ހަބަރު

ފުލުހުންނަށް ދޭ ބާރުތަކާ ގުޅިގެން ފާއިޒުގެ ސުވާލު އުފައްދައިފި

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނިކޮށް، އެއީ އެންމެ ރަނގަޅު ގޮތްތޯ ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒު ހުސައިން ސުވާލު ކުރައްވައިފި އެވެ.

ޖައްމޫ ކަޝްމީރުގެ ސިޔާސީ މަސްރަހުން މިސާލު ނަންގަވައި ފާއިޒް ފޭސްބުކްގައި ވިދާޅުވީ އެ ގައުމުގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ފާރޫގު އަބްދުﷲ ހައްޔަރު ކުރީ އެއްވެސް ކަހަލަ ތަހުގީގަކާ ނުލައި ޝަރީއަތެއް ނުކޮށް ދެ އަހަރު ދުވަހަށް ޖަލަށް ލުރުމުގެ ބާރު ގާނޫނު ތަންފީޒު ކުރާ އިދާރާތަަށް ލިބިދޭ ގޮތަށް ހަދާފައިވާ ގަނޫނެއްގެ ދަށުން ކަމަށެވެ.

"އެ ގާނޫނަކީ އެ ގައުމުގެ ގާނޫނު އަސާސީއާއި ބައިނަލްއަގްވާމީ މުއާހަދަތަކާއި ހިލާފު ގާނޫނެކެވެ. ނަމަވެސް ގާނޫނު ތަންފީޒު ކުރަމުން ދަނީ އެވެ. އިންޑިއާއަކީ ޑިމޮކްރަސީގައި ކުރިއަރާފައިވާ ގައުމެއް ކަމަށް ބުންޏަސް ތަހުޒީބު ޑިމޮކްރަސީއެއް ނޫނެވެ." ފާއިޒުގެ ފޭސްބުކް ޕޯސްޓްގައި ލިޔުއްވައިފައިވެ އެވެ.

ފާއިޒު ވަނީ އިންޑިއާއާއި އެމެރިކާ ފަދަ ގައުމުތަކަކީ ކުރިއަރާފައިވާ ތަހުޒީބު މުޖުތަމައުތައް ކަމުގައި ބުނެ، އެ ގޮތަށް ބަލައިގެން އެ ގައުމުތަކުން ކަންކުރާ ކަމުނުދާ ގޮތްތަކަށް ރާއްޖޭގެ ގާނޫނުތައް ބައްޓަން ކުރަންވީތޯ ސުވާލު ކުރައްވާފަ އެވެ.

އެފަދަ ސުވާލެއް ކުރައްވައި ފާއިޒު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރައީސް އޮފީހުގެ ލީގަލް ކައުންސިލަށް އަހުމަދު އަބްދުﷲ އަފީފު ވަނީ ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގައި ހައްގުތައް ހިފަހައްޓާ ގޮތަށް ޑިމޮކްރެޓިކް ގައުމުތަކުގެ ޓެރަރިޒަމްގެ ގާނޫނު ބައްޓަން ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ވަރަށް ވެސް ސަރުކާރުން ހުށަހެޅި ބިލުގައި ހައްގުތައް ހިފަހައްޓާފައި ނުވާނެ ކަމަށް އަފީފު ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބައެއް ހައްގުތައް ހިފަހައްޓާފައިވާތީއާއި ފުލުހުންނަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް އޮތީތީވެ ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންގެ އިތުރުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި އެ ބިލު މިހާރު އޮތް ގޮތުން، ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި އެފަދަ ކުށްތަކުގެ ތުހުމަތުގައި، ކޯޓު އަމުރެއް ނެތި މީހުންނާއި ތަންތަން ބަލައި ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.