ހަބަރު

ފަނޑިޔާރު ހަސަން އަލީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.

ހަސަން އަލީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

ޖޭއެސްސީން ބުނީ ހަސަން އަލީ، މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓްގައި ހިމަނާފައިވާ ކަންކަމާ ގުޅިގެން ކަމަށެވެ.

އެގޮތުން ރިލްވާންގެ މަައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި، 2014 ވަނަ އަހަރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުންނެވި، ހަސަން އަލީ، ފުލުހުންގެ އިންޓެލް ދެ މީހަކާ ގުޅިގެން ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި، ޓްރެވަލް ޑޮކިއުމަންޓްތަކެއް ތައްޔާރު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާ ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާ ވަޒީފާއަށް ނުނިކުމެ މަޑުކުރަން އަންގަން ނިންމީ އެވެ.

ޖޭއެސްސީން ބުނީ ހަސަން އަލީ، މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މައްސަލަ، ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާކަން އެ ކޮމިޝަނުން މިއަދުގެ ވަގުތެއްގައި ޖޭއެސްސީއަށް އަންގާފައިވާ ކަމަށާއި ހަސަން އަލީގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާ އިން ކަމަށެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަބްދުﷲ އަރީފާއި ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ އަބްދުއް ރައޫފާއި ހިސާން ހުސައިނާއި އަލީ ޝަރީފާއި ޑރ. އަލީ ޝަމީމް އަދި އަބްދުއްމާނިއު ހުސައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނަވަނިކޮށް، ވަރަށް ކުއްލި ގޮތަކަށް ހަސަން އަލީ މަގާމުން ވަކިކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އާސަންދަ ކޮމްޕެނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި އެވެ. އެ ފަހުން އެ މަގާމުން ވެސް ވަކިކޮށްފައިވެ އެވެ. އެންމެފަހުން ހަސަން އަލީ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ.