ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(15 ސެޕްޓެމްބަރ 2019 އާ ގުޅޭ)

"ދެން އަހަރެން އުފާވާނޭ ކޮންކަމެއް" ހޭޒަލް ވިސްނާލާފައި ބުންޏެވެ.

"މިކޮޅަށް ޒެއްލު ގެންނަންވެގެން" ލިއަމް ބުންޏެވެ.

ލިއަމް ބުނި އެއްޗެއް ޔަގީންކޮށްލުމަށް ހޭޒަލްއަށް އަލުން އަހާލެވުނެވެ. މިފަހަރު ވެސް ލިއަމް ބުނީ ހަމަ އެކައްޗެކެވެ. ލިބުނު އުފަލުން ހޭޒަލް ފުންމައިގަތުމާއެކު ތޫލި ހަޅޭކެއްގެ އަޑު އަނގައިން ނުކުތެވެ. ހޭޒަލްގެ މި އުފާވެރިކަން ފެނި ލިއަމްގެ ހުނުމުގެ އަޑު ފޯނުން އިވިއިވި ހުއްޓެވެ. ލިއަމް ދެތިން ފަހަރަށް ގޮވާލިފަހުން ހޭޒަލްގެ ސަމާލުކަން ފޯނަށް ދީފިއެވެ.

"އެކަން ހަމަޖައްސަމުން އަހަރެން މިދަނީ، މިހާރު ޒެއްލު ގެނައުމަށްވުރެ އަހަރެން ގަސްދުކުރީ މިކޮޅުގައި ހުންނަ ލާސްޓް މަންތުގެ ތެރޭ ޒެއްލު ގެންނަން" ލިއަމް ބުންޏެވެ.

"ކިހާ ދުވަހަކަށް" ހޭޒަލްއަށް އަވަސް އަވަހަށް އަހާލިއެވެ.

"ޓުވެންޓީފައިވް ޑޭޒް ރަނގަޅެއްނު، އޯލްމޮސްޓް ހޯލް މަންތެއްނު އެއީ" ލިއަމް ބުންޏެވެ. ޝަކުވާކުރުމުގެ ބަދަލުގައި ހޭޒަލް ހުރީ ލިއަމްގެ ގާތަށް ދިއުމުގެ ފުރުޞަތު ލިބުނީތީ ވެސް ޝުކުރުވެރިވެފައެވެ. ހަމައެއާއެކު ފަންސަވީސް ދުވަހަކީ މަދުދުވަސްކޮޅެއްނޫންކަން ހޭޒަލް ހިތަށް އެރިއެވެ.

ފުރަން ތައްޔާރުވާންވީމާ ލިއަމް އަންގާނަން ކަމުގައި ބުންޏެވެ. ހޭޒަލް މިހާރުއްސުރެ އެވަގުތަކަށް އިންތިޒާރުކުރަން ފަށައިފިއެވެ. އެ ޚަބަރުން އެކަނިވެސް ހޭޒަލްގެ ސިކުނޑިން އެތައް ބުރަކަމެއް ފިލައިގެން ހިނގައްޖެ ކަހަލައެވެ. ބޭކާރު ޚިޔާލުތަކާ ދުރަށް ދެވުނެވެ. އެރޭ ލިއަމްއާ ދެ މީހުން ވަރަށް ދަންވަންދެން ވާހަކަދައްކަން ތިއްބެވެ.

* * * * *

ކުޅުދުށްފުއްޓަށް ލިއަމް ދިޔަތާ ތިންވަނަ މަސް ފެށުމާއެކު ލިއަމްގެ އޮފީހުގައި އުޅޭ ރަޙުމަތްތެރިއެއް މެދުވެރިކޮށް ހޭޒަލްއާ ހަމައަށް ޓިކެޓު ފޯރުކޮށްދިނެވެ. މުހުސިނާ ގާތު ވެސް ހޭޒަލް ފުރަން އުޅޭކަން އޮތީ ބުނެފައެވެ. އޭނާ ވައިގެ ބަނދަރަށް އައީ އާތިޝްއާއެކުއެވެ. ޒައިދަންއާ ދިމާވީ ވެސް އެތަނުންނެވެ. އެތެރޭގެ އުދުހުންތަކާ ބެހޭ ގިމަތައާ ދިމާގައި ހޭޒަލް މަޑުކޮށްލައިގެން ހުރީ އާތިޝްއާއި ޒައިދަންގެ ގާތުގައެވެ. އޭނާ ޗެކިންނަށް ވަނުމުގެ ކުރީން އެތަނަށް ސާއިރާ ވެސް ރިޒްވާނާއެކު އަތުވެއްޖެއެވެ. އެ އެންމެންނާ ސަލާމްކޮށްފައި ހޭޒަލް އެތެރެއަށް ވަނީ އެންމެފަހުގެ ގޮވާލުމާއެކުއެވެ. އެކަނި ތަނަކަށްދާ ފުރަތަމަފަހަރުވީމަ ހޭޒަލް ހުރީ ހިސާބަކަށް ޖެހިލުންވެފައެވެ. އެހެންނަމަވެސް އޭނާ ހިތްހަމަޖައްސާލީ ލިއަމްއާ ބައްދަލުވާން ދެން ގިނައިރެއްނެތްކަން ހިތަށް އަރުވާލާފައެވެ.

ފްލައިޓަށް އެރި ގޮތަށް ހޭޒަލްގެ ހެޑްފޯނު އަޅާލިއެވެ. އާދައިގެ ފްލައިޓްތަކުގައި ދަތުރުކުރާއިރު އޭނާގެ ކަންފަތުގައި ރިހޭ ގޮތްވެއެވެ. ދެން ދަތުރު ނިމޭއިރު ހުންނާނީ ކަންފަތް ބައްވެފައެވެ. އެއީ ހޭޒަލްއަށް ވަރަށް އުނދަގޫވާ ކަމެކެވެ. ޕްރެޝާގެ އަސަރު ކަންފަތަށް ޖަހާ އުގުރި ޖެހުމަށްވުރެ ހެޑްފޯނު އެޅުމުން މާބޮޑަށް ވެސް ކުޑަވެއެވެ. އިރުއިރުކޮޅާ އަތުގައި އޮތް އެޕަލް ގަޑިއަށް ހޭޒަލް ބަލާލައެވެ. "ފްލައިޓް މޯޑަށް" ލުމުގެ ކުރީން ލިއަމްއަށް އެންމެފަހުގެ އަފްޑޭޓް ހޭޒަލް ދިނެވެ.

ހަނިމާދޫ އެއާޕޯޓުގައި ޕްލައިޓް ޖެއްސުމާއެކު ބޭއިޚްތިޔާރުގައި ހޭޒަލްއަށް ހިނިތުންވެވުނެވެ. މޮޔައަކުހެން އެކަނި އިނދެ ހޭތަން ޖެހިގެން އިން މީހާއަށް ފާހަގަވާން ބޭނުންނުވާތީ އޭނާ އިނީ ތިރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ފަސެންޖަރުން ތެދުވަން ހުއްދަލިބުމާއެކު ކެތްތެރިކަން ކުޑަވެފައި އިން ހޭޒަލް ތެދުވެއްޖެއެވެ.

ކަޅުފޮށީގެ މަތީ ކަޅުކުލައިގެ ރޮނގު ދެމި ކެންވަސް ޑަފެލް ބޭގު ބަހައްޓާލައިގެން ހުރެ މީހުންތަކުގެ ތެރެއިން ހޭޒަލް ނުކުތެވެ. ހިނގާ އުޅެން ފަސޭހައަށް އޭނާ ޚިޔާރުކުރީ އޭނާ ޢާންމުކޮށް އަރާ ކޮންވާސް ބޫޓެވެ. މޫސުން ދައްކާ ގޮތުން ވަރަށް ހޫނުވާނޭކަން އެނގޭތީވެ އޭނާގެ އަތުގައި ޕެނަމާ ތޮތްޕެއް އޮތެވެ. ލައިގެން ހުރީ ލިޔުންތަކެއް ޖެހި ހުދު ޓީޝަޓަކާއި ކަޅުކުލައިގެ ސްކިނީ ޖީންސެކެވެ. ޓީޝާޓުގެ ކަރުވަޅުގައި ހޭޒަލްގެ އަވިއައިނު އަޅުވާލައި އޮތެވެ. އޭނާ ފަރުވާތެރިކަމާއެކު ޖަމާވެފައި އޮތް މީހުންނަށް ބަލަމުން މަޑުން ކުރިއަށް އައެވެ. ބާގެންޑީ ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ޖީންސެއްގަ ހުރި ލިއަމް ފެނުމާއެކު އެ ދިމާއަށް ހޭޒަލް އައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ލިއަމްއަށް ވެސް އޭނާގެ ދެއަތް ހުޅުވާލެވުމާއެކު ކުރިއަށް އާދެވުނީ ހިނިތުންވެލައިގެން ހުރެއެވެ. ހޭޒަލްގެ ގައިގާ ލިއަމް ބައްދާލިއެވެ. ލޯތްބާއެކު ފިރުމާލައި ދަތުރު ކިހިނެއްތޯ އަހާލިއެވެ. އަދި އަވަސް ހަރަކާތެއްގެ ގޮތުން ހޭޒަލްގެ ބޮލުގައި ބޮސްދިނެވެ. ލާންޗު ތައްޔާރަށް އޮތް ކަމަށް ބުނެ ހޭޒަލްގެ ލަގޭޖުގައި ލިއަމް ހިފިއެވެ. އެތަނުގައި އެމީހުންނަށް ބަލަން އިތުރު މީހަކު ހުރިކަން ހޭޒަލްއަށް އެނގުނީ ދެނެވެ. ލިއަމްއާ ދާދި އެއްވަރުގެ އިސްކޮޅެއް ހުރި އެހެންނަމަވެސް ހަށިގަނޑު ހިމަ މީހެކެވެ. މޫނުމަތިން އެހާ ދުވަސްވީ ވައްތަރެއް ނުޖަހައެވެ. ދެމިލާފައި ހުރި މޫނަކާއި ކުރުކޮށްކޮށާ އެއްފަރާތަށްވާހެން ފުނާ އަޅާފައިވާ ކަޅު އިސްތަށިގަނޑެކެވެ.

"މީ ޝިޔާނު..." ލިއަމް އެ މީހާއަށް އިޝާރާތްކޮށް ބުނެލިއެވެ.

"ޒެއްލު ކިހިނެއްތަ؟ ވަރަށް އިންތިޒާރު ކުރުވެން ބައްދަލުވާނެ ދުވަހަކަށް" ޝިޔާނު ހިނިތުންވުމަކާއެކު ބުނެލިއެވެ. ހޭޒަލް ވެސް ބަދަލުގައި ހިނިތުންވުމެއް ދެމުން ރަނގަޅޭ ބުނެލިއެވެ. ނަމަވެސް އޭނާ ހުރީ އެހާ ގަޔާވެފައެއްނޫނެވެ. ހޭޒަލްގެ ހަޔާތުގަ ވެސް ޝިޔާނާ މި ބައްދަލުވީ މުޅިން އަލަށެވެ. އެހެންނަމަވެސް އޭނާ ޒެއްލުއޭ ބުނެ ވާހަކަދެއްކި ގޮތުން ހޭޒަލްއަށް ހީވީ ޝިޔާނަށް އޭނާ ވަރަށް ރަނގަޅަށް އެނގެނީހެންނެވެ. އަވިގަނޑުގެ ތެރެއަށް ނުކުންނަންވާއިރަށް ހޭޒަލްގެ ޓީޝާޓުގައި އަޅުވާލާފައި އޮތް އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލައި އަތުގައި އޮތް ޕެނަމާ ތޮޕި އަޅައިފިއެވެ. އަވިއައިނުގެ ސަބަބުން ހޭޒަލްގެ ދެ ލޯ ފޮރުވުނީތީ އޭނާ ނިކަން ފަރުވާތެރިކަމާއެކު ޝިޔާނަށް ބެލިއެވެ.

ލާންޗު ހަމަޖައްސައިދިނީ ވެސް ޝިޔާނުކަން އެނގުނީ ލާންޗަށް ހޭޒަލް އެރިފަހުން ލިއަމް ބުނީމައެވެ. ރަށުގައި ޝިޔާނަށް ނޭނގޭނެ ކަމެއް ނޯންނާނޭ ލިއަމް ބުނެލިއެވެ. ކޮންމެ ކަމެއްގައި ވެސް އެންމެ އެހީތެރިވާ މީހަކީ ޝިޔާނުކަމެވެ. ވަރަށް ގިނަ ގޮތްގޮތަށް ޝިޔާނަށް ލިއަމް ތަޢުރީފު ކުރިއެވެ. ޝިޔާނު ހީނލަހީނލާ އިނީއެވެ.

"ބޭބީ ސައިބޮއެގެންތަ މިކޮޅަށް އައީ" ލިއަމް އަހާލިއެވެ.

"ދޮންބެ ބުނީމަ އެއަރޕޯޓުން ވެސް ކުޑަގޮތެއް ހަދާލައިގެން މިހުރީ" ހޭޒަލް ބުންޏެވެ.

"އެހެންވީރު އެންމެން އެއްކޮށް ދެން ލަންޗަށް ދޯ ދާނީ" ޝިޔާނު ބުންޏެވެ. ލިއަމް ބޯޖަހާލިއެވެ.

ކުޅުދުށްފުށި ބަނދަރަށް ލާންޗު އައިސް ކައިރިކޮށްލުމުން ލިއަމްގެ އެހީގައި ފާލަން މައްޗަށް ހޭޒަލް ފޭބިއެވެ. އޭނާގެ ފޮށިތައް ލާންޗުގައި ހުރި ޝިޔާނު ބޭލިއެވެ. ހޭޒަލް އަންނަންވާއިރަށް ހުރިހާކަމެއް ވެސް ހުރީ ވަރަށް ފުރިހަމައަށް އިންތިޒާމުކުރެވިފައިކަން ހޭޒަލްއަށް ފާހަގަކުރެވުނެވެ. އެހިސާބުގައި އޮތް ކުޑަ ވޭނަކަށް ޝިޔާނު ހަނާ އަޅާލުމާއެކު އެ އައިސް ހޭޒަލްމެން ކައިރިއަށް މަޑުކޮށްލިއެވެ.

"ހާދަ ބަރޭ... ކޯއްޗެއްތަ މީގަ ހުރީ" ހޭޒަލްގެ ފޮށި ނަގަމުން ޝިޔާނު އަހާލިއެވެ.

"އަންހެންވެރީންގެ ލައްކަ ސާމާނު އޮންނާނެ" ހިނިއައިސްފައި ލިއަމް ބުނެލިއެވެ. އޭނާ ޝިޔާނުގެ ފަހަތުން ހޭޒަލްގެ ޑަފެލް ބޭގް ވޭނަށް އެރުވިއެވެ. އަދި ތިންމީހުން ވޭނަށް އަރާ ހަމަޖެހިލިއެވެ.

ވޭން އައިސް މަޑުކޮށްލީ ބުރިބުރިއަށް ނަގާފައި ހުރި އިމާރާތެއްގެ ކުރިމަތީއެވެ. ތިރިކޮށް ހުރި ވަށާފާރުގައި ހުރީ ނޫކުލަ ލާފައެވެ. އެތެރެއަށް ވަންނަން ހުރީ މަލުގެ ބައްޓަންތަކަށް ފަރުމާކުރެވިފައިވާ ދަނގަޑު ގޭޓެކެވެ. ތިންކަފި ވާނޭހެން ހަދާފައި އޮތް މަގު ފިޔަވައި ދެންފެންނަނީ ދޫލައެއް ފަދައިން ވިނަ އިންދާފައި ހުރިތަނެވެ. ވިނަތަކުގެ ތެރޭ ދަނގަޑު ބެންޗުތަކާއި ދެތިން މޭޒެއް ހުއްޓެވެ. ވަށައިގެން ފެންނަނީ ފެހިކަމެވެ. ބޮޑެތި ގަސްތަކުގެ އިތުރުން ތަފާތު މާތަކުން ފުރިފައިވާ ކުދިކުދި ގަސްތަކެވެ. ހިތްގައިމު މާޙައުލެކެވެ. ހޭޒަލްގެ ލަގޭޖުތައް ހިފައިގެން ލިއަމް އައެވެ. ވޭނުގައި އިން ޑްރައިވަރު ގާތު ކޮންމެވެސް ވާހަކައެއް ޝިޔާނު ދެއްކިއެވެ. ދެން ފެނުނީ އޭނާ ބޯޖަހާލައި ވޭން ދުއްވާލި ތަނެވެ.

"އަވީގަ ހުއްޓާ ޒެއްލު ކަޅުވެދާނެ... ހިނގާ އެތެރޭގަ މަޑުކޮށްލަން" ޝިޔާނު ބުންޏެވެ. އަދި އޭނާ ކުރިއަށް ހުރެ ގޭޓު ހުޅުވާލައި އެތެރެއަށް ވަދެއްޖެއެވެ.

ހަތަރުބުރިއަށް ހުރި އެ އިމާރާތަށް ބަލަމުން ލިއަމްއާއެކު ހޭޒަލް އައެވެ. އެއްފަރާތުގައި ކުޑައެއްގެ ދަށުގައި ހަތަރު މީހުނަށް އިށީނދެވޭނޭހެން ހުރި މޭޒުގެ ދޮށުގައި އިށީނުމަށް ޝިޔާނު އިޝާރާތްކުރިއެވެ.

"ފަރުހާދަށް ގުޅިން... ގެއިން ނައްޓާލީއޭ ބުނީ" ޝިޔާނު ވާހަކަދެއްކީ ލިއަމްއާއެވެ.

ގިނައިރެއްނުވެ އާދައިގެ އިސްކޮޅެއްގެ ރޫފަ ރަނގަޅު ފިރިހެނަކު ވަދެގެން އަންނަތަން ފެނުނެވެ. ހުރީ ކުޑަ ބަނޑެއް ވެސް ލާފައެވެ. އަނގަ ހަލުވަމުން ދިޔައިރު އޭނާ އެ ހުރީ ގަދައަށް ދުފާލާފަކަން އެނގެއެވެ. ހީވަނީ ސައިމޭޒެއްގެ ދޮށުން ތެދުވީ ހަމަ ދެންމެ ހެނެވެ. ދަތްކޮއްޓާ އިލޮށިކޮޅެއް ވެސް އަނގައިގެ އެއްކޮޅުން ފެންނަން ހުއްޓެވެ.

"ލިއަމް... ޝިޔާނު" އެމީހަކު ގޮވާލިއެވެ. އެމީހަކީ ފަރުހާދޭ ޝިޔާނު ބުނީ ހޭޒަލްއަށް ބަލާލަފައެވެ.

"ކޮބާ އެތެރެއަށް ވަންނަމާ" ފަރުހާދު ބުންޏެވެ. އެތެރެއަށް ހިނގައިގަތުމުގެ ކުރީން ކަތި ނަޒަރަކުން އަވަސް ގޮތަކަށް ލިއަމްގެ ގާތުގައި ހުރި ހޭޒަލްއަށް ފަރުހާދު ބަލާލިއެވެ.

އިމާރާތުގެ ތެރެއަށް ވަދެވެގެން ހުރި ޑަބަލް ދޮރުފަތް ލީ ބިއްލޫރި ދޮރުފަތް ހުޅުވާލައި ފަރުހާދުގެ ފަހަތުން އެހެން މީހުން އަރަންފެށިއެވެ. ހޭޒަލްގެ ފޮށިތައް ލިއަމްއާއި ޝިޔާނު އުފުލިއެވެ. ފަރުހާދު ހުއްޓުނީ ހަތަރުވަނަ ބުރިއަށް އަރާފައެވެ. އެއަށްވުރެ މައްޗަށް ދާނޭ ސިޑިއެއް ވެސް ނެތެވެ. ސިޑިން އަރާއިރު ދެ ފަރާތަށް ދެ ދޮރު ފެންނަން ހުއްޓެވެ. ފަރުހާދު ކައިރިވެލީ ވައަތްފަރާތުގައި ހުރި ދޮރު ކައިރިއަށެވެ. އޭނާގެ ޖީބުން ނެގި ތަނޅުދަނޑި ފަތިން އެ ދޮރު ހުޅުވާލިއެވެ. ބޭރުގައި ފައިވަން ބަހައްޓާފައި ފަރުހާދު ވަނުމުން ދެންތިބި މީހުން ވެސް އެފަދައިން ކަންތައް ކުރިއެވެ. ހޭޒަލްގެ ނަޒަރު ވަށައިގެން ހިންގާލެވުނެވެ. އެއީ ފުރިހަމަ ތައްޔާރުކުރެވިފައި ހުރި އެއްކޮޓަރީގެ އެޕާޓްމެންޓެކެވެ. ކެއްކުމާއި އެއްޗެހި ދޮވުމާއި އެހެނިހެން ޢާންމު ދިރިއުޅުމަށް ބޭނުންވާނޭ ކަންކަން ކުރެވޭނޭ އިންތިޒާމު ހަމަޖެހިފައި ހުރި ތަނެވެ. ދޮރުން ވަންނައިރު ވައަތް ފަރާތުގައި ވަނީ ބަދިގެއެވެ. ބަދިގެއިން ނުކުމެވޭ ގޮތަށް ބެލްކަންޏެއް ހުއްޓެވެ. އެތަނަށް ނުކުތުމުން ފެންނަނީ އެ އިމާރާތުގެ ބިއްދޮށް ފަރާތެވެ. ސިޓިންރޫމު ތެރެއިން ވެސް ނުކުމެވޭ ގޮތަށް ބެލްކަންޏެއް ހުއްޓެވެ. އެތަނުން ފެންނަނީ އިމާރާތުގެ ކުރިމައްޗެވެ. ފަރުހާދުގެ ތަޅުދަނޑި ފަތިން "ޑަބަލް ކީ"ތައް ނަގައި ލިއަމްއަށް ދިއްކޮށްލިއެވެ.

"މީ ކޮޓަރި ތަޅުދަނޑި، މީ ބޭރު ދޮރު، ފާޚާނާ ތަޅުދަނޑިއެއްނެތް... ތުވާއްޔާ އެއްޗެހި ހުންނާނެ ފާޚާނާގަ... ކޮންމެ ދުވަހަކު އަންނާނެ މިތަން ސާފުކުރާ މީހާ، އޭނާގެ ނަންބަރު އަހަރެން ދޭނަން، ސާފުކޮށްލައި ކުނި ބޭރުކުރަންވީމަ އޭނާއަށް ގުޅާލާ... ދެން ތިމީހުން އުޅޭއިރު މިތަނަށް އިތުރު މީހަކު ނުވެންނާނެ، އެ ޔަގީންކަން ދޭންވެގެން ޑަބަލް ކީ މިދިނީ.... ގޭސް ހުންނާނެ، ބޭނުމިއްޔާ އުނދުން ބޭނުންކުރެވޭނެ، ކަރަންޓު ޖަގާއި ކުކަރެއް ހުންނާނެ، ކޮފީ މެޝިނެއް ވެސް ހުންނާނެ... އެކަމަކު ކޮފީ ގަންނަންޖެހޭނީ...އާން! ދެން އަދި ފުރިޖު... އޭތި ކަރަންޓު ކަނޑާލާފަ ހުންނާނީ، ޖައްސާލަން ޖެހޭނީ... ބަރާބަރުވާނެ!..." ފަރުހާދު ތަފްސީލެއް ދިނެވެ.

"ތޭންކްސް ފަރޭ... ޕޭމަންޓު..." ލިއަމް އަގުގެ ވާހަކަ ބުނަން އުޅުމުން ފަރުހާދު ބަލާލީ ޝިޔާނަށެވެ.

"ކަލޭ އަނބިމީހާ ކުރިމަތީ މަގޭ އަނގައިން އައުގުރާނައެއް ގޮއްވަންތަ ތިއުޅެނީ" ފަރުހާދަ ބުންޏެވެ. އެއާއެކު ޝިޔާނާއި ލިއަމް ހޭން ފެށިއެވެ.

"މީ ތި ދެމަފިރިންނަށް ދިން ހަދިޔާއެއް، މިކޮޅުގަ އިންޖޮއި ކޮށްލާ" ފަރުހާދު ބުނެލިއެވެ.

"އޭތް! ފަހުން ކޮފީއަކަށް އަރަންވާނެއެއްނު" ޝިޔާނު ބުންޏެވެ.

"އާން!... ލިއަމް!... ކަލޭ އަނގެއްދޭން ތިހާ ބޭނުންވަންޏާ މަށަށް ކޮފީގަނޑަކުން ފުދޭނެ" ފަރުހާދު ބުންޏެވެ. ފަރުހާދު ދާން އުޅުމުން ޝިޔާނު ވެސް އޭނާއާއެކު ދާނަމޭ ބުންޏެވެ.

"ދެކުދީން ޓައިމް ސްޕެންޑްކޮށްލާ... ލަންޗަށް ދާންވީމަ ގުޅާ" ފަރުހާދާއެކު ނުކުންނަމުން ޝިޔާނު ބުންޏެވެ. ހޭޒަލް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ލިއަމް އެމީހުންނާއެކު ތިރިއަށް ގޮސްފައި އެބައަންނަން ކަމުގައި ހޭޒަލްގެ ގާތުގައި ބުންޏެވެ. ހޭޒަލް ބޯޖަހާލުމުން ލިއަމް ނުކުމެގެން ހިނގައްޖެއެވެ. ހޭޒަލް ނުކުމެ މަޑުކޮށްލީ ސިޓިންރޫމުން ނުކުމެގެން ހުރި ބެލްކަނީގައެވެ.

މެންދުރުވާން އުޅޭއިރު ގަދަ އަވިން މަގުތައް ދޮންކުރަމުންދިޔައެވެ. ވިއްސާރަނުވެހޭތާ ދުވަސްތަކެއް ވެއްޖެކަން މަގުތަކަށް ބަލާލުމުން އެނގޭހާ ވެއެވެ. ރަށުގެ ބޮޑު ސަރަޙައްދެއް އެތަނުގައި ހުންނައިރު ހޭޒަލްއަށް ފެނެއެވެ. ހިތްހަމަޖެހުމުގެ ދިގު ނޭވާއެއް ހޭޒަލްއަށް ދޫކޮށްލެވުނެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.

"ޒެއްލު..." އެޕާޓްމެންޓަށް ވަދެ ދޮރުލައްޕާލި އަޑާއެކު ލިއަމް ގޮވާލި އަޑުއިވުނެވެ. ހޭޒަލް އެނބުރިލިއިރު އޭނާ ހުރިތަން ލިއަމްއަށް ފެނިއްޖެއެވެ. މަޑުމަޑުން ލިއަމް އައިސް ހޭޒަލްގެ އުނަގަނޑުގައި ހިފާލަމުން އަރިއަކަށް ހުއްޓިލިއެވެ.

"ރަނގަޅުތަ؟" ލިއަމް އަހާލިއެވެ. ނިކަން އަވަހަށް ހޭޒަލް ބޯޖަހާލިއެވެ.

"ކިހިނެއް މިހުރިހާކަމެއް ހަމަޖެއްސީ" ހޭޒަލް އެއްސެވެ.

"ފަރުހާދައަކީ މިރަށުގެ ބޮޑު ވިޔަފާރިވެރިއެއް... މީ ރަށަށް އަންނަ ބޮޑެތި މީހުން ތިބޭތަނެއް، އަހަރެން ޒެއްލު ގެންނަން އެވާހަކަ ދައްކަނިކޮށް ފަރުހާދު ބުނީ ތަނެއް ހުންނާނެއޭ، މިދުވަސްކޮޅު މިތަން ހުސްކޮށް ހުރީމަ މިތާ ތިބެން ހަމަޖައްސައިދިނީ" ލިއަމް އޮޅުން ފިލުވާދިނެވެ.

"އައި މިސްޑް ޔޫ... ވަރަށް ބޮޑަށް... ކިރިޔާ ސައިކޯނުވެ މިހުރީ" ލިއަމްއާ ބޮޑަށް ގާތްވެލަމުން ހޭޒަލް ބުންޏެވެ.

"އައި ނޯ ބޭބީ، އަހަންނަށް ވެސް އެނގޭ ޒެއްލުއަށް ވާނެގޮތް... ޒެއްލު ހީކުރަނީ އަހަރެން ޒެއްލުއާ މެދު ނުވިސްނާކަމައްތަ؟" ލިއަމް ބުންޏެވެ. ހޭޒަލް ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމަށެވެ.

"ހިނގާ ބަލަ ކޮޓަރިއަށް... އެތަން އަދި ނުބަލަމެންނު... ލަންޗަށް ނުކުންނާނީ އެކެއްޖެހީމައެއްނު" ލިއަމް އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ގަޑިތަކުން އެގާރަ ޖެހީއެވެ.

ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ދޮރުންވަންނަ އިރު ވައަތްފަރާތުގައި ފާޚާނާގެ ދޮރު ހުއްޓެވެ. ކިންގްސައިޒުގެ ބޮޑު އެނދެއް ފުރިހަމައަށް ތައްޔާރުކުރެވިފައި ކޮޓަރީގެ ވައަތު ފާރުގައި ޖައްސާފައި ހުއްޓެވެ. އެނދުގެ އެއްފަރާތުގައި ފާޚާނާ ހުރި ފާރުގައި ކައިރީ ރީތިވާ މޭޒު ހުއްޓެވެ. އެނދުގެ ކުރިމައްޗަށް ވާހެން ކަނާއަތް ފަރާތުގައި ހަތަރު ދޮރުފަތުގެ ބޮޑު އަލަމާރިއެއް ހުއްޓެވެ. ކޮޓަރީއަށް ވަންނައިރު މޫނު ޖެހޭ ފާރުގައި ފަރުދާ ދަމާފައި ބޮޑު ކުޑަދޮރެއް ހުއްޓެވެ. މިނީބާއެއް ވެސް އެ ކޮޓަރީގައި ހުއްޓެވެ. ހޭޒަލް އައި ފާޚާނާ ދޮރުމަތީ މަޑުކޮށްލިއެވެ. އެއްބިތް ފުރާވަރުގެ ބޮޑު ލޯގަނޑު ހޭޒަލްގެ ސޫރަ ފެންނަން ހުއްޓެވެ. އެ ޕާޙާނާއިގަ ފެންވަރާބައި ހުރީ ބިއްލޫރި ޖަހާ ވަކިކުރެވިފައެވެ. ފަހުގެ ފަރުމާކުރުމަކަށް ހާދައި ހުރި ފާޚާނާއެކެވެ. ލިއަމް އައިސް ހޭޒަލްގެ ފަހަތުން ބައްދާލިއެވެ.

"ލެޓްސް ޑޫ..." ހޭޒަލްގެ ކަންފަތްދޮށުގައި ލިއަމް ބުންޏެވެ. އަދި ހޭޒަލްގެ އުނަގަނޑުގައި ހިފާ އިހުނަށްވުރެ ގާތްކޮށްލުމާއެކު އޭނާގެ ކަނދުރާގައި ލިއަމް ބޮސްދޭން ފެށިއެވެ.

"ޑޫ ޔޫ ވޯންޓް މީ ޓު ޕްރެޝަން އަޕް" ހޭޒަލް މަޑުމަޑުން އަހާލިއެވެ.

"އެހާއިރަށް ކެތެއްނުވާނެ" ލިއަމް ބުނެލިއެވެ. އަދި ހޭޒަލް ގޮވައިގެން އެނދާ ދިމާއަށް ލިއަމްއައެވެ.

* * * * * *

ހަވީރު ލިއަމްއާއެކު ރަށުތެރެ ބަލާލަން ހޭޒަލް ނުކުތެވެ. ޝިޔާނު ހުރީ ލިއަމް ދުއްވަން ސައިކަލެއް ވެސް ހޯދާ ދީފައެވެ. އެމީހުންނާއެކު ޝިޔާނު ބައިވެރިވިއެވެ. ރަށުގެ ފުޓުބޯޅަ ދަނޑާއި ހޮސްޕިޓަލާއި ލިއަމް ހުންނަ ޕުލުހުންގެ އިދާރާ ވެސް ހޭޒަލްއަށް ދައްކާލިއެވެ. ހޭޒަލް ރަށުގައި ހުންނައިރު މަޖާކަމެއް ބާއްވަންވާނެކަމަށް ޝިޔާނު ބުންޏެވެ. ރަށުގެ އަތިރިމަތި ފެންނާނޭހެން ހުރި ހިތްފަސޭހަ ދިމާއެއްގައި ސައިކަލު މަޑުކޮށްލައިގެން ޝިޔާނުއާއި ލިއަމް ވާހަކަދައްކަން ތިއްބެވެ. ރާޅުފަށަށް ފައިބާ އުޅުނު ހޭޒަލްއަށް ދޭތެރެއަކުން ލިއަމް ބަލާލައެވެ.

"ޔުސްރާ ބުނި ޒެއްލު އެގެއަށް ގެންނަން، މިރޭ އެކޮޅުން ކާންވެގެން... ޒެއްލު އޯކޭވާނެތަ" ޝިޔާނު އަހާލިއެވެ.

"އެއްރޭ ޖޯލީގަ އޮވެފަ އަހަރެން ވެސް ބުނިން ޝިޔާނު މީހަކާ އިންނަން އުޅޭ ވާހަކަ، އެމީހަކީ ޔުސްރާކަން... ޝީ ނޯސް ޔޫ އާ މެރީޑް... ޑޯންޓް ވޮރީ!... ޒެއްލު ވަރަށް އަންޑަސްޓޭންޑިންވާނެ" ލިއަމްގެ ނަޒަރު ދުރުގައި ހުރި ހޭޒަލްއަށް ހުއްޓުނެވެ.

"އެހެންވެއްޖެއްޔާ ލިއަމް ބުނޭ ޒެއްލު ގާތު... އަހަރެން ޔުސްރާ ގާތު ބުނާނަން ތި މީހުން ގޮވައިގެން އަންނާނަމޭ" ޝިޔާނު ބުނި އެއްޗަކަށް ލިއަމް ބޯޖަހާލިއެވެ.

މަޣްރިބުކޮށްގެން ފޭބި ހޭޒަލްއަށް ލިއަމް ގޮވާލީ އެނދުގައި އޮވެއެވެ. ނަމާދު ދޮޅިއާއެކު ހޭޒަލް އައިސް ލިއަމް ގާތު އެނދުގައި އިށީނެވެ. އެއާއެކު ޝިޔާނު ދެއްކި ވާހަކަ ލިއަމް ބުނެލިއެވެ. ހޭޒަލް އިރުކޮޅަކު ހިމޭނުން އިނުމުން އޭނާ ހިތްހަމަނުޖެހުނީ ކަމަށް ލިއަމް ހީކުރިއެވެ.

"އެއީ ޝިޔާނުގެ ލައިފް، އަހަންނަށް އެކަންކަން ބަދަލެއް ނުކުރެވޭނެ... އެކަމަކު ވެސް ޒެއްލު ބޭނުންނުވަންޏާ ދާކަށް އަހަރެން މަޖުބޫރެއްނުކުރާނަން، އަހަރެން ޝިޔާނަށް ގުޅައި ކޮންމެވެސް ގޮތަކުން ހަމަޖައްސާލަފާނަން" ލިއަމް ބުންޏެވެ.

"އޭރުން ކަމަކުނުދާނެ ދޯ... ބަހަނާ ދައްކައިގެން ނުގޮސް ދެ ދުވަހު ހުރެވިދާނެ، އެކަމަކު އައިސް މިހުރީ ދެތިން ދުވަހަކަށްނޫން ދޯ... އަހަންނަށް އޯކޭ... ދިޔައިމަ ތި ޔުސްރާއެއް ވެސް ފެންނާނެތާ... އައި ވޯންޓް ބީ ރޫޑް، ލިއަމްގެ ފޭސްއަށް އަހަރެން ވެސް ވިސްނަން" ހޭޒަލް ބުންޏެވެ. ލިއަމް ހިނިތުންވެލިއެވެ. ލޯތްބާއެކު ހޭޒަލްގެ ކޮލުގައި ފިރުމާލިއެވެ.

"މާދަމާ މި ވިސްނަނީ ބްރޭކެއް ނަގަން... މުޅި ދުވަސް ޒެއްލުއާއެކު ސްޕެންޑް ކުރަން ވިސްނައިގެން މިހުރީ، ޒެއްލު ހުއްޓަސް އަހަރެންގެ އޮފީސް މަސައްކަތްތައް ކުރަންޖެހޭނެކަން އެނގެއެއްނު ދޯ.... ބަޓް ޔޫ ޑޯންޓް ވޮރީ، ކޮންމެ ދުވަހަކު ޓޫ އަވާޒް އަހަންނަށް ދީ، އޮފީސް ކަންކަން ނިންމާލާފަ އަވަހަށް އަންނާނަން އިނގޭ" ލިއަމްގެ ހުށަހެޅުން ހޭޒަލްއަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. މުޅި ދުވަހަކުން ދެ ގަޑިއިރު ލިއަމްއަށް ދީގެން އޭނާ ނުފެނި މޮޔަވާވަރެއް ހޭޒަލް ނުވާނޭކަން އެނގޭތީއެވެ.

އިޝާ ނަމާދުން ފައިބާ ހޭޒަލް ތައްޔާރުވާން ފެށީ ޔުސްރާމެންގެއަށް ދާން ޝިޔާނު ބަލާ އަންނަންވާއިރަށެވެ. އޯފްޝޯލްޑާ ޓޮޕެއް ހޭޒަލް ނެގުމުން ލިއަމް އެދުނީ އޭތި ބަދަލުކޮށްލުމަށެވެ. ވަރަށް މަދިރި އުޅޭނޭ ލިއަމް ބުންޏެވެ. އެއާއެކު ދެން ނެގީ ކުރީމް ކުލައިގެ ފޮއްޗެއްގައި މަޑުކުލަތަކެއްގެ މާތަކެއް ޖަހާފައި ހުރި ގަމީހެކެވެ. އަތްކުރި ވަކިވަރަކަށް އޮޅާލައި ހަރުކޮށްލިއެވެ. އެއާ ގުޅުވާލީ މަޑު ނޫކުލައިގެ ޖީންސެކެވެ. ކުރިމަތިން ގަމީހުގެ އެއްކޮޅު އޭނާ ބެގީ ޖަހާލިއެވެ. ކޮންވާސްއާއެކު ހޭޒަލް އެ ދަތުރަށް ގެނައީ ތިރި ބޫޓަކާއި އާދައިގެ ފައިވާނެކެވެ. އެތަނުން ތިރި ބޫޓަށް އަރާލިއެވެ. އޭނާގެ ދިގު އިސްތަށިގަނޑު ފަހަތަށް އައްސާލިއެވެ. ލިއަމް ހުރީ ހުދު ޓީޝާޓަކާއި ގަދަނޫކުލައިގެ ޖީންސެއްގައެވެ.

ގޯތިތެރެއަށް ވައްދާފައި ހުރި ސައިކަލަށް ލިއަމް އެރުމުން ހޭޒަލް ވެސް އެރިއެވެ. އޭރު ބޭރު ފާރުކައިރީ ސައިކަލު ބަހައްޓާފައި އެއިން ފައިބައިގެން އައި ޝިޔާނު ގޭޓު ހުޅުވާލަ ދިނެވެ. ލިއަމް ނުކުތުމުން އޭނާ ގޭޓު ބަންދުކޮށްފައި އޭނާގެ ސައިކަލަށް އެރިއެވެ. ބޮޑު ބަނބުކެޔޮ ގަހެއް ލާފައި ހުރި ގެއެއް ކައިރިއަށް އެމީހުން މަޑުކުރިއެވެ. އެއާއެކު އެގެއަށް ވަންނަ ދޮރޯށީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ހަ މީހުންގެ ޖޯލިފަތި ހޭޒައަށް ފެނުނެވެ. ސައިކަލުން ހޭޒަލް ފައިބާ ލިއަމްއާއެކު އައިސް ޖޯލިފަތިން ޖޯއްޔެއްގައި ހޭޒަލް އިށީނެވެ. ލިއަމް ހުރީ ދެތިންފިޔަވަޅު ދުރުގައި ކޮޅަށެވެ. ޝީޔާނު ފޯނުކޯލެއް ކޮށްލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ. ގިނައިރެއްނުވެ ދެން ފެނުނީ ދުވެފައި ނުކުތް އިސްކޮޅުން ކުރު އަންހެނެވެ. ފަސްފޫޓު ވެސް އޭނާގެ ހަމަވާނޭކަމެއް ނޭނގެއެވެ. ނިކަން ފުޅާ ހިނިތުންވުމަކާއެކު އޭނާ ދުވެފައި ލިއަމްއާ ދިމާއަށެވެ. ހަމައެވަގުތު ލިއަމް ކުރިއަށް ޖެހިލައި ބޮލުން އިޝާރާތްކޮށްލާ ހޭޒަލް ދައްކާލިއެވެ. ވަގުތުން އެ އަންހެން މީހާގެ ހަރަކާތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ. ހޭޒަލް އެ އަންހެން މީހާއަށް ހިނިތުންވުމެއް ދިނެވެ. ނަމަވެސް އޭނާ ހުރީ ފާޑަކަށް ހުއްޓުން އަރާފައި ހުރި ގޮތަކަށެވެ. ހީވީ ކުއްލި ހައިރާންކަމާކާ ސިހުމެއް ލިބިފައި ހުރިހެންނެވެ. އޭނާގެ ނަޒަރު ދެވަނަ ފަހަރަށް ވެސް ލިއަމްއަށް ހުއްޓުނުތަން ހޭޒަލް ދުށްޓެވެ. ޚުދު އޭނާ ވެސް އެ އަންހެންމީހާގެ ފުށުން ފެނުނު އަސަރުތަކުން ހައިރާންވެއްޖެއެވެ.

"މައި ވައިފް" ހޭޒަލްއަށް އަތްދިއްކޮށްލަމުން އެއަތުގައި ހޭޒަލް ހިފުމުން އޭނާ ޖޯލިން ނަގަމުން ލިއަމް ބުނެލިއެވެ. އެވަގުތު ގޭތެރެއިން އިތުރު އަންހެނަކާއެކު ޝިޔާނު ނުކުތެވެ.

"އެ ހުރީ ލިއަމްގެ އަންހެނުން ގެނެސްދީފަ... މީ ޔުސްރާ، އެއީ ޒެއްލު" ޝިޔާނާއެކު ނުކުތް އަންހެންމީހާ ތަޢާރަފުކޮށްދިނެވެ. ހޭޒަލް ހިނިތުންވެލިއެވެ. އެހިނދު ދެން އެތަނުގައި ހުރި އަންހެން މީހާ ވެސް އޭނާގެ މޫނުގައި ހުރި އަސަރުތައް ފިލުވާލައި ހިނިތުންވެލިތަން ހޭޒަލް ދުށްޓެވެ.

(ނުނިމޭ)