ގައުމީ ފުޓްބޯޅް ޓީމް

ސެންޓޭ އާއި ރިޒޭ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ގުއާމް އާ ދެކޮޅަށް ކުޅެން އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުމުން ވެސް ގައުމީ ޓީމާއެކު ނުދިޔަ، ކުލަބު އީގަލްސްގެ ދެ ފޯވަޑުން ކަމަށްވާ، އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) ކޮންމެ ކުޅުންތެރިޔަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފިޔަވަޅު އަޅައިފި އެވެ.

އެފްއޭއެމުން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ފައިސާ ނުދައްކަނީސް އެފްއޭއެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި އެ ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށެވެ.

އެފްއޭއެމުން ބުނީ ގައުމީ ޓީމުގައި އެ ކުޅުންތެރިން ހިމެނުމުން މަގުބޫލު ސަބަބެއް ނެތި ގައުމީ ޓީމާއެކު ނުދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިދިޔަ މަހު، ލަންކާގައި ބޭއްވި ގައުމީ ޓީމުގެ ފަރިތަކުންތަކުގަ އާއި ގުއާމަށް ދިއުމަށް ވިސާ ޖެހުމަށް ގައުމީ ޓީމު ފުރި ދުވަހު އެ ދެ ކުޅުންތެރިން ޓީމާއެކު ދަތުރު ކޮށްފައި ނުވެ އެވެ. އޭރު އެފްއޭއެމުން ބުނީ އަމިއްލަ ސަބަބެއް ދިމާވެގެން ދެވެން ނެތް ކަމަށް އެކުޅުންތެރިން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެ ދުވަސްވަރު، ބ. އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ސެންޓޭ ވަނީ ކުޅެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި ސެންޓޭއަކީ މިހާރު ޓީމުގެ ސީނިއާ އެއް ކުޅުންތެރިޔާ އެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ނުދިއުމަކީ މިހާރު ވެގެން އުޅޭ ކަމެއް ނޫން ކަމަށާއި މީގެ ތިނެއް ނުވަތަ ހަތަރު އަހަރު ކުރިން އެކަން ހިނގަން ފަށާފައިވާ ކަމަށެވެ.