މިޔަންމާގެ ރޮހިންޔާގައި އުޅެމުންދާ ހަ ލައްކައަށްވުރެ ގިނަ މުސްލިމުން އަނެއްކާވެސް ގަތުލު އާންމެއްގެ ބިރާ ކުރިމަތިލާން ޖެހިދާނެ ކަމަށް އދ. އިން އިންޒާރުކޮށްފި އެވެ.
އދ އިން ބުނީ، މިޔަންމާގެ ރާހިން ސްޓޭޓުގައި މީގެ ކުރިން ހިނގާދިޔަ ގަތުލު އާންމުގައި ވެސް މިލިއަނަކާ ގާތްކުރާ އަދަދަކަށް މުސްލިމުން އެމީހުންގެ ފުރާނަ ސަލާމަތް ކުރަން ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައިވާއިރު، އެ ގަތުލު އާންމު ހިންގި މިޔަންމާގެ ސިފައިން ތިބީ އަދިވެސް މަގާމުތަކުގައި ކަމަށެވެ.
މީގެ ކުރިން ހިންގި ގަތުލު އާންމާ ގުޅިގެން މިޔަންމާގެ ސިފައިންގެ ވެރިޔާ މިން އައުންގް ހްލެއިންގެ މައްޗަށް ރޭޕް ކުރުމާއި، މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވި އެ މައްސަލަތަށް ދަނީ ތަހުގީގު ކުރަމުންނެވެ.
އެމެރިކާއިން ވެސް ވަނީ މިން އައުންގް ހްލެއިންއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އދ. ގެ ރިޕޯޓެއްގައި ވާގޮތުން މިން އައުންގް ހްލެއިން މައްޗަށް އެތަކެއް ކުށްތަކެއް ކުރެވޭ އިރުވެސް ތަހުގީގު ކަންތައް ދަނީ ލަސް ސްޕީޑެއްގައި ކަމަށްވުމުން، ރޮހިންޖާގައި މިހާރު ދިރިއުޅޭ މުސްލިމުން ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަައިވާ ކަމަށެވެ.
ދެހާސް ސޯޅަ ވަނަ އަހަރު މިޔަންމާގެ ސިފައިން އެ ގައުމުގައި އުޅޭ ބައިމަދު މުސްލިމުންދާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން 740،000 އަށްވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރް ސަރަހައްދަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކޮށްފައެވެ. ލާއިންސާނީ އަމަލުތަކުގައި މިޔަންމާގެ ސިފައިންވަނީ ގިނަ އަދަދެއްގެ މުސްލިމުން ގަތުލު ކޮށްފަ އެވެ.
މިޔަންމާގެ ސަރުކާރުން ވަނީ މުސްލިމުންނާ ދެކޮޅަށް ގަތުލު އާންމު ހިންގި ކަމަށް ތުހުމަތު، ކުރެވޭ ކަންތައް ދޮގު ކޮށްފަ އެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން އދ. އިން ތައްޔާރުކުރި ރިޕޯޓައި ތަހުގީގުތަށް ވަނީ ދޮގުކޮށްފަ އެވެ.