ލައިފްސްޓައިލް

މާގިނައިރު ނިދާނަމަ ސިއްހީ ބޮޑެތި މައްސަލަތައް ދިމާވާނެ!

މަދުން ނިދުމަކީ ސިއްހީ މައްސަލަތައް ދިމާވާ ކަމެއް ކަމަށް އެންމެންނަށް ވެސް ގަބޫލު ކުރެވެ އެވެ. ސިއްހީ މައްސަލަ ދިމާވަނީ ހަމައެކަނި މަދުން ނިދައިގެނެއް ނޫނެވެ. ގިނައިން ނިދުމަކީ ވެސް ސިއްހީ މައްސަލަތައް ދިމާވާ ކަމެކެވެ. އަހަރެމެންގެ ހަށިގަނޑަށް ގިނަވެގެން ބޭނުންވަނީ ރެއަކާ ދުވާލު 7 ނޫނީ 8 ގަޑިއިރުގެ ނިދުމެވެ. ނިދަން ބޭނުންވަނީ އެކި އިންސާނުންނަށް އެކި ވަރަކަށެވެ.

ކެލިފޯނިއަ ޔުނިވަސިޓީގެ ސައިންސްވެރިން ވިދާޅުވަނީ ރެއަކާ ދުވާލު އަށް ގަޑިއިރަށް ވުރެ ގިނައިރު އަދި ހަ ގަޑިއިރަށް ވުރެ މަދުން ނިދުމުން ވަރަށް ގިނަ ސިއްހީ މައްސަލަތަކަށް މަގުފަހިވާ ކަމަށެވެ.

ގިނައިން ނިދުމުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހަކުރުބަލި ހިމެނެ އެވެ. އާދަކޮށް ގިނައިރު ނިދުމާއެކު ވެސް އިތުރަށް އެނދުގައި އޮންނަން ހިތް އެދޭ މީހުންނަކީ ހަކުރުބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން ކަމަށް ސައިންސްވެރިން ފާހަގަ ކުރެ އެވެ.

ފަލަ ބައްޔަކީ ވެސް ގިނައިން ނިދުމުން ދިމާވާނެ މައްސަލަ އެކެވެ. ދުވާލަކު ހަ ގަޑިއިރު ނިދާ މީހުންނާއި އަށް ގަޑި އިރަށް ވުރެ ގިނައިން ނިދާ މީހުންގެ ތެރެއިން ގިނައިން ނިދާ މީހުން ހަ އަހަރު ތެރޭގައި އާދަޔާޚިލާފަށް ފަލަވާ މިންވަރު 21 ޕަސެންޓް އިތުރެވެ.

ގިނައިން ނިދުމަކީ ބޮލުގައި ރިހުމަށް ވެސް މަގުފަހިވާ ކަމެކެވެ. ޗުއްޓީ ދުވަސްވަރު ގިނައިރު ނިދަން އޮންނަ މީހުންނަށް މިކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވޭނެ އެވެ. މިހެން ދިމާވަނީ ސިކުނޑީގައިވާ ނިއުރޯޓްރާންސްމީޓާއަށް ކުރާ އަސަރެއްގެ ސަބަބުންނެވެ. ބޮލުގައި ރިހުމުގެ އިތުރުން ދުވާލު ގިނައިން ނިދާމީހުންނަށް ރޭގަނޑު ނިދަން އުނދަގޫވެ ނިދާފައި ގިނައިރު ނޯވެވެ އެވެ.

އާއްމުކޮށް ޑިޕްރެޝަން ހުންނަ މީހުންނަށް ނުނިދެ އެވެ. ނަމަވެސް ޑިޕްރެޝަން ހުންނަ މީހުންގެ 15 ޕަސެންޓަކީ މާ ގިނައިން ނިދާ މީހުންނެވެ. އަދި ގޮތަށް ގިނައިން ނިދުމަކީ ޑިޕްރެޝަންގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމެކެވެ. ޑިޕްރެޝަން އިން އަވަހަށް ސަލާމަތްވުމަށް ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ނިދުން ރަނގަޅެވެ.

ދަ ނާސަސް ހެލްތު ސްޓަޑީއަކަށް 72،000 މީހުން ބައިވެރިކޮށްގެން ހޯދި ހޯދުމަކުން ހާމަވި ގޮތުގައި ނުވަ ގަޑިއިރާއި 11 ގަޑިއިރާ ދެމެދުގެ މިންވަރަކަށް ރެއަކާ ދުވާލު ތެރޭ ނިދާ އަންހެނުންނަށް ހިތުގެ މައްސަލަތައް ދިމާވުން ވަރަށް އިތުރެވެ. ނަމަވެސް ނިދާ މިންވަރާއި ހިތުގެ ބައްޔާ އޮންނަ ގުޅުން އަދި ސައިންސްވެރިންނަށް ހޯދިފައެއް ނެތެވެ.

ގިނައިން ނިދާ މީހުން ޅަ އުމުރުގައި ކުއްލިއަކަށް މަރުވުމުގެ ނުރައްކާ ވެސް އިތުރުކަމަށް ހޯދުންތަކުން ދައްކަ އެވެ. ހަކުރުބަލި، ހިތުގެ ބަލިތައް ފަދަ ކަންތައްތައް ޅަ އުމުރުގައި ދިމާވެއްޖެނަމަ އުމުރު ކުރުވުމަކީ ހަމަ ވަރަށް ގާތް ކަމެކެވެ. މާގިނައިން ނިދުމުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ހިތުގެ ބައްޔާއި ހަކުރުބަލި ހިމެނެ އެވެ.