ލައިފްސްޓައިލް

ކިޔަވައިދޭން ކޮންމެ ދުވަހަކު ކަރުތާ ފެނު ފަތާ ޓީޗަރެއް!

ކިޔަވާކުދިންނަށް ރަނގަޅަށް އުޅުމުގެ މަގު ދައްކައިދޭ ބަޔަކީ އެ ކުދިންގެ ޓީޗަރުންނެވެ. އަދި ޓީޗަރުންނަކީ ކޮންމެ ކުއްޖެއްގެ ވެސް ހަޔާތުގައި ވަރަށް މަތީ މަގާމެއް ދެވިފައިވާ އެކުދިން ވަރަށް ލޯބިވާ ބައެކެވެ. ހަމަ އެގޮތަށް ބައެއް ޓީޗަރުންނަކީ ވެސް ކުދިންނަށް އުނގަންނައިދިނުމަށްޓަކައި އެމީހުން ކުރަން ޖެހޭ މިންވަރަށް ވުރެ ވެސް ގިނައިން މަސައްކަތް ކުރާ ބައެކެވެ. އިންޑިއާގެ އޮޑިޝާގެ ޖަރީޕަލް އަވަށުގެ 49 އަހަރުގެ ޓީޗަރު ބިނޯދިނީ ސަމާލް އަކީ މިފަދަ ނަމޫނާ ޓީޗަރެކެވެ.

ބިނޯދިނީ އަކީ އެހެން ޓީޗަރުންނަށް މިސާލެއް ފަދަ މީހެކެވެ. ކިތަންމެ ބުރަ އުފުލަން ޖެހުނަސް ކުރަން އަޒުމު ކަނޑައަޅާ ކަމެއް ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ މިސާލެވެ.

ކުދިންނަށް ތައުލީމު ދިނުމަށް އޭނާ ކުރާ މަސައްކަތާއި އެ މަސައްކަތަށް އޭނާ ވާ ގުރުބާނީ އަކީ ހުރިހާ ޓީޗަރުންނަށް ވެސް ނަމޫނާ މަސައްކަތެކެވެ.

ޕްރައިމަރީ ސްކޫލެއްގެ ގްރޭޑް 1 ން 3 އަށް ކިޔަވާ ކުދިންނަށް ތައުލީމު ދިނުމުގެ މަސައްކަތް ބިނޯދިނީ ކުރެ އެވެ. މިއީ ހާސް ޓީޗަރުންނެއް ކުރާ ކަމެކެވެ. ނަމަވެސް ބިނޯދިނީ ޚާއްސަވަނީ ސްކޫލަށް އަންނަން އޭނާ އުފުލާ ބުރައިންނެވެ.
އޭނާ ކޮންމެ ދުވަހަކަށް ސްކޫލަށް ދަނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ ސަޕުއާ ނަމަކަށް ކިޔާ ކޯރެއް ހުރަސްކޮށްފަ އެވެ. މޫސުން ގޯސް ދުވަސްވަރު މިއީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.

ބިނޯދިނީ ބުނީ އޭނާއަށް އެހެން ހުރިހާ ކަމަކަށް ވުރެ ކިޔަވައިދިނުން މުހިއްމު ކަމަށެވެ. ގޭގައި ކަމެއް ނުކޮށް އިންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ބިނޯދިނީ އަށް ސްކޫލަށް ދާން ޖެހެނީ އެ ގެއާއި ސްކޫލާ ދެމެދުގައި އޮންނަ ކޯރެއްގައި ކަރުތާ ފެނުގައި ފަތާފަ އެވެ.

"އަހަރެން އަބަދުވެސް ސާރީ އަކާއި ޕެޓީކޯޓެއް އަދި ބްލައުޒެއް ސްކޫލުގެ އަލަމާރީގައި ބާއްވަން. ކޯރު ހުރަސް ކުރަން ކޯރަށް އެރޭއިރު މޯބައިލް ފޯނާއި އެހެންވެސް ތަކެތި ބަހައްޓަނީ ޕްލާސްޓިކް ކޮތަޅުގައި ރަނގަޅަށް ބަންދުކޮށް ފެން ނުވަންނަ ގޮތް ހަދާފައި. އަދި ކޯރު ހުރަސް ކުރާއިރު ކޮތަޅު އޮންނަނީ ބޮލުން މައްޗަށް އުފުލާފައި. އަހަރެން ސްކޫލަށް ގޮސް އެ ސްކޫލުގައި ޓީޗަރުން އަޅަން ހަމަޖެހިފައިވާ ފިޔާތޮށި ސާރީ އަޅަނީ. އަދި ގެއަށް ދާންވީމަ ހެދުން ބަދަލު ކޮށްގެން ދަނީ،" ބިނޯދިނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިގޮތަށް ކޮންމެ ދުވަހަކު ކޯރުގައި ފަތަން ޖެހޭތީ އޭނާ ބައެއް ފަހަރު ބަލިވެ އެވެ. ނަމަވެސް އެންމެ ދުވަހެއް ވެސް ޗުއްޓީ އެއް ނުނަގަ އެވެ.

އޭނާ ބުނި ގޮތުގައި ކޯރު ހުރަސްކޮށް ބްރިޖެއް އަޅާ ވާހަކަވެސް ދައްކާތާ މިހާރު އަހަރު ތަކެއް ވެއްޖެ އެވެ. ނަމަވެސް މިވާހަކައަށް ހަގީގީ ކުލައެއް އަދިވެސް ނާދެ އެވެ.

ބިނޯދިނީ ކޯރު ހުރަސްކުރާ ކޮންމެ ދުވަހަކީ އޭނާއަށް އެހާ ފަސޭހައިން އެކަން ކުރެވޭ ދުވަހެއް ނޫނެވެ. މީގެ ދެ އަހަރު ކުރިން އެއް ދުވަހަކު އޭނާ ކޯރުގައި ފަތަނިކޮށް އޮޔާ ވަރަށް ދުރަށް ދިޔަ ކަމަށް ބިނޯދިނީ ކިޔައިދިނެވެ. އެ ދުވަހު އޭނާގެ ދަބަސް ވެސް މުޅިން ތެމުނުކަމަށް ވެސް ބިނޯދިނީ ބުންޏެވެ.

އެންމެ ހިތާމަހުރި ކަމަކީ މިހާ މަސައްކަތުން ބިނޯދިނީ ކިޔަވައިދޭން ދާއިރު އޭނާއަށް ލިބެނީ މަހަކު އެންމެ 7،000 އިންޑިއަން ރުޕީސް އެވެ.