ކޮލަމް

ދިވެހިން ބޭނުންވާ ތަރައްޤީއަކީ ކޮބާ؟

Sep 17, 2019
9

ތަރައްޤީގެ ވާހަކަޔަކީ ސިޔާސީ ކޮންމެ ކެމްޕޭނެއްގައިވެސް އެންމެ ބާރަށް އިވޭ އެއްއަޑެވެ. ދުނިޔޭގެ ކުދި، ބޮޑު އެންމެހައި ޤައުމެއްގައިވެސް، ތަރައްޤީއަކީ ސިޔާސީ ގޮތުން ނުހަނު ފޯރީގައި ދައްކާ އެއް ވާހަކައެވެ. ދިވެހިރާއްޖޭގެ އިޤްތިސާދުގެ ބަހާތަކަށް ބަލައިލާއިރު، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަތުރުފަތުރުކުރުމާއި ޢިމާރާތްކުރުމަކީ ދިވެހި ޤައުމުގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ނުވަތަ "ޖީ.ޑީ.ޕީ") ބެލުމުގައި ބޭނުންކުރާ މައިގަނޑު ޞިނާޢަތްތަކެވެ. އެހެންކަމުން، އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓުމަށްޓަކައި މިޞިނާޢަތްތަކުގެ ދުވެއްޔަށް ޚާއްޞަ ނަޒަރެއްދިނުން ލާޒިމުވެގެން ދެއެވެ. ކަންމިހެން އޮތްނަމަވެސް، އިޤްތިޞާދީ ކޮންމެ ދާއިރާއެއްގެ ވެސް ހަޤީޤީ ތަރައްޤީ މިނެކިރަން ބޭނުންކުރުން އެންމެ ރަނގަޅީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އިޤްތިޞާދުގެ ކަންކަން މިނެކިރަން ގެންގުޅޭ އެންމެ މިންހެޔޮ "ނާޅި" ތަކެވެ. އަދި ހަމައެއާއިއެކު، ސިޔާސީ ތަރައްޤީގެ ވާހަކަ އާންމު ގޮތެއްގައި ދައްކާއިރުވެސް، މިގޮތުން ބޭނުންކުރާ އެންމެ ފުރަތަމަ އެއް "ނާޅި"ޔަކީ އިސްވެ މިދެންނެވި، ޤައުމީ އުފެއްދުން ތެރިކަމުގެ ނިސްބަތް ނުވަތަ "ޖީ.ޑީ.ޕީ" ކަން ފާހަގަކުރަން ޖެހޭމެއެވެ.

މިދެންނެވި ބީދައިން ދިވެހިރާއްޖެޔާ ދިމާޔަށް ބަލައިލާއިރު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ ނިސްބަތް ("ޖީ.ޑީ.ޕީ، ޕަރ ކެޕިޓާ") އަންނަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. މިގޮތުން، 1980މ. ވަނަ އަހަރު ބޮލަކަށް 588 އެމެރިކާ ޑޮލަރު ޖެހުނުއިރު، 2017މ. ގައި ހަމައަށް އައިއިރު ބޮލަކަށް 11151 އެމެރިކާ ޑޮލަރު ޖެހެއެވެ. އ.ދ. ގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، 2018މ. ވަނަ އަހަރާ ހަމަޔަށް އަޅުގަނޑުމެންނަށް އާދެވުނުއިރު، މުޅި ދެކުނު އޭޝިއާގައި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އެންމެ ރަނގަޅަށް ކުރިއަރައިފައިވާ ދެވަނަ ޤައުމަކީ ދިވެހިރާއްޖެ އެވެ! ކަން މިހެން އޮތްނަމަވެސް، ދެން އުފެދޭ މުހިންމު އެއްސުވާލަކީ މިކުރިއެރުމުގެ ރަހަ އާދައިގެ ރައްޔިތުމީހާގެ ކަރު ގައި ލާ މިންވަރަކީ ކޮބައިތޯއެވެ؟ އަނެއްސުވާލަކީ، ކަމުގެ ނަފާ ފުރިހަމަގޮތުގައި ރައްޔިތުމީހާއަށް ލިބެމުން ދާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔަޔަސް، ރައްޔިތުމީހާއަށް އެކަން ނޭނގިދަނީ އެނަފާ އިޙްސާސްކޮށް ދެނެގަންނަން އޭނާޔަށް ހަމަ ނޭނގޭތީ ބާވައެވެ؟

ދިވެހިރާއްޖޭގެ ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރާ މީހުންނަކީ ރާއްޖޭގައި ވަޒީފާގެ ބޮޑު ބައެއް ޙިއްސާ ކުރާ ބަޔަކަށްވާއިރު، 2017މ. ވަނަ އަހަރު އާންމުކުރެވުނު ތަފާސްހިސާބުތައް ދައްކާގޮތުން، މީގެ ތެރެއިން 50 އިން ސައްތަ މީހުންނަކީ 5000 ރުފިޔާއަށް ވުރެ ދަށުން އަސާސީ މުސާރަ ލިބޭ މުވައްޒަފުންނެވެ. އަދި ހަމައެފަދައިން، އަމިއްލަ އެކި ފަރާތްތަކުގެ ވަޒީފާގެ ދާއިރާޔަށް ބަލާނަމަ ދިވެހިރާއްޖޭގައި ގިނައީ ބޮޑެތި ކުންފުނިތަކަށް ވުރެ މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކެވެ. މިފަދަ ތަންތާނގައި ވަޒީފާ އަދާކުރާ ގިނަ ފަރާތްތަކުން މުވައްޒަފަނުންނަށް ރަނގަޅު މުސާރައެއް ދިނުމަކީ ވަރަށް ނުވާ ކަމެކެވެ. ކަމާބެހޭ ތަފާސްހިސާބުތަކެއް އާންމު ކުރެވިފައި ނެތްނަމަވެސް، އަޅުގަޑުމެންނަށް ޤަބޫލުކުރެވެނީ، އަމިއްލަ އެކިފަރާތްތަކުގެ ވަޒީފާގައި އުޅޭ ގިނަ މީހުންނަކީ ކުޑަ އުޖޫރައެއްގައިވަޒީފާއަދާ މީހުން ކަމުގައެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ އިޖްތިމާޢީ ޢަދާލަތު ފުރިހަމަ ގޮތުގައި ޤާއިމްކުރުމުގެ އެންމެމުހިއްމު ބިންގަލަކަށްވާނީ މާލީ ފުދުންތެރިކަން ހަމަހަމަކުރެވޭނެ ކާމިޔާބު ސިޔާސަތުތަކެއް ތަންފީޒުކުރެވި، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ދައުލަތުގެ އިތުރުން އާންމު ފަރުދުން މަސައްކަތްކުރަން ފެށިގެން އެޅޭ ބިންގަލެކެވެ. މިތާނގައި "އާންމު ފަރުދުން"ނޭ ލިޔެފައި އެއޮތީ އޮޅުމަކުން ނޫނެވެ. ދިވެހިރާއްޖޭގައި މިއަދު ފެންނަމުން މިދާ މަންޒަރުތަކަށް ބަލާނަމަ، ޢާންމު ރައްޔިތުންގެ އިޙްލާސްތެރިކަމަކީވެސް އިޤްތިޞާދީ އިންސާފު ޤާއިމުކުރުމުގައި މުހިންމު ދައުރެއް އޮތް ކަމެއްކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭތީ އެހެން ލިޔުނީއެވެ!

ދިވެހިރާއްޖެއަކީ އާބާދީއަށް ބަލާއިރު ކުޑަ ޤައުމެކެވެ. މީސްކޮޅު މަދުކަމާއެކު، އެކަކު އަނެކަކު ދަންނަ ދަތުން ބޮޑު ގޮތަކަށް އެކި ޖަޒީރާތަކުގެ މައްޗަށް އާބާދީ ބެހިފައިވާ ޤައުމެއް މެއެވެ. މިކަހަލަ ކުދި މުޖުތަމަޢުތަކުގައި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ކަން ހިނގާފަދައިން، ޢަދްލު އިންސާފު ޤާއިމު ކުރުމުގައްޔާއި އިޤްތިޞާދީ ހަމަހަމަ ކަން ޤާއިމު ކުރުމުގައި ރައްޓެހި ރަޙްމަތްތެރިންނަށް ގާތްގޮތެއް، ދުރުމީހުންނަށް އަދި އެހެން ގޮތެއް ހެދުމަކީ ކަންހިނގާ ގޮތްކަމަށް ބައެއް މީހުން ޤަބޫލުކުރާނެއެވެ. މިވެނި މީހާޔަކީ ތިމާގެ މީހަކަށް ވާތީ،ނުވަތަ ގާތް ރަޙްމަތްތެރިއަކަށް ވާތީ، އެމީހަކަށް "ޚާއްޞަގޮތެއް" ހަދައިލައި ދިނުން އޮންނާނީ ވަރަށް ގާތުގައެވެ. އެފަދަ ތަންތާނގައި ދައުލަތުގެ ވެރިން ކަމުގައި ކިތަންމެ އިޙްލާސްތެރި ބަޔަކު އަދި ތިއްބަސް، އެތަނެއްގައި ދިރިއުޅޭ ގިނަ ފަރުދުންނަކީ މިދެންނެވި ހަމަތަކުގެ މަތިން އިންސާފާއި ހަމަހަމަކަން ކިރާ ބަޔަކަށް ވާނަމަ، އެއީ ހަމަހަމަކަމާއި އިންސާފުގެ މަގުން ޤައުމު ކުރިއަށް ގެންދަން އޮތް ވަރަށް ބޮޑު ހުރަހަކަށް އޮންނާނީ ވެފައެވެ. އަދި ހަމައެބީދައިން، އެފަދަ ތަނެއްގައި ޢަދްލު އިންސާފާއި ހަމަހަމަކަން ފުރިހަމަޔަށް ޤާއިމުކުރަން މަސައްކަތްކުރާ ވެރީންނަކީ އެހާ މަޤްބޫލުބަޔަކަށް ނުވެދިޔުން އޮންނާނީ ވަރަށް ގާތުގައެވެ.

ދެން އޮތީ ދައުލަތުގެ ސިޔާސަތުތަކުގެ ވާހަކައެވެ. އޭޝިއާގެ ތެރޭގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެއަކީ އިޖްތިމާޢީ ހާލަތުރަނގަޅު ކުރުމުގެ ސިޔާސަތުތައް އެންމެ ގިނައިން ތަޢާރަފްކުރާ އެއް ޤައުމެކޭ ބުނުމަކުން އެއީ ދޮގަކަށް ނުވާނެއެވެ. އޭޝިއަން ޑެވެލޮޕްމަންޓް ބޭންކުން ފެންނަން އޮތް ތަފާސް ހިސާބުތަކުން މިކަން ޔަޤީންކުރެވެއެވެ. ނަމަވެސް، މި ސިޔާސަތުތަކުގެ ފޮނިރަހަ އާންމުފަރުދުންގެ އަރުގައި ލާންވާ ވަރަށް ލަމުންދާ ކަމާމެދު ޝައްކެވެ. ފާހަގަވާ ގޮތުގައި، ތަރައްޤީގެ އެތަކެއް މަޝްރޫޢު އަދި ހިންގި ކަމުގައި ވިޔަސް، އެފަދަ މަޝްރޫޢު ތަކުގެ ޙަޤީޤީ ފައިދާ ކުރެޔޭ ދަންނަވަން ދަތިވުމަކީ ބައެއްފަހަރު ދިމާވާ ކަމެކޭ ދަންނަވާ ލާފައި މިފަހަރަށް ފުއްދާލާނަމެވެ. އެހެންނަމަވެސް، މިފަދަ ބައެއް މަޝްރޫޢޫ ހިންގަނީ ކަރުދާހުގައި ފާހަގަ ޖަހާލައިގެންނޭ ބުނާބަޔަކު އުޅޭވާހަކަވެސް ދަންނަވާލުމަކީ ގޯހެއް ނޫން، ދެއްތޯއެވެ!

ޙައްލަކީ ކޮބައިތޯއެވެ؟

މައުޟޫޢުގައި މިދަންނަވާ ބައެއް ކަންކަމަށް ޙައްލެއް ހޯދުމުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަވެސް މާނަކުރަންޖެހެނީ ތަރައްޤީއަކީ ކޮބައިކަމެވެ. ތަރައްޤީގެ ލަފްޒީ މާނައަކީ ކުރީގެ ޙާލަތައްވުރެ ރަނގަޅު ޙާލަތަކަށް ދިޔުމެވެ. އިޖްމާޢީގޮތުން ބަލާނަމަ، އަޅުގަޑުމެން ޤަބޫލުކުރަނީ ތަރައްޤީއަކީ ފަރުދުންގެ އާންމު ޙާލަތު އެބަޔަކު ޤަބޫލުކުރާ ޤަބޫލުކުރުންތަކާ އެއްވަރަށް ކުރިއެރުމެވެ. އަޅުގަޑަމެންނަށް ފެންނަ ގޮތުގައި، މިފަދައިން މިޒަމާނުގައި ބަޔާންކުރާ ގިނަ ޙައްލުގެ ފެށުން ގުޅިފައިވަނީ ފައިސާޔާއެވެ. ދައުލަތާއި މާލީ ފުދުންތެރިކަން ކުރިއަރައިދާފަދަ ގޮތަކަށް ސިޔާސަތުތައް އެކަށައެޅުމާއެވެ. އެހެނީ، ދައުލަތާއި ޢާންމުފަރުދުންގެ ފުދުންތެރިކަން އިތުރުވާނަމަ، އެކަމުގެ ސަބަބުން ޤައުމުގައި ހުރި އިޖްތިމާޢީ މައްސަލަތައް ރަނގަޅު ކުރުމަށް ހޭދަކުރާނެ އެއް ވަޞީލަތް ކަމުގައިވާ މާލީ ތަނަވަސްކަން އޮންނާނީ ލިބިފައެވެ.

ދިވެހިރާއްޖޭގައި އެތަނެއްގެ ވާހަކަ ދެކެވޭ "ނަމޫނާ ސިންގަޕޫރު" ގައި ވެސް، އިޖްތިމާޢީ ސިޔާސަތުތައް ހަރުދަނާ ގޮތުގައި ރޭވި ތަންފީޒުކުރެވެނީ އެ ޤައުމުގެ އެފަދަ ސިޔާސަތުތައް ފެންވަރު ރަނގަޅު ގޮތުގައި ރޭވުމަށް ހޭދަކުރުމުގެ މާލީ ޤާބިލްކަން ޤައުމަށް ލިބިފައިވާތީއެވެ. މާލީ ފުދުންތެރިކަމަކީ އިޖްތިމާޢީ ޢަދާލަތު ޤާއިމްކުރުމުގެ ބިންގަލެއްކަމުގައި އަޅުގަޑުމެން ދެކި، އެކަމަށް ވަކާލާތު ކުރިކަމުގައިވިޔަސް، އެކަމާ އިދިކޮޅަށްވަކާލާތު ކުރާނެ ބަޔަކުވެސް ތިބޭނެއެވެ. އެފަދަ ފަރާތްތައް ބުނަމުން ގެންދާނީ، އިޖްތިމާޢީ ޢަދާލަތަކީ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ހަމައެކަނި ބިންގަލޭ އެވެ. އެހެން ނަމަވެސް، ދުނިޔޭގެ އެކިޤައުމުތަކަށް ބަލާ މީހަކަށް ފެނިގެންދާނީ، މާލީ ފުދުންތެރިކަން ދަށްވުމީ އިޖްތިމާޢީ މައްސަލަތައް ގިނަވުމަށް ހުޅުވޭދޮރެއްކަމެވެ. އެހެންކަމުން، އަޅުގަނޑުމެން މިއަދުވެސް ދެކޭގޮތުގައި ޤައުމުގެ ޞިނާޢަތްތައް ކުރިއަރުވައި، އެ ޞިނާޢަތްތަކުގައި އެންމެހައި ރައްޔިތުން ބައިވެރިވެވޭނޭ މަގު ތަނަވަސް ކޮށް، އެ ޞިނާޢަތްތަކުން ލިބޭ ފައިދާޔަކީ ހޮވައިލެވޭ މަދު ބައެއްގެ އެއްޗަކަށް ނުހަދައި، ލިބޭ ފައިދާޔަކީ ވީހާވެސް އިންސާފުވެރިކަމާއެކު އެންމެހައި ރައްޔިތުން އޭގައި ޙިއްޞާވާ އެއްޗަކަށް ހެދުމަކީ ދައުލަތުން އެންމެ އިސްކަންދޭންވީ އެންމެ މުހިއްމު އެއްމަސައްކަތެވެ.

މިފަދައިން ކުރެވޭނެ އެންމެހައި ކަންކަމުގެ ތަފްޞީލަށް އަދި ނުދިޔަޔަސް، އެއްދާއިރާޔަށް ބަލައިލަމާތޯއެވެ! ދިވެހިރާއްޖޭގެ މަޝްހޫރު ރަންބިސް އަޅާ ކުކުޅު ކަމުގައި ތަންކޮޅެއް ކުރިން ކޮންމެވެސް ބޭފުޅަކު ވިދާޅުވި ފަތުރުވެރިކަމުގެ ނަފާއިން މަންފާ ހޯދާ ދިވެހި ވިޔަފާރި ތަކަކީ މިހާރު އޮތްގޮތުން އަރައިގަންނަން ވިސްނަންވެއްޖެ ޞިނާޢަތެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ. މިދާއިރާގައި ރާއްޖެއިން ދުނިޔެއަށް ވިއްކަމުން މިގެންދާ ބާވަތްތައް އިތުރަށް ފުޅާކޮށް، ތަރައްޤީކޮށް، އައު ބާވަތްތައް އުފައްދައި، ވާދަވެރިކަން އިތުރު ވަމުންދާ ދާއިރާއެއްގައި އައު ހަރުފަތްތަކަކަށް އަރާކަށް އަދިވެސް ހަމަ ނުވޭތޯއެވެ؟ މީސްމީޑިޔާއާއި ސުމޭކީ ވަޞީލަތްތަކުން ގުޅިލާމެހިފައިވާ މިދުނިޔޭގައި މިފަދަ ކަންކަމަކީ ރާއްޖެފަދަ ކުދި އެތައް ޤައުމަކަށް ކުރިއަރައިދިޔުމަށް ފަސޭހަ މަގުތަކެއް ހުޅުވާލަދޭ ކަންކަމެވެ. މިކަމުގައިވެސް ބޭނުންވަނީ ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅައި، އެސިޔާސަތުތައް ޢަމަލީގޮތުން ތަންފީޒު ކުރުމެވެ. ބާރުވެރި ފަރާތްތަކުން އިސްކަންދޭންވީ އެފަދަ ސިޔާސަތުތައް އެކަށައެޅުމަށެވެ.

ދިވެހިރާއްޖޭގެ ވިޔަފާރިތައް ތަރައްޤީކޮށް، ދާއިރާ ފުޅާކުރަންވެއްޖޭ އަޅުގަނޑުމެން މިދަންނަވަނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. އޭގެ ތެރެއިން އެއް ސަބަބު މިސާލެއްގެ ގޮތުން ދަންނަވާނަމަވެ. ވިޔަފާރީގެ ދާއިރާ ފުޅާވުމަކީ ޓެކްސް ގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ އިތުރުވެ، ދައުލަތުގެ މާލީ ފުދުންތެރިން އިތުރުވާނެ ކަމެއްކަން އެންމެ ކުޑަ ކުއްޖާވެސް މިއަދު ދަންނާނެއެވެ. އަދި ދައުލަތުގެ ފަރާތުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ އިޖްތިމާޢީ އެކި ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނީ ދައުލަތުގެ ޚަޒާނާއިން ނެގޭ މިންވަރު އަނބުރާ ވެއްދިގެންކަންވެސް އެންމެން ހެޔޮހިތުން ޤަބޫލުކުރާނެމެއެވެ. މަދުރަސާ ތަކުގައި ދެވޭ ނާސްތާއިން ފެށިގެން އާސަންދަޔާއި އިސްރަށްވެހީންނަށް ދެވޭ ޢިނާޔަތްތަކަށް ކުރަން ޖެހޭ ޚަރަދާއި، ސިވިލް ސަރވިސް ގައި މަސައްކަތް ކުރާ އެކިފެންވަރު ގެ މުއައްޒަފުންނަށް ހަމަޖެހިގެން ދިރިއުޅެލެވޭ ވަރު ކޮށްދެވޭނީ މިން ކޮންގޮތަކުން ތޯއެވެ؟ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންގެ އިތުރުން، އެފަދަ އެހެނިހެން ޚިދުމަތްތެރިންގެ މަސައްކަތުގެ އަގު އެކަށީގެންވާ ގޮތަކަށް، އަދި ދެމެހެއްޓެނިވި ގޮތަކަށް ދެމުން ގެންދެވޭނީ މިނޫން ކޮންގޮތަކުން ތޯއެވެ؟ ކޮރަޕްޝަނާއި ފަސާދަޔާ ދެކޮޅަށް ދައުލަތުން ކުރަންޖެހޭ ހަނގުރާމަޔާއި، ޤާނޫނު ތައް ތަންފީޒުކުރުމުގައި ކުރަން ޖެހޭ ހޭދަޔާއި، ރައްޔިތުންގެ ޖުމުލަ ހޭލުންތެރިކަމާއި، މުއައްސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ބޭނުންވާ ފައިސާ ހޭދަކުރުމުގެ ޤާބިލްކަން ދައުލަތަށް ލިބިއޮންނާނީ މިނޫން ކޮންގޮތަކުން ތޯއެވެ؟ ތަޢުލީމީ މުއައްސަސާތަކަކީ ނަމެއްގައި ބޮޑެތި ސަނަދު ތަކެއް ދީ ފައި ދަސްވެނިން ނެރޭ ތަންތަނަށްނުވެ، އެތަންތަނަކީ ދުނިޔެ ޤަބޫލު ކުރާ ފެންވަރުގެ ޙިކްމަތްތެރި، ތޫނުފިލި ބަޔަކު ޤައުމަށް ޚިދުމަތްކުރަން ނެރޭ ތަންތަނަށް ހެދޭނީވެސް ހަމަ މިދެންނެވި ބީދައިން ނޫންތޯއެވެ؟ އަރަންޏާއި ދަރަނީގެ ފަރަޤު ކުޑަކުރާނެ މިނޫން ގޮތެއް އަޅުގަނޑުމެންނަކަށް އަދި ނުވިސްނެއެވެ.

އެޑިޓަރުގެ ނޯޓް:

މި މަޒުމޫނު ލިޔުނީ އިޖްތިމާއީ ތަރައްގީގައި ހަރަކާތްތެރިވަމުން ޕީކޮކް ކޮންސަލްޓިންގެ ފަރާތުން އަނިލް އާދަމާއި އޮގަރު އިބްރާހީމް ވަޙީދެވެ.