ފިލްމުގެ ފުރަތަމަ އިޝްތިހާރު ދައްކާލުމާއެކު "ދަ ސްކައި އިޒް ޕިންކް" ބަލާލަން ގިނަ ބަޔަކު ވަނީ ޝައުގުވެރިވެފަ އެވެ. މި މީހުންގެ ތެރޭގައި ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް އެކްޓަރު އާމިރު ޚާން ހިމެނެ އެވެ. އާމިރު ބުނެފައިވާ ގޮތުގައި ފިލްމުގެ ޓްރެއިލާ އޭނާއަށް ވަރަށް ކަމުދެ އެވެ. އަދި މިހާރު އޭނާ ހުރީ ފިލްމު ބަލާލާހިތުން ކެތް މަދުވެފަ އެވެ.
މިއީ ވަރަށް ގިނަ ދުވަހު ބޮލީވުޑާ ދުރުގައި ހުރުމަށްފަހު ޕްރިޔަންކާ ޗޯޕްޅާ ކުޅެފައިވާ ފިލްމެކެވެ. ފިލްމުގައި ފަރްހާން އަޚްތަރާއި ޒާއިރާ ވަސީމް ވެސް މުހިއްމު ރޯލުތައް ކުޅެފައި ވެއެވެ.
މިދިޔަ ހަފުތާގައި މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ނެރުނުއިރު އިޝްތިހާރު ބެލި އެންމެން ތިބީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފަ އެވެ. މިހާރު ފިލްމު ވަނި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ޕްރެމިއާ ކޮށްފަ އެވެ. އަދި މި ފެސްޓިވަލުގައި ފިލްމު ބެލި މީހުން ފިލްމަށް ސްޓޭންޑިން އޮވޭޝަނެއް ދީފައި ވެއެވެ. އަދި މި މަންޒަރު ފެނިފައި ޕްރިޔަންކާ އާއި ފަރްހާން އަދި ފިލްމުގެ ޑައިރެކްޓަރު ޝޮނާލީ އަށް އުފަލުން ގޮސް ރޮވުނު ކަމަށް ވެއެވެ.
ފިލްމު ބެލި މީހުންގެ ރިވިއުތަކަށް ބަލާއިރު މިއީ ވަރަށް މޮޅު ފިލްމެކެވެ. އިޝްތިހާރު ފެނިގެން އާމިރު އަށް ވެސް ފިލްމު މޮޅުކަން ވިސްނުނީ ކަމަށް ވެއެވެ.
ސޯޝަލް މީޑިއާގައި އާމިރު ޝެއާ ކުރި ޕޯސްޓެއްގައި ފިލްމުގެ ޓްރެއިލާ ވަރަށް ކަމުގޮއްސި ކަމަށް ބުނެފައި ވެއެވެ. އަދި ފިލްމު ބަލާލާހިތުން ކެތް މަދުވެފައި ހުރި ކަމަށާއި ޕްރިޔަންކާ އާއި ފަރްހާން އަދި ޒާއިރާ ވަރަށް ފުރިހަމަ ޕާފޯމަންސެއް ދައްކާފައިވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް އާމިރުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
"ދަ ސްކައި އިޒް ޕިންކް" އަކީ މޯޓިވޭޝަނަލް ސްޕީކާ އައިޝާ ޗައުދަރީގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. އައިޝާއަށް ފުރާނައަށް ނުރައްކާ ވަރުގެ ބޮޑު ބައްޔެއް ޖެހެ އެވެ. ފިލްމުގައި ދައްކަނީ އައިޝާގެ މައިންބަފައިން ކަމަށްވާ އަދިތީ އައި ނިރެން ދަރިފުޅަށްޓަކައި އުފުލާ ބުރަ އެވެ. އައިޝާގެ ރޯލު ޒާއިރާ ކުޅެފައިވާއިރު އޭނާގެ މައިންބަފައިންގެ ރޯލު ކުޅެފައިވަނީ ޕްރިޔަންކާ އާއި ފަރްހާނެވެ.