ގްރޭޓާ މާލޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫ އާއި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއު ހިންގުމަށް އަބޫދާބީ ފަންޑުން ޝައުގުވެރިވާ ކަމަށް ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
އިސްލާމީ ގައުމު ތަކުގު ކުއްލި ބައްދަލުވުމަކަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންފަ އެވެ. މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލު ކުރައްވާފައި ވާ ކަމަށާއި އެ ބައްދަލުވުން ވަރަށް ޕޮޒިޓިވް ކަމަށެވެ.
އެ ބައްދަލުވުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިޔާޒް ވިދާޅުވީ އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލާއެކު ފޮރިން މިނިސްޓަރު ބޭއްވި ބައްދަލު ކުރެއްވުމުގައި ދިވެހި ސަރުކާރުން ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
އޭގެ ތެރެއިން ގްރޭޓާ މާލާ އޭރިއާ ނުވަތަ މާލެ ސަރަހައްދުގެ ރަށްތައް ގުޅާލުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއު ހިންގުމަށް އެ ފަންޑުން ފައިސާ ހޯދުމަށް މިނިސްޓަރު ޝާހިދު އެދިފައިވާ ކަމަށެވެ. އަދި އެކަމަށް އެ ފަންޑުން ޝައުގުވެރިވާކަން ހާމަކުރައްވާފައިވާ ކަމަށާއި، އަބޫދާބީ ފަންޑުގެ އެހީގައި ނ. އޮތޮޅު މާފަރުގައި ތަރައްގީކުރަމުންދާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ ކަމެއް ނިންމާ، އޮޕަރޭޝަން ފެށުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ޑރ. ނިޔާޒު ވަނީ ވިދާޅުވެފަ އެވެ.