"ކޮންގްރެޓްސް..........." މަންހާ ލިންޑާއަށް ސަލާމްކޮއްލަން އަތްދިއްކޮލުމުން އޭނަ ދެއަތްހުޅުވާލާފައި މަންހާ އާއި ކަރާކަރުޖައްސާ ސަލާމްކޮއްލިއެވެ.

"އެކަމަކު އަހަރެން ދުވަހަކުވެސް މަންހާމަތިން ހަނދާނެއްނުނެތޭނެ، އަހަރެން މަންހާ އާއި ދުރަކަށްވެސް ދެންނުދާނަން، އަބަދުވެސް ވާނުވާ ބަލާނަން........މުޅިއުމުރުގަ އެކަނިވެރިއެއްގެ ގޮތުގައިހުރެ ދުނިޔޭން ނިމިދިއުން އެއީ މޮޔައިން ކުރާކަމެއް، ލޯބިވާ މީހާ ނުލިބުނަސް...............އެހެންމީހަކާ ގުޅި ދިރިއުޅުމާއިގެން ކުރިއަށް ދާންއެބަޖެހޭ، އެއީ ރަނގަޅުގޮތްކަމުގައި ވާތީ.......އޭގެ މާނައަކީ އޭނަގެ ހިތުން އެލޯބި ފޮހެވިގެން ދިޔައީކީއެއްނޫން.........އެހެންނު" ވިޝާލް ބުނެލިއެވެ. އޭނަގެ އަތުގެތެރޭގައި ލިންޑާ ހުރިކަމަކު ވިޝާލް ބުނިއެއްޗެއް ލިންޑާއަކަށް ދޭހައެއްނުވާނެކަން މަންހާއަށް އެނގުނެވެ. ލިންޑާ ހުއްޓަ އޭނަ ދިވެހިބަހުން ވާހަކަދެއްކީ އެއީ ކޮންމެހެން މަންހާއަށްޓަކައި ބުނިއެއްޗެއްކަމުގައި ވާތީކަން އޭނައަށް އެނގުނެވެ އެހެންވެ ހިނިތުންވެލައިގެން ހުރެ މަންހާ ވިޝާލްއަށް ބަލާލިއެވެ.

ޕާޓީގެ ހުރިހާކަމެއް ނިމި މީހުންމަދުވެފައިއެވެ. އޮއްސެމުންދިޔަ ހަނދުގެ ރީތިއަލިން އަދިއެއްފަހަރު އުފާހޯދުމަށް މަންހާގެ ހިތް އެދުމުން އެކަނިމާއެކަނި އަތިރިމަތީ ހުއްޓިލައިގެންހުއްޓެވެ. ކޮޓަރީގައި ނެހާ ބާއްވާލުމަށްފަހު ދާއިން ނުކުތީ މަންހާވީ ތަނެއްހޯދުމަށެވެ. ވަކި ހިސާބަށް ދިޔަތަނާހެން މައްޗަށް ބަލަހައްޓައިގެން އެކަނިހުރި އަންހެން ކުއްޖަކު ދާއިންގެ ލޮލުގައި އަޅައިގަތެވެ. ލައިގެން ހުރި ދިގު ހެދުން ވަޔާއިއެކު ވިހުރިވެމުންދާއިރު އެއަންހެން ކުއްޖާގެ ދިގު ފަންއިސްތަށިގަނޑުވެސް މިނިވަންކަމާއިއެކު ނަށަމުންދިޔައެވެ. ދާއިނަށް އެއީ އޭނަގެ މަންހާކަން ޔަގީންވިއެވެ. ދުވެފައި މަންހާގެ ގާތަށް ދިޔައެވެ. ދެތިން ފިޔަވަޅު ދުރުގައި ދާއިން އައިސް މަޑުކޮއްލުމާއިއެކު އޭނަ ޖަހާފައިވާ ސެންޓުގެ ވަސް މަންހާގެ ނޭފަތުގައި ޖެހުނެވެ. އެއާއިއެކު އޭނަގެ ދެލޯމަރާލެވުނެވެ. އުފަލުން އޭނަގެ ހިތް ބަންޑުންވަނީއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އޭނައަށް ހައްގުބާއޭވެސް ހިތަށް އަރައެވެ. ތުންފަތަށް ވެރިވި ނިމުމެއްނެތް ހިނިތުންވުމާއިއެކު އޭނައަށް ދާއިން އޭނަގެ ގާތަށް އަންނަކަން އެނގުނެވެ. އެހިނދު އެރީތި އަޑުން ލަވަކިޔަންފެށިއެވެ.

"ބޭނުންވަނީ ޔާރާ......ލޯބިން ބަލާ ލީމާ، ހީވޭ އިނގޭ ގާތަށް މަގޭ އާދެ ކަލާ...........ބޭނުންވަނީ ޔާރާ..........." އެރީތި އަޑުން އިތުރު ފުރިހަމަކަމެއް ގެނެސްދީފިއެވެ. ދާއިންއަށް މަންހާގެ އަޑުއިވިފައި ހުއްޓުން އެރިއެވެ. މިނޫނީ ދުވަހަކުވެސް ދާއިން މަންހާ ލަވަކިޔާ އަޑެއް ނާހައެވެ. ކޮންފަދަ ހިތްގައިމު ރީތި އަޑެއްހެއްޔެވެ. އޭނަގެ ހަށިގަނޑުގެ ކޮންމެ ނާރަކާ މަންހާގެ އަޑު ކުޅެލިކަހަލައެވެ. މަޑުމަޑުން ގޮސް މަންހާގެ ފުރަގަހުން ބައްދާލިއެވެ.

"އައި ލަވް ޔޫ............އަހަންނަށް ލަވަކިޔާދޭކަށް ނޭނގޭނެ، އެކަމަކު އަހަރެންގެ ވެރިފަރާތް ދެނެވޮޑިގެންވާނެ އަހަރެން މަންހާދެކެ ވާލޯބީގެ ސާފުކަމާ ތެދުވެރިކަން............ދުވަހަކުވެސް މަންހާ އާއި ވަތްކެއްނުވާނަން، ވަރަށް ލޯބިވޭ........އިރާދަފުޅާއިއެކު ޖަންނަތުގެ ފޮނިމީރުކަންވެސް ލިބިގަންނާނީ މަންހާ އާއިއެކު، އަހަރެންގެ ލޯބިވާ އަނބިމީހާ އާއިއެކު.............ﷲ އަހަންނަށް މިންވަރުކުރައްވާފައި މިވަނީ އަގުބޮޑު މާވަހަރެއް...........އެކަމަށް ޝުކުވެރިވަން........ދުވަހަކުވެސް އަހަރެން ދޫކޮއްލާފަ މަންހާ ނުދައްޗޭ" ދާއިން މަންހާގެ ކޯތާފަތުގައި ބޮސްދިނެވެ. އަދި މިދުނިޔެއަށް އުފަންނުވާ އޭނަގެ ދަރިފުޅު އޮތް މަންހާގެ ބަނޑުގައި ފިރުމާލީ ލޯބިންނެވެ. އެއުފާވެރިކަން މުޅިއުމުރަށް ދަމަހައްޓަވާދެއްވުމަށް ވެރިރަސްކަލާނގެއަށް ހިތާހިތާ ދުޢާކުރަމުންނެވެ.

---- ނިމުނީ ----