ބޮލީވުޑް

ބޮލީވުޑްގައި ނަސްލީ ތަފާތުކުރުން ބޮޑު: ނަންދިތާ

ފިލްމު ޑައިރެކްޓަރު އަދި އެކްޓަރު ނަންދިތާ ދާސް އަށް ނަސްލީ ތަފާތު ކުރުމާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުނެވެ. އޭނާގެ ހަމުގެ ކުލަ ކަޅުވުމުންނެވެ. ނަންދިތާ ބުނި ގޮތުގައި އޭނާ ކަޅުވުމަކީ މައިންބަފައިންނަށް މައްސަލައަކަށް ނުވިޔަސް ފިލްމު އިންޑަސްޓްރީގެ މީހުންނަށް އެއީ ވަރަށް ބޮޑު މައްސަލައަކަށް ވިއެވެ.

ނަންދިތާ ބުނި ގޮތުގައި އިންޑިއާގެ އާބާދީގެ 90 ޕަސެންޓް މީހުންނަކީ ކަޅު މީހުންނަށް ވާއިރު މިފަދަ ތަފާތުކުރުންތައް ގެންގުޅުމާ ދެކޮޅަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހެ އެވެ. އެހާވެސް އެ ކަންތައްތައް އޮތީ ގޯސްކޮށެވެ،

"އެންމެންނަށް ވެސް ތަފާތުކުރުންތަކާ ކުރިމަތިވޭ. ޚާއްސަކޮށް ކަޅު މީހުންނަށް އިންޑަސްޓްރީގައި ވަރަށް ތަފާތު ކުރޭ،" ނަންދިތާ ބުންޏެވެ.

ނަންދިތާ ބުނީ އޭނާ ކަހަލަ މީހަކު ފިލްމަކަށް ނަގަންޏާ ނަގާނީ ވަރަށް ފަގީރު ނިކަމެއްޗެއްގެ ރޯލަށް ނުވަތަ ރަށްފުށުގެ ނާތަހުޒީބު މީހެއްގެ ރޯލަށެވެ. ތައުލީމީ މީހެއްގެ ރޯލު ކުޅެން ޖެހިއްޖިއްޔާ ހަންގަނޑު އަލިކުރަން ބުނާނެ އެވެ.

ނަންދިތާ މިހާރު ވަނީ "ޑާކް އިޒް ބިއުޓިފުލް" ކިޔާ ކެމްޕެއިނަކާ ގުޅިފަ އެވެ. އޭނާ ބުނީ ގައިގެ ހަމުގެ ކުލައަށް ބަލާފައި ތަފާތުކުރުން ގެންގުޅޭ ސަބަބު އޭނާއަށް ނުވިސްނޭ ކަމަށެވެ.

ނަންދިތާ ބުނި ގޮތުގައި ހަމުގެ ކުލައަށް ބަލާ މިންވަރު ފިލްމުތަކުގެ އިޝްތިހާރުތަކާއި އެކިއެކި ޕްރޮޑަކްޓްތަކުގެ އިޝްތިހާރުތަކަށް ބެލުމުން ވެސް ވަރަށް ބޮޑަށް ޔަގީންވާނެ އެވެ. ހުރިހާ އިޝްތިހާރުތަކަކުން ވެސް ފެންނަނީ ގައިގެ ހަން އަލި ކުދިންނެވެ.

ކަޅު މީހުންނާ މެދު ފިލްމު އިންޑަސްޓްރީ ދެކޭ ގޮތް ބަދަލުކުރުމަކީ ނަންދިތާމެންގެ ކެމްޕެއިންގެ އަމާޒު ނަމަވެސް މިހާތަނަށް މި ވިސްނުން ބަދަލުކުރުމުގައި އެމިހުންނަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ.

"ޕަރިނާތީ" ކިޔާ ފިލްމަކުން 1989 ގައި ފިލްމީ ދުނިޔެއަށް ވަން ނަންދިތާ ވަނީ "ފަޔާ"، "1947 އާތު"، "ހަޒާރް ޗައުރާސީ ކީމާ" ފަދަ މޮޅު ފިލްމުތައް ކުޅެ ގިނަ އެވޯޑްތައް ހޯދާފަ އެވެ. އަދި 2008 އިން ފެށިގެން އޭނާ ވަނީ ޑައިރެކްޓްކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އެގޮތުން "ފިރާގު"، އަދި ހިންދީ، އުރުދޫ އަދި ގުޖުރާތީ ބަހުން އޭނާ އުފެއްދި ފިލްމެކެވެ. "މެންޓޯ" އުފައްދާފައިވަނީ ހިންދީ އަދި އުރުދޫ ބަހުންނެވެ.