ހަބަރު

ފެންގަނޑަށް ވެއްޓުނު ކުއްޖާ އަދިވެސް ވެންޓިލޭޓަރުގައި

ލ. ގަމުގެ ގެއެއްގައި ހަދާފައިވާ މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވި ކުޑަކުއްޖާގެ ހާލު އަދިވެސް ދެރަ ކަމަށާއި މިހާރު ވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ޔުނިޓުން އިސްމާއީލް އަހްމަދު ވިދާޅުވީ އެ ކުޑަ ކުއްޖާގެ ހާލަތަށް އަދި ބަދަލެއް ނާންނަ ކަމަށެވެ. މިހާރު ވެސް އެ ކުއްޖާއަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައި ބާއްވައިގެން ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ.

އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖާ ފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވީ މިދިޔަ ހޮނިހިރު ދުވަހު ހަވީރެވެ. އޭނާގެ ހާލަ ދެރަވުމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައީ މިދިއަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

ކުޑަކުއްޖާ ވެއްޓުނު ފެންގަނޑަކީ ވަށައިގެން އެޅިގަލުން ރަނާފައިވާ މަސް ފެންގަނޑެއް ނަމަވަވެސް އެއީ ހިސާބަކަށް ފުން ފެންގަނޑެކެވެ.