ކުޅިވަރު

ޖޯޑާންގެ މޮޅު ގޯލުން ސެވިއްޔާ އެއް ވަނަ އަށް

މި ސީޒަންގައި ސެވިއްޔާ އާ ގުޅުނު ޖުއާން ޖޯޑާން، ޑިޕޯޓިވޯ އަލަވޭޒް ކޮޅަށް ވައްދާލި މޮޅު ގޯލުން 1-0 ން މެޗު ކާމިޔާބު ކޮށް ސެވިއްޔާ ސްޕެނިޝް ލީގްގެ ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

އެއިބާއިން ސެވިއްޔާއަށް ގުޅުނު ޖޯޑާން މެޗުގެ 37 ވަނަ މިނެޓްގައި ވައްދާލި މޮޅު ލަނޑަކީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑެކެވެ. ހިލޭ ޖެހުމަށް ހުރަސް އަޅަން އަލަވޭޒްގެ ކުޅުންތެރިން ފާރެއްހެން އެތުރިގެން ތިބިއިރު ޖޯޑާން ބޯޅަ ފޮނުވާލީ ކުޅުންތެރިންގެ ބޯމަތިން އޮއްސާލާފައި ގޯލްގެ އެތޭރޭގެ މަތީ ދާގަނޑަށެވެ. އަލަވޭޒްގެ ކީޕަރު ފެނާންޑޯ ޕަޗޭކޯ ވެސް ހުރީ ހަދާނެ ގޮތެއް ނޭންގިފަ އެވެ.

ދެ ވަނަ ހާފުގައި ސެވިއްޔާގެ ލޫކަސް އޮކްމްޕޯސް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭރިއާގެ ރޮނގު މަތިން ގޯލްގެ ދުރު ކަަނަށް އަމާޒުކޮށް އޭނާ ފޮނުވާލަން އުޅުނު ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެން ބޭރަށެވެ.

ސެވިއްޔާ އެއް ވަަނައިގައި އޮތީ 10 ޕޮއިންޓާއެކު އެވެ. ރޭގެ މެޗަކީ ރަށުން ބޭރުގައި އެ ޓީމުން ހޯދި ތިން ވަނަ މޮޅެވެ. ދެ ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ސެވިއްޔާ އެއް ވަނައިގައި އޮތުމަކީ އެއްވެސް ކަމެއް ދޭހަ ކޮށްދޭނެ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗް ހުލެން ލޮޕެޓެގީ ބުންޏެވެ.

"އަދި މުޅި ސީޒަން އޮތް ގޮތަށް ބާކީ އެބައޮތް، މިވަގުތު އެއް ވަނައިގައި އޮތުމުން އެއްވެސް ކަމެއް ދޭހަ ނުވޭ،"

ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގްގައި އަޒަރުބައިޖާންގެ ކަރަބާގް އާ ދެކޮޅަށް ނުކުންނަ ލޮޕެޓެގީ ބުންޏެވެ. "އެއް ވަނައިގައި އޮތުމުގެ މާނައަކީ ޓީމު ރަނގަޅަށް އެބަ މަސައްކަތް ކުރެޔޭ، އަޒަރުބައިޖާނަށް ދިއުމުގެ ކުރިން އަހަރެމެން ޖެހޭނެ ކަންކަން ރަނގަޅު ކުރަން، އެއީ އެތަނުގައި އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ."

ރޭ ޓީމަށް ދެއްކި ދެ ރަތް ކާޑާއެކު ނުވަ ކުޅުންތެރިންނާއެކު ކުޅުނު ރެއާލް ބެޓިސް ވަނީ ގެޓަފޭއާ ދެކޮޅަށް 1-1 ން މެޗު އެއްވަރު ކޮށްފަ އެވެ.