ލައިފްސްޓައިލް

ބޮލަށް ލިބުނު އަނިޔާއަކަށްފަހު މީހެއްގެ ބޮލުން ދަޅެއް ފަޅައިފި

ބޮލަށް ލިބުނު އަނިޔާއަކަށް ފަހު ޖެހުނު ބައްޔެއްގެ ސަބަބުން އިންޑިއާގެ 74 އަހަރުގެ ފިރިހެނެއްގެ ބޮލު މެދުން ދަޅެއް ފަޅައިފި އެވެ. މަދްޔަޕްރަދޭޝްގެ ރަހްލީ އަވަށަށް ނިސްބަތްވާ މި މީހާގެ ބޮލުން ދަޅު ނެގުމަށް މިހާރު ވަނީ ސާޖަރީއެއް ހަދާފަ އެވެ.

ޝާމް ލާލް ޔާދަވް ނަމަކަށް ކިޔާ މި މީހާގެ ބޮލަށް އަނިޔާވީ މީގެ އަހަރުތަކެއް ކުރިންނެވެ. އަނިޔާއަށް ފަހު ދަޅު މަޑުމަޑުން ހެދި ބޮޑުވާން ފެށީ އެވެ. ބޮލުގައި ދަޅެއް އިނުމަކީ ހައިރާންވާ ކަހަލަ ކަމަކަށް ވިޔަސް ފަހުން ފަހުން އައިސް މި މީހާ އެކަމަކާ އެހާ ބޮޑަކަށް އަޅައެއް ނުލަ އެވެ. ނަމަވެސް އަމިއްލައަށް އޭގެ ބައިތައް ކެނޑޭތޯ މަސައްކަތް ކުރެ އެވެ.

ދަޅު އުފެދުން ނުހުއްޓި މާ ބޮޑުވާތީ އެންމެ ފަހުން އެ އަވަށުގެ ޑޮކްޓަރަކަށް ދެއްކި އެވެ. ނަމަވެސް އޭނާގެ މައްސަލަ އެ ޑޮކްޓަރަށް ހައްލު ކޮށް ނުދެވުމުން ވަރަށް ދުރުގައި ހުރި ބޮޑު ހޮސްޕިޓަލަށް ގޮސް ދެއްކީ އެވެ. ސާޖަރީ ހަދައިގެން ދަޅު ނަގައިދިނީ އެ ހޮސްޕިޓަލުންނެވެ.

އެ ހޮސްޕިޓަލުންގެ ޑޮކްޓަރުން ބުނީ ޔާދަވް އަށް ދިމާވެފައިވާ މައްސަލައަކީ ސަބޭޝަން ހޯން ކިޔާ ބައްޔެއް ކަމަށެވެ. މި ބަލި ބޮޑަށް މަޝްހޫރީ "ޑެވިލްސް ހޯން" ގެ ނަމުންނެވެ. މިއީ މާގިނައިން އަވީގައި އުޅުމުން ހަންގަނޑަށް ޖެހޭ ބައްޔެއް ކަމަށެވެ.

ޔާދަވްގެ އޮޕަރޭޝަން ކޮށްދިން ޑޮކްޓަރު ވިދާޅުވީ އެކްސްރޭ ނަގާފައި ބެލުމުން އެ ދަޅު އުފެދިފައި އިނީ ބޮލުގެ މާ ފުނުން ނޫންކަން ޔަގީންވި އެވެ. އަދި އެހާފަސޭހައިން ދަޅު ނެގުނީ އެހެންވެ އެވެ.

ޑޮކްޓަރުން ވިދާޅުވަނީ މިއީ އިންތިހާއަށް މަދުން ނޫނީ ފެންނަ ބައްޔަކަށް ނުވާތީ އިންޓަނޭޝަނަލް ޖާނަލް އޮފް ސާޖަރީގައި ޝާއިއުކުރުމަށް މި ކޭސް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.