ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ކުރިމަތި ވަމުން އަންނަ ފާޑު ކިޔުންތަކަށް އޭނާ ޖަވާބު ދެއްވައިފި އެވެ.
ރެއާލްގެ ޓްރާންސްފާގެ ކަންކަމުގައި ކޯޗަށްވުރެ އިސްކޮށް ބަސް ކިޔާ މީހަކީ ޕެރޭޒް ކަމަށާއި ކޯޗަކު ބޭނުންވާ ޓްރާންސްފާއަށް ފެތޭ ކުޅުންތެރިން ރެއާލަށް ގެންދަން ހުރަސްތައް ކުރިމަތިވާ ކަމަށް ބުނެ މީޑިއާ އާއި ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ފާޑު ކިޔުންތައް ޕެރޭޒްއަށް ވަރަށް ބޮޑަށް ވަނީ އަމާޒު ވެފަ އެވެ.
ފުލު ޓައިމް ސިވިލް އިންޖިނިއަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ޕެރޭޒް ވިދާޅުވީ އޭނާއަށް ވެސް ފުޓްބޯޅައިން ކޮންމެވެސް ވަރެއް އެނގޭ ކަމަށެވެ.
"މީހުން ބުނާނެ އަހަންނަށް އެނގޭނީ ހިސާބު ނަންބަރޭ،" ސްޕެއިންގެ އެންމެ މަޝްހޫރު ކޮންސްޓަރަކްޝަން ކުންފުނި އޭސީއެސްގެ ޗެއާމަންގެ މަގާމުވެސް އަދާ ކުރައްވަމުން އަންނަ ޕެރޭޒް ވިދާޅުވި އެވެ. "އެކަމަކު އަހަންނަށް އެނގޭ ކޮންމެވެސް ވަރަކަށް ފުޓްބޯޅަ ވެސް."
އޭނާ ވިދާޅުވީ ރެއާލް މެޑްރިޑްގެ ރައީސް ކަމަށް އޭނާ ވަޑައިގެންނެވި އިރު އެ ކުލަބަށް ޔޫއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ނުކުރެވޭތާ 32 އަހަރު ވެފައިވާ ކަމަށެވެ. އަދި އޭރު ރެއާލް މެޑްރިޑް އޮތީ ޔޫރަޕްގެ ކުލަބު ރޭންކިންގެ 13 ވަނައިގައި ކަމަށެވެ. ގެނައި ބަދަލުތަކުން ޔޫރަޕްގެ ރޭންކިންގެ އެއް ވަނައަކީ އޭނާގެ ކުލަބު ކަމަށެވެ.
މިފަހަރު ރެއާލް މެޑްރިޑަށް ގެނައި ބައެއް ކުޅުންތެރިންނަކީ ކޯޗް ޒައިނުއްދީން ޒިދާންގެ ޕްލޭނަށް ނުފެތޭ ބައެއް ކުޅުންތެރިންކަން މީޑިއާއިން ފާހަގަ ކުރެ އެވެ. ޕެރޭޒް ވިދާޅުވީ ރެއާލް މެޑްރިޑްގައި ތިބީ ދުނިޔޭގެ ނިސްބަތުން ވެސް ތިބި އެންމެ މޮޅު 25 ކުޅުންތެރިން ކަމަށެވެ.
"އަހަރެމެންގެ މެޗުގެ އިންޓެންސިޓީ އަހަރެމެންނަށް ދެމެހެއްޓިއްޖެއްޔާ އަހަރެމެން މޮޅު ވާނެ، އެ ވަރިހަމަ ކޮންމެ ޓީމެއް އިދިކޮޅަށް ނުކުތް ނަމަވެސް." ޕެރޭޒް ވިދާޅުވި އެވެ.