ހަބަރު

7 ފުލުހުންގެ މައްސަލަ މުރާޖައާ ކުރަނީ އަދަބު ލުއިކަމުން

މާފަންނު ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހަކަށް އަނިޔާކުރި ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ހަތް ފުލުހުންނަށް ފިޔަވަޅު އަޅަން ނިންމި ނިންމުން އިސްތިއުނާފަށް ހުށައެޅީ، އެ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށްވުރެ ކުޑަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސްއަށް ފެނިވަޑައިގަންނަވާތީ ކަމަށް ފުލުުހުން ބުނެފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި 7 ފުލުހުންގެ މައްސަލަވެސް ބަލާފައިވާ ކަމަށެވެ. އެ މައްސަލަތައް ބެލުމަށްފަހު އެ ފުލުހުންގެ މަގާމު ދަށްކޮށް، މިހާރު ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލުކޮށް އަދި އަޚުލާގީ ކުލަ އަތުލަން ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ޑިސިޕްލިނަރީ ބޯޑުގެ އެ ނިންމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އިސްތިއުފާނު ކޮމެޓީއަށް ހުށައަޅާ މައްސަލައިގެ ނިންމުން މުރާޖައާ ކުރަން އަންގާފައިވާ ކަމަށް ވެސް ފުލުހުން އިއްޔެ ބުންޏެވެ.

މައްސަލަ އިސްތިއުނާފަށް ހުށައެޅުމުން ސީޕީ މަސައްކަތް ކުރައްވަނީ އެ ފުލުހުން ދިފާއު ކުރަން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

ނަމަވެސް އޭގެ ހަގީގަތް ހާމަކޮށް ފުލުހުން ބުނެފައިވަނީ ހަތް ފުލުހުންނަށް އަޅަން ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ފިޔަވަޅުތަކަކީ މީގެ ކުރިން މިފަދަ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާ ބަލާއިރު މާ ލުއި ފިޔަވަޅުތަކެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސްއަށް ގަބޫލު ކުރެއްވޭތީ މުރާޖައާ ކުރަން ހުށަހެޅުއްވީ ކަމަށެވެ.

މާފަންނު ގެއެއްގެ ތެރެއަށް ފުލުހުން ވަދެ މީހަކަށް އަނިޔާ ކުރިކަން އެނގުނީ އަނިޔާކުރާ ވީޑިއޯ އާންމުވެ ދައުރުވާން ފެށުމުންނެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް މީހަކަށް އަނިޔާކުރާ މަންޒަރު ފެނެ އެވެ.