ހަބަރު

ފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލަތަށް ބަދަލެއް ނާދޭ: އައިޖީއެމްއެޗް

ލ. ގަމުގެ ގެއެއްގައި ހަދާފައިވާ މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްގައި ފަރުދާ ހޯދަމުންދާ ކުއްޖާގެ ހާލަތަށް އަދިވެސް ބަދަލެއް ނާންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ޔުނިޓުން އިސްމާއީލް އަހްމަދު ވިދާޅުވީ އެ ކުޑަކުއްޖާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. މިހާރު ވެސް އެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ބާއްވައިގެން ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ.

"އެކަމު މިއަދުގެ ވަގުތެއްގައި ވަނީ އެމްއާރުއައިއެއް ހަދާފައި، އޭގެ ނަތީޖާ ލިބުނީމަ ދެން ވަކި އެއްޗެއް ދަންނަވަން އެނގޭނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖާ ފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވީ މިދިޔަ ހޮނިހިރު ދުވަހު ހަވީރެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުދާ ދިނުމަށްފަހު، ހާލު އިތުރަށް ގޯސްވެގެން ހަމަ އެ ރޭ މާލެއަށް ގެނެސް ފަރުވާ ދޭން ފެށި އެވެ.

ކުޑަކުއްޖާ ވެއްޓުނު ފެންގަނޑަކީ ވަށައިގެން އެޅިގަލުން ރަނާފައިވާ މަސް ފެންގަނޑެއް ނަމަވެސް އެއީ ހިސާބަކަށް ފުން ފެންގަނޑެކެވެ.