ހަބަރު

ބަސް ކުރިއެރުވުމަށް ކްރޮސްރޯޑްސް އާއި އެކަޑަމީ މަޝްވަރާކޮށްފި

ދިވެހި ބަސް ކުރިއަރުވާ ބަސް ދަސްކޮށްދިނުމަށް ކްރޮސްރޯޑްސް މޯލްޑިވްސް ރިސޯޓާއި ދިވެހި ބަހުގެ އެކަޑަމީ މަޝްވަރާކޮށްފި އެވެ.

ކްރޮސްރޯޑްސް މެރީނާގައި މިއަދު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ދިވެހި ބަހާއި ތާރީހާއި އެ ކަންކަމާ ގުޅޭ މަައުލޫމާތު ފޯރުކޮށްދިނުމަށް ބަހުގެ އެކަޑަމީ އިން ކްރޮސްރޯޑްސް ރިސޯޓަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި، ކްރޮސްރޯޑްސްގައި ހުރި ކަލްޗަަރަލް ސެންޓަރުގައި ބެހެއްޓިފައި ފޮތްތަކަކީ ބަހުގެ ސައްހަކަން ޔަގީންކުރެވިފައިވާ ފޮތްތަކެއްތޯ ބެލުމަށް އެކަޑަމީ އިން މަސައްކަތް ކުރާނެ ކަމަށެވެ.

"ހަރުދަނާ މަސައްކަތްތަކެއް ދިވެހި ބަހާއި ތާރީހާއި އޭގެ ހެޔޮ މައުލޫމާތު ފެތުރުމަށް އެހީތެރިވުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްދެވޭނެ. ހަމަ އެހެންމެ، މި ރިސޯޓުތަކުގެ ދިވެހި ރާއްޖޭގެ މުވައްޒަފުންނަށް އަދި އެކަމަށް ޝައުގުވެރިވާ ބޭރުގެ ހުރިހާ ފަތުރުވެރިންނަށް ބަހާއި ބަހުގެ ހެޔޮ މައުލޫމާތު ބަސް ކިޔަވައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްވަރާތައް މި ކުރަނީ" ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވި އެވެ.

އަޝްރަފް އިތުރަށް ވިދާޅުވީ، ދިވެހިބަސް ބޭރު ފަރާތްތަކަށް ހާމަކޮށްދީ ފެތުރުމުގައި ވަރަށްބޮޑު ފައިދާތަކާއި މަންފާތަކެއް ކުރިމަގުގައި ލިބޭނެ ކަމަށެވެ.

މި މަޝްވަރާތަކަށްފަހު ކްރޮސްރޯޑްސް އިން މައުލޫމާތު ދިން ގޮތުގައި ފަހުން ކުރެވޭ އެއްބަސްވުމުގެ ދަށުން ކްރޮސްރޯޑްސްއިން ޕަބްލިޝް ކުރާ ލިޔުންތަކާއި ޕްރޮމޯޝަނަލް ސްކްރިޕްޓުތަކުގައި ބަހުގެ އެކަޑަމީ އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އަދި، ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ތާރީހާއި ސަގާފަތާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި އެކި ވޯކްޝޮޕްތައް ހިންގުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ކަލްޗަރަލް ސެންޓަރުގައި ތަގާފީ ހަރަކާތްތައް ހިންގާ ކްރޮސްރޯޑުގެ ސްޓާފުން ދިވެހި ބަހަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަން އެއްބަސްވާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.