ލ. ގަމުގެ ގެއެއްގައި ހަދާފައިވާ މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްގައި ފަރުދާ ހޯދަމުންދާ ކުޑަ ކުއްޖާ އަދިވެސް ހޭ ނާރާ ކަމަށާއި އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ ޔުނިޓުން އިސްމާއީލް އަހްމަދު ވިދާޅުވީ މިއަދު އެންމެ ފަހުން ބެލިއިރު ވެސް އެ ކުއްޖާ އަދި ވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ބާއްވައިގެން ވެންޓިލޭޓަރުގެ އެހީގަ އެވެ. މީގެ 10 ދުވަސް ކުރިން އައިޖީއެމްއެޗްގައި ބާއްވައިގެން ފަރުވާ ދެމުންދާ އެ ކުއްޖާގެ ހާލަތަށް އަދިވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖާ ފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވީ މި މަހުގެ 14 ވަނަ ދުވަހުގަ އެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުދާ ދިނުމަށްފަހު، ހާލު އިތުރަށް ގޯސްވެގެން އެ ރޭ މާލެއަށް ގެނެސް ފަރުވާ ދޭން ފެށި އެވެ.
ކުޑަކުއްޖާ ވެއްޓުނު ފެންގަނޑަކީ ވަށައިގެން އެޅިގަލުން ރަނާފައިވާ މަސް ފެންގަނޑެއް ނަމަވެސް އެއީ ހިސާބަކަށް ފުން ފެންގަނޑެކެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފެންގަނޑުގައި އޮއްވައި ފެނުނީ އޭނާ ނުފެނިގެން ހޯދަމުންދާތާ ގަޑިއެއްހާއިރު ފަހުން އޭނާގެ މާމައަށެވެ.