ބޭރު ކުޅިވަރު

70 މިލިއަން ޕައުންޑް ހަރަދުކޮށް ރޮޖާސް ކަނޑިއެއްގެ މިޔަމަތީގައި

Aug 6, 2015

މާދަމާ ނޫން އަނެއް ދުވަހު އިނގިރޭސި ޕްރެމިއާ ލީގުގެ އާސީޒަން ފަށާއިރު ހުރިހާ ކުލަބުތަކެއް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. މިހާތަނަށް ލީގުގެ 20 ޓީމުން ކުޅުންތެރިން ގަތުމަށް ކުރި ހޭދަ 500 ޕައުންޑް ފަހަނައަޅާފައިވާއިރު ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ވަނީ 70 މިލިއަން ޕައުންޑަށްވުރެ ގިނައިން ހަރަދުކޮށްފަ އެވެ. ސުވާލަކީ މިހޭދަތަކާއެކު އޭނާގެ ވަޒީފާ ސަލާމަތް ކުރެވިދާނެ ހެއްޔެވެ؟

ލިވަޕޫލަކީ އިނގިރޭސި އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެއް ކުލަބެވެ. ނަމަވެސް ފަހަކަށް އައިސް ކާމިޔާބު ނުލިބޭތީވެ ޓީމުގައި ތިބި މޮޅު ކުޅުންތެރިން ވަނީ ޔޫރަޕުގެ ބޮޑެތި އެހެން ކުލަބުތަކަށް ގޮސްފަ އެވެ. ފަސް އަހަރަށް ފަހު ޗެމްޕިއަންސް ލީގުން މިދިޔަ ސީޒަނުގައި ޖާގަ ލިބުނު ނަމަވެސް ގްރޫޕް ސްޓޭޖުން ފޭލްވީ އެވެ. ކުރީ ސީޒަނުގައި ޕްރެމިއާ ލީގުގެ ތަށި ހޯދުމާ ވަރަށް ގާތަށް ދިޔަ ނަމަވެސް މިދިޔަ ސީޒަނުގައި ވަނީ އަނެއްކާ ވެސް ގަދަ ހަތަރަކުން ކަޓާފަ އެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ލިވަޕޫލުން މިދިޔަ ސީޒަނަށް ފަހު ރޮޖާސް ވަކިނުކުރީ އެކުލަބުން ބޭނުންވާފަދަ މޮޅު ކޯޗަކު އެވަގުތު ލިބެން ނެތުމުންނެވެ. ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑުން ވަކިވި ކޯޗު ޖާގަން ކްލޮޕް އާއި އަޔެކްސްގެ ކޯޗު ފްރޭންޑް ޑިބޯ ފަދަ ކޯޗުން އެއިރު ތިބީ ޓީމާ ހަވާލުވާގޮތަކަށްނޫނެވެ. ނަމަވެސް މިހާރު މަންޒަރު ބަދަލުވެފައިވާތީވެ ރޮޖާސް އަށް ނަތީޖާނެރެގެން ނޫނީ އަމާންކަމެއް ނެތެވެ.